ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހަތުން އަރައި ކްރޮއޭޝިޔާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ، ދެވަނަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16 އިން ޕޯޗްގަލް ޖާގަ ހޯދައިފިއެވެ.

ކެނެޑާގެ ޓޮރޮންޓޯގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ޕޯޗްގަލް އާއި ކްރޮއޭޝިޔާއެވެ.

ގުރޫޕް ސްޓޭޖުން، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބުނު މި ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަކޮޅު ޕޯޗްގަލްއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ކްރޮއޭޝިޔާއިން ވަނީ ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދައި ޕޯޗްގަލްގެ ގޯލަށް ނުރައްކާކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ވެގެން ދިޔައީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވުނު ހާފެއްގެ ގޮތުގައެވެ.

ދެވަނަ ހާފު ވެސް ވާދަވެރި ހާފެއްގެ ގޮތުގައި ފެނުނުއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކްރޮއޭޝިޔާއިންނެވެ. 53 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ. ޕެރިސިޗް މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޔޮސިޕް ސްޓަނިސިޗް ނަގައިދިން ހުރަހަކުންނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ޕޯޗްގަލްއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދޭވޭގޮތުގައި ހިފިފައެއް ނުވެއެވެ. ކްރޮއޭޝިޔާގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ޕޯޗްގަލްގެ ހަމަލާތައް ހުއްޓުވުމުގައި 64 ވަނަ މިނިޓާއި ހަމައަށް ކާމިޔާބު ހޯދާފައެވެ.

ޕޯޗްގަލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ލަނޑަށްފަހު ކްރޮއޭޝިޔާއިން އެޓޭކްތައް ވަރުގަދަކޮށް ޕޯޗްގަލްގެ ގޯލަށް ނުރައްކާކުރިއެވެ. ކްރޮއޭޝިޔާއިން އުފެއްދި މި ހަމަލާތައް ހުއްޓުވުމުގައި ޕޯޗްގަލްގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ފަހަތުން އަރައި ޕޯޗްގަލް މޮޅުވި މި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. ރަފައެލް ލިއާއޯ ކްރޮއޭޝިޔާގެ އެރިޔާ ތެރެއަށް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ޕޯޗްގަލް މޮޅުކޮށްދިން މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން ނުކުތް ގޮންސާލޯ ރާމޯސްއެވެ.

ގަދަ 16 ގެ މެޗުގައި ޕޯޗްގަލް ބައްދަލުކުރާނީ ސްޕެއިންއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top