ސިޖޫ ވިލްސަން ލީޑް ރޯލުން ފެނިގެންދާ ސައިކޮލޮޖިކަލް ތުރިލާ ފިލްމު “ޑޯޒް” އޯޓީޓީ ޕްލެޓްފޯމްތަކުގައި ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
މި ފިލްމު ސްޓްރީމް ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 10، 2026 ގައެވެ. “ޑޯޒް” ބަލާލެވޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ (ލަޔަންސްގޭޓް ޕްލޭ މެދުވެރިކޮށް)، އޭޕީ އިންޓަނޭޝަނަލް، މަނޯރަމާ މެކްސް އަދި އަހާ ވީޑިއޯ ހިމެނެއެވެ.
މި ފިލްމުގެ އަސްލު ބަހަކީ މަލަޔާޅަމް ކަމަށްވީ ނަމަވެސް، ތަމަޅަ، ހިންދީ އަދި ތެލުގޫ ބަހުން ވެސް މި ފިލްމު ބަލާލެވޭނެއެވެ.
ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ހޮސްޕިޓަލެއްގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. ޑޮކްޓަރަކަށް އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުގައި ބަލިމީހުން މަރުވަމުންދާ ގޮތާމެދު ޝައްކުތަކެއް އުފެދިގެން އެކަން ތަހުޤީޤުކުރަން ފަށައެވެ. މި މަސައްކަތުގައި އޭނާއާއެކު ބައިވެރިވަނީ ހިތްދަތި މާޒީއެއް އޮތް ތަހުޤީޤީ އިދާރާގެ މީހެކެވެ. ދެމީހުން ގުޅިގެން ކުރާ މި މަސައްކަތުގައި ހޮސްޕިޓަލުގެ ތެރޭގައި ފޮރުވިފައިވާ ނުރައްކާތެރި ސިއްރުތަކެއް ފަޅާއަރައި، އެމީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ދެއެވެ.
އަބީލާޝް އާރް. ނައިރު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސިޖޫ ވިލްސަންގެ އިތުރުން އަޝްވިން ކުމާރު، ދްރިޝްޔާ ރަގުނާތު، ކްރިޝާ ކުރުޕް އަދި ޖަގަދީޝް ފަދަ ތަރިން ހިމެނެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ގޯޕީ ސުންދަރެވެ.
ސިޖޫ ވިލްސަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ “ޑިޓެކްޓިވް އުއްޖުވަލަން” އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ކަމަށް ބެލެވެނީ “މާރީޗަން” އަދި “މުންނޫއްޓު” އިންނެވެ.
