ކޮފީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަޤުބޫލު އެއް ބުއިމެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ކޮފީއަކީ ހަމައެކަނި ވަރުބަލިކަން ފިލުވައިދޭ ބުއިމެއް ނޫނެވެ. ދިރާސާއަކުން ދައްކާގޮތުގައި ކޮފީއާއި މާމުއި އެއްކޮށްލައިގެން ބޭނުންކުރުމަކީ، ބަލިވުމަށްފަހު ގިނަ ދުވަހަށް ދިގުލައިދާ ކެއްސުމާއި ނޭވާލާ ނިޒާމުގެ އުނދަގޫތަކަށް އޮތް ވަރަށް ފައިދާހުރި ފަރުވާއެކެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮފީއާއި މާމުއިގެ މި މަސްހުނި ބޭނުންކުރުމުން ލިބޭ ނަތީޖާ، ކެއްސުމަށް އާންމުކޮށް ބޭނުންކުރާ “ޕްރެޑްނީޒޯން” ފަދަ ސްޓެރޮއިޑް ބޭސްތަކަށްވުރެ މާ ބޮޑަށްވެސް ރަނގަޅެވެ. ކޮފީގައި ހިމެނޭ ކެފެއިންއަކީ ޤުދުރަތީ “ބްރޮންކޯޑައިލޭޓަރ” އެކެވެ. މީގެ މާނައަކީ ކެފެއިންގެ ސަބަބުން ނޭވާލާ ނިޒާމުގެ ހޮޅިތައް ދޫކޮށްލައި، ނޭވާލާން ފަސޭހަކޮށްދެއެވެ. އަދި މާމުޔަކީ އޭގައި ދުޅަވުން ކުޑަކޮށްދޭ މާއްދާތައް އެކުލެވޭ، ކަރުތެރެއަށް ފަސޭހަކަން ގެނެސްދޭ އަދި އަރިދަފުސް މަދުކޮށްދޭ އެއްޗެކެވެ. މި ދެ ބާވަތް އެކުވުމުން ކަރުތެރޭގެ ހިރުވުން ކުޑަކޮށްދީ، ކެއްސުން މަދުކޮށް، ބަލިން އަވަހަށް ފަސޭހަވުމަށް މަގުފަހިކޮށްދެއެވެ.
މި ޤުދުރަތީ ފަރުވާ ތައްޔާރުކުރާނެ ގޮތަކީ، ¾ ޖޯޑު ރޯ މާމުއި އަދި ½ ޖޯޑު އިންސްޓަންޓް ކޮފީ ގްރެނިއުލްސް އެއްކޮށްލައިގެން ޕޭސްޓެއް ތައްޔާރުކުރުމެވެ. އެއަށްފަހު، މި ތައްޔާރުކުރި ޕޭސްޓުން އެއް ސަމުސާ، 8 އައުންސްގެ ތާފަނާ (މާ ހޫނު ނޫން) ފެންތަށްޓަކަށް ގިރުވައިގެން، ބަލީގެ އަލާމާތްތައް ރަނގަޅުވަންދެން ދުވާލަކު ތިން ފަހަރު ބޯށެވެ.
ސްޓެރޮއިޑް ބޭސްތަކަކީ އޭގެ ސަބަބުން ހަށިގަނޑަށް އެކި ކަހަލަ ނޭދެވޭ އަސަރުތައް ކުރިމަތިވެދާނެ އެއްޗެކެވެ. ނަމަވެސް ކޮފީއާއި މާމުއިގެ މި ފަރުވާއަކީ އެއްވެސް ނުރައްކަލެއް ނެތް، ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ކުރެވިދާނެ ފަރުވާއެކެވެ. މިއީ ބޭސް ބޭނުންކުރުމުގެ ބަދަލުގައި އިޚްތިޔާރު ކުރެވިދާނެ ވަރަށް ފައިދާހުރި ޤުދުރަތީ ހައްލެކެވެ.
