ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީއެއް ނެތް ނަމަ އެއީ އިންސާނެއް ނޫން: މިސްރުގެ ކޯޗު ހަސަން

ފީފާ ވޯލްޑް ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް މިސްރުގެ ކޯޗު ހުސާމް ހަސަން ވާހަކަދައްކަވައިފިއެވެ.

މިސްރުގެ ކޯޗު ހުސާމް ހަސަން ފަލަސްތީނަށް އޮތް ތާއީދު އަނެއްކާވެސް މިވަނީ ހާމަކޮށްފައެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި މިސްރުން ހޯދި ތާރީޚީ މޮޅު ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށް، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ފަލަސްތީނުގެ ދިދަ ވިހުރުވާފައެވެ.

މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ދަނިކޮށް، ހަސަން ވަނީ އެ މައުޟޫއުން ބޭރުވެ، ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ މެދު ވަރަށް އަސަރުގަދަ ވާހަކަތަކެއް ދައްކަވާފައެވެ.

“ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހެއް ކަމުގައި ވިޔަސް، އަރައްބެއް، ޔޫރަޕް މީހެއް ނުވަތަ އެމެރިކާ މީހެއް ކަމުގައި ވިޔަސް، ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީއެއް ނެތް ނަމަ އެއީ އިންސާނެއް ނޫން،” ހަސަން ވިދާޅުވިއެވެ. މި މައުޟޫއަށް ހަތަރު މިނެޓަށް ވުރެ ގިނަ އިރު އޭނާ ވާހަކަދެއްކެވިއިރު، އެ ތަނަށް އެއްވެ ތިބި ގިނަ ނޫސްވެރިން ވަނީ އޭނާއަށް އަތްޖަހައި ސާބަސް ދީފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރުން އަދިވެސް ދަނީ ކުރިއަށެވެ. އޮކްޓޯބަރު 7 ގައި ފެށި މި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް މަދުވެގެން 73,066 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 20,179 ކުޑަކުދިން ހިމެނެއެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން 463 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 157 ކުޑަކުދިން ހިމެނެއެވެ. ގާޒާގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން، އެމީހުންގެ ގެދޮރު ގެއްލި ސުންނާފަތިވެފައިވާ ތަންތަނުގައި ދިރިއުޅެމުންދާއިރު، އެމީހުންގެ މުސްތަގުބަލާ މެދު ވަނީ ބޮޑު ނުތަނަވަސްކަމެއްގައެވެ.

އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗަށްފަހު ފަލަސްތީނުގެ ދިދަ ވިހުރުވައިލީ ކީއްވެގެންތޯ ސުވާލުކުރުމުން ހަސަން ބުނީ، އެއީ “އިންސާނިއްޔަތުކަމުގެ އިހުސާސެއްގެ ސަބަބުން ކުރެވުނު ކަމެއް” ކަމަށެވެ.

“ޔޫރަޕް ނުވަތަ އެމެރިކާގައި ވިޔަސް، ދުނިޔޭގެ ކޮންމެ ތަނެއްގައި ޖަނަވާރަކަށް އަނިޔާއެއް ލިބުނަސް ޖަނަވާރުންގެ ހައްގުތައް ހިމާޔަތްކުރަން މުޅި ދުނިޔެ ތެދުވޭ. އެކަމަކު މިސައިލް ހަމަލާތަކުގެ ސަބަބުން އެއް ދުވަސް ތެރޭ ދެތިން ހާސް މީހުން މަރުވުމަކީ މިހާރު އާދައިގެ ކަމަކަށް ވެއްޖެ،” ހަސަން ވިދާޅުވިއެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރަމުންދާއިރު، ސްޕެއިންގެ ލަމީން ޔަމާލް ފަދަ މަޝްހޫރު ކުޅުންތެރިން ވެސް ދަނީ ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ލިއޮނަލް މެސީއާ ބެހޭގޮތުންނާއި މިސްރު ޓީމަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންވެސް، ހަސަން ވަނީ ފަލަސްތީނުގެ ވާހަކަ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

“ދީނަކަށް ބެލުމެއް ނެތި… އަހަރެންނަކީ އަރައްބަކަށް ވުމުގެ ކުރިން އިންސާނެއް. ފުޓްބޯޅައިގެ ޒަރީއާއިން އަހަރެން ދޭން ބޭނުންވާ މެސެޖަކީ، ފީފާގެ ޝިއާރުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށް ގޮވާލާ ފަދައިން، އިންސާނުންގެ ދިރިއުޅުމުގެ ހައްގަށް ވެސް އިހުތިރާމް ކުރުމަށް އުންމީދު ކުރާ ވާހަކަ،” ހަސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، “އަހަރެންގެ ހުވަފެންތަކާއި އުންމީދުތަކަށް ހުދޫދެއް ނެތް. ސަޕޯޓަރުންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން. އަހަރެމެންނަކީ ކުޑަ ޓީމެއް ނޫން. ހުރިހާ ގޮތަކުން ވެސް އަހަރެމެންނަކީ ވަރުގަދަ ބައެއް. އަހަރެމެންނަކީ 7,000 އަހަރަށް ވުރެ ދިގު ތާރީޚެއް އޮތް ހަޟާރާތެއްގެ ވެރި ބައެއް.”

ކުރިއަށް އޮތް މެޗުގައި މިސްރަކީ ފޭވަރިޓުން ނޫން ކަމަށް ހަސަން ގަބޫލުކުރި ނަމަވެސް، އިދިކޮޅު ޓީމު ދެކެ ޖެހިލުން ނުވާކަމަށް އޭނާ ބުންޏެވެ.

“އަހަރެމެން މި ކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާ އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ (މެސީ) އާ ދެކޮޅަށްކަން އެނގޭ. އެކަމަކު އަހަރެމެން އެމީހުން ދެކެ ބިރެއް ނުގަނޭ. އެ ޒިންމާގެ ސަބަބުން އަހަރެމެން އިތުރަށް ފޯކަސް ކުރަނީ ދަނޑުމަތީގައި ދެއްކޭނެ ކުޅުމަކަށް. އަހަރެމެންގެ ކޮނޑުގައި މިސްރާއި، އަރަބި ދުނިޔެއާއި، އެފްރިކާގެ ޒިންމާ އެބައޮތް. އަހަރެމެން ތަމްސީލު ކުރަނީ އެ ހުރިހާ އެންމެން،” ހަސަން ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top