“ރާއްޖޭގެ ފިލްމީ އާއިލާއަކީ ނިސްބަތުން ކިތަންމެ ކުޑަ އާއިލާއެއް ނަމަވެސް، މިއީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބަދަހި ބައެކެވެ. “ޖަންނަތު” ގެ ޓްރެއިލާ ރިލީޒްކުރުމާއެކު، މުޢާ ޢަބްދުﷲގެ ފަރާތުން އަޅުގަނޑަށް ވަރަށް ފުރިހަމަ މެސެޖެއް ލިބުނެވެ. އެއީ ހަމައެކަނި ކާމިޔާބީއަށް އެދި ފޮނުވި މެސެޖެއް ނޫނެވެ. އޭގެ ބަދަލުގައި، ފިލްމުގެ ޓްރެއިލާއިން އުފެދުނު ތަޞައްވުރަކަށް ބިނާކޮށް، އޭނާ ވަނީ ފުރިހަމަ ޅެމަކާއި މިއުޒިކެއް ތައްޔާރުކޮށްދީފައެވެ.
މިއީ ކޮންމެފަދަ ގޮންޖެހުމަކާ ކުރިމަތިވީ ނަމަވެސް، ހިތްވަރާއެކު ކުރިއަށް ދިއުމުގެ މައްޗަށް ބިނާކޮށްފައިވާ އަޅުގަނޑުމެންގެ މި ވާހަކައަށް ދެވުނު ވަރަށް ފުރިހަމަ ހަދިޔާއެކެވެ. މިއީ ފަންނުވެރިކަމުގެ ގޮތުންނާއި ޅެންވެރިކަމުގެ ގޮތުން ވެސް ހިތަށް އަސަރުކުރުވާ ފަދަ އޯގާތެރި އަމަލެކެވެ. މީގެއިން ހާމަވެގެންދަނީ އަޅުގަނޑުމެންގެ މި ދާއިރާގެ ބަދަހިކަމާއި، ފަންނުވެރިންގެ މެދުގައި އޮތް އުފެއްދުންތެރި ގުޅުމެވެ.
މިފަދަ އަގުހުރި ހަދިޔާއެއް ހިއްސާކޮށްދެއްވީތީ މުޢާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. އުއްމީދަކީ ވަރަށް އަވަހަށް މި ޅެން ލަވައެއްގެ ސިފައިގައި އަޑުއިވިގެން ދިއުމެވެ. ޑާކް ރެއިން އެންޓަޓެއިންމަންޓްގެ މުޅި ޓީމުގެ ފަރާތުން މުޢާ އަށް ނުހަނު އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ.
މި އޯގާތެރި ހަދިޔާ އެންމެހައި ބޭފުޅުންނާ އަޅުގަނޑު ހިއްސާކޮށްލަމެވެ.
ޅެން: މުޢާ ޢަބްދުﷲ” އަޙްމަދު ޠަލާލް (ތޮލް)
ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ ފިލްމު “ޖަންނަތު”ގެ ސްކްރީންޕްލޭ ލިޔުމުގައި ޢާއިޝަތު ފުއާދު އާއެކު ބައިވެރިވި އަޙްމަދު ޠަލާލަށް ފިލްމީ ތަރި، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރު މުއާ ފޮނުވި ‘ޚާއްޞަ ޅެމަށް’ އިޝާރާތްކޮށް ޠަލާލް ލިޔެލާފައިވެއެވެ.
އަޙްމަދު ޠަލާލް (ތޮލް) އަށް މުއާ ފޮނުވި ޅެމަކީ ހަމަ ހަގީގަތުގައިވެސް ފިލްމު “ޖަންނަތު”ގެ ޓްރެއިލާއިން ފެންނަ މަންޒަރުތަކުން ބަފައެއްގެ ވިސްނުމުގައި ލިޔެފައިވާ ހިތްގައިމު ޅެމެކެވެ. “ހިމޭންކަމުގެ ސުވަރުގެ” ނަމުގައި މުއާ ލިޔެފައިވަ ޅެން ނަކަލުކޮށްލާނަމެވެ.
ހިމޭންކަމުގެ ސުވަރުގެ
ނުކުޅެދޭ ހަށިގަނޑާ ވޭނުގައި މިއަދު ހިތް ރޮނީއެ
އެންމެ ގާތް އެހީތެރި ޔާރުންވެސް ދުރަށްގޮސް ފިލަނީއެ
އެކަނިވެރިކަމުގެ ބިރުވެރި ކަނޑެއްގައި ޣަރަޤު ވަނީއެ
އެހެނަސް ތުއްތު ދަރިފުޅާ އެކު ކުރިއަށް މި ހިނގަނީއެ
އޯގާތެރިކަމުގެ ނަމުގައި މިއަދު އޮތީ ހުސް އަމިއްލަ އެދުމެކޭ،
އިންސާނިއްޔަތުކަމަކީ އަގުދީފަ ގަންނަން ލިބޭނެ އެއްޗެއް ނޫނެކޭ،
މި ނިކަމެތި ޙާލާމެދު ހަމްދަރުދީވާނެ ފަރާތެއް ނެތް ޒަމާނެކޭ،
އެކަމަކު ބައްޕަގެ މޭގައި ދަރިފުޅަށް އޮތީ ތެދުވެރި ލޯތްބެކޭ
އުފާފާގަތި ދިރިއުޅުމަކީ މިއަދު ހަމަ ދެކޭ ހުވަފެނެކޭ،
އެހެނަސް އުއްމީދަކީ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ އެއްޗެކޭ،
މި އަނދިރި ދުނިޔޭގައި ދަރިފުޅުގެ މަޢުޞޫމް ހިނިތުންވުމަކީ،
މި ނިކަމެތި ބައްޕަގެ ހިތްދަތިކަން ފިލުވައިދޭ ފަރުވާއޭ.
ދިރިހުރީތީ އަދިވެސް މި ހިތުގައި ފޮނި އުއްމީދެއް ވާނޭ،
މާޔޫސްކަމުގެ ތެރެއިންވެސް އަލިގަދަ ދޯއްޖެއް ފެންނާނޭ،
ހިމޭންކަމާއި އަޑުގެ ދެމެދުގައި އަމިއްލަ އުފާވެރިކަން އުފެދޭނޭ،
ދަރިފުޅާ އެކު މި ދުނިޔޭގައި ބައްޕަގެ ސުވަރުގެ ބިނާކުރާނޭ.
މުއާގެ މި ޚާއްޞަ ފަންނީ މަސައްކަތަށްޓަކައި ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ ޝުކުރުއަދާކޮށްފައެވެ. މީގެ އިތުރުން މި ޅެން ފެނިފައި މުއާގެ ބައިވެރިޔާ އައްޒަވެސް ވަނީ ހައިރާންކަމާއެކު އެއަށް ކޮމެންޓްކޮށްފައެވެ.
