ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު މެޗުން މޮޅުވި ވިޒިޓް މޯލްޑިވްސް، ބިނާރާ އާއެކު ކުއާޓާރ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކުލެސިކް މުބާރާތުގެ 34 ވަނަ މެޗުން މޮޅުވި ވިޒިޓް މޯލްޑިވްސް، 33 ވަނަ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ ހޯދި ބިނާރާއާއެކު ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 33

ތެއްތިރީސްވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ބިނާރާ އާއި ޕީއެސްއެމްއެވެ. ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބިނާރާ މެޗާއި ކުރިމަތިލީއިރު މެޗުން މޮޅުވެގެން ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު ޕީއެސްއެމްއަށް ވެސް އޮތެވެ. ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވިފައެވެ.

ދެވަނަ ހާފުގައި ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ލީޑު ނެގީ ޕީއެސްއެމްއެވެ. 31 ވަނަ މިނެޓުގައި ހުސައިން އަމީން ޖަހައިދިން ލަނޑުން ނެގި ލީޑު މާގިނައިރު ޕީއެސްއެމްއަށް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ޕީއެސްއެމްއިން ލަނޑު ޖެހިތާ މިނިޓެއް ނުވަނީސް އަޙްމަދު ރުވާއު ވަނީ ބިނާރާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗު އެއްވަރު ކޮށްލައިގެން ވެސް ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ބިނާރާ، ފަހަތުން އަރައި ލީޑު ނެގީ މެޗު އެއްވަރު ކުރިތާ އިރުކޮޅެއް ފަހުން ޢަބްދުﷲ ނާހިލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު 10 ޕޮއިންޓް ހަމަކޮށް، ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ބިނާރާ ވަނީ ކުއާޓާރ ފައިނަލަށް ދަތުރު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ބިނާރާގެ އަޙްމަދު ރުވާއުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ރުވާއު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 34

ސައުރަތިރީސްވަނަ މެޗުގައި ބައްދަލުކުރީ ވިޒިޓް މޯލްޑިވްސް ކުލަބާއި ތަޢަލީމީ ގުޅުމެވެ. މިއީ ގުރޫޕް ސީގެ ފަހު މެޗެވެ. މި މެޗުން މޮޅުވެގެން ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު ވިޒިޓް މޯލްޑިވްސްއަށް އޮތްއިރު ތަޢުލީމީ ގުޅުން އޮތީ މުބާރާތުން ކަޓާފައެވެ. މޮޅު ކުޅުމެއް ވިޒިޓް މޯލްޑިވްސްގެ ފަރާތުން ފެނުނުއިރު މެޗު ފަށައިގެން މާ ގިނައިރެއް ނުވެ އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފާލިހް އަޙްމަދެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން ދިޔަ ތަޢުލީމީ ގުޅުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފި ދިޔައިރު، ނަތީޖާ ފަރަގު ބޮޑުކޮށްލަން ވިޒިޓް މޯލްޑިވްސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ނުހިފުނެވެ.

ދެވަނަ ހާފުގައި ވިޒިޓް މޯލްޑިވްސް އިން އުފެއްދި ފުރަތަމަ ހަމަލާގައި އެ ޓީމުން ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ސައިންއެވެ. މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ވިޒިޓް މޯލްޑިވްސްއެވެ.

މި މެޗު ނިމުނީ އިސްމާއިލް ރާއިދު، ވިޒިޓް މޯލްޑިވްސްއަށް ޖަހައިދިން ލަނޑާއެކު 3-0 އިން އެ ޓީމު މޮޅުވެގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ސައިން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވިޒިޓް މޯލްޑިވްސްއަށް ހަތް ޕޮއިންޓް ލިބި ގުރޫޕްގެ ދެވަނަ ޔަޤީންވިއެވެ. އަދި ގުރޫޕްގެ އެއްވަނަ ހޯދި ބަންޑާރަ ކުލަބާއިއެކު ކުއާޓާރ ފައިނަލަށް ދަތުރުކުރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top