އަންގާރަ ދުވަހު ކުޅުނު ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކޮށް، ސްވިޒަލޭންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ. ސްވިޒަލޭންޑް މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރޫބެން ވާގަސްއެވެ.
ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑް ދެން ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު މިސޫރީގެ ކެންސަސް ސިޓީގައި ހުންނަ އެރޯހެޑް ސްޓޭޑިއަމްގައެވެ. އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރީ މިދިޔަ އަންގާރަ ދުވަހު މިސުރުގެ މައްޗަށް 3-2 އިން ކުރިހޯދައިގެންނެވެ.
މިއީ 1954 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕަށްފަހު، ސްވިޒަލޭންޑުން މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި މެޗަށް ސްވިޒަލޭންޑުން ނުކުތީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ޔޯހާން މަންޒަމްބީއާ ނުލައެވެ. އޭނާއަށް އަނިޔާވީ ހޯމަ ދުވަހުގެ ފަރިތަކުރުންތަކުގައެވެ.
މި މުބާރާތުގައި މިހާތަނަށް ދެ ލަނޑު ޖަހާފައިވާ ވާގަސްއަށް ވެސް ހޯމަ ދުވަހުގެ ފަރިތަކުރުންތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، އޭނާ ހުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ތައްޔާރަށެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އޭނާ ވަނީ ކުޅުމުގެ ތެރެއަށް ނުކުމެފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހުނުއިރު، ކޫޗޯ ހެނާންޑޭޒްގެ ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ގްރެގޯ ކޯބެލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ޕެނަލްޓީގައި ސްވިޒަލޭންޑަށް ކުރިލިބުނެވެ.
ބީ.ސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަޑައިގެންނެވިއެވެ. މުޅި ސްޓޭޑިއަމް ފުރިފައި އޮތްއިރު، ގިނަ ބަޔަކު ތިބީ ކޮލަމްބިއާއަށް ސަޕޯޓުކުރުމުގެ ގޮތުން އެ ގައުމުގެ ރީނދޫ ކުލައިގެ ޖާޒީގައެވެ.
ކޮލަމްބިއާއަކީ އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވި ގައުމެއް ނޫނެވެ. އެ ގައުމުން އެންމެ ފަހުން ކުއާޓާ ފައިނަލަށް ދަތުރުކުރީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގައެވެ. އެފަހަރު ގަދަ 16 ގައި އުރުގުއޭ ބަލިކުރި ނަމަވެސް، ކުއާޓާގައި ބްރެޒިލް އަތުން 2-1 އިން ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ.
ސްވިޒަލޭންޑުން އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 އާ ހަމައަށް ދަތުރުކުރި ނަމަވެސް، 32 ޓީމު ކުޅުނު އެ މުބާރާތްތަކުގައި އެއަށްވުރެ ކުރިއަށް ދެވޭގޮތެއް ނުވިއެވެ.
ތަފާތު ދެ ވައްޓަފާޅިއަކަށް ކުޅޭ ދެ ޓީމުގެ މެޗު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ސްވިޒަލޭންޑުން ރޭވުންތެރި ކުޅުމެއް ދެއްކިއިރު، ކޮލަމްބިއާގެ ކުޅުން ބޮޑަށް ބިނާވެފައި އޮތީ އެޓޭކް ކުރުމަށެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުމުގައި ސްވިޒަލޭންޑަށް ކުޑަ ކުރިއެރުމެއް ލިބުނު ނަމަވެސް، މުޅި މެޗުގައި ދެ ޓީމަށް ވެސް ފޮނުވާލެވުނީ ގޯލަށް އަމާޒުވި ދެ ހަމަލާއެވެ.
