ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ 5 ވަނަ މެޗުން އެސްޓީއޯ އަދި 6 ވަނަ މެޗުން ޕްރިޒަންސް ކުލަބް މުހިންމު މޮޅެއް ހޯދައިފިއެވެ. މިރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
މެޗު 5
ފަސްވަނަ މެޗުގައި ބައްދަލުކުރީ ހެލްތު ރެކްރިއޭޝަން ކުލަބާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ލަދުވެތި ބައްޔަކާއި ހެލްތު ކުރިމަތިލާން ޖެހުނު ނަމަވެސް، އެސްޓީއޯ ވަނީ ފަސޭހަ މޮޅެއް ހޯދާފައެވެ.
ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކުރި އެސްޓީއޯއިން މި މެޗު ކާމިޔާބުކުރީ ކުރީ މެޗަށްވުރެ ފަސޭހަކޮށެވެ. މެޗުގެ ހަވަނަ މިނިޓްގައި އެސްޓީއޯއިން ނެގި ލީޑު 9 ވަނަ މިނިޓްގައި ފުޅާކުރިއެވެ. ގާތްގާތުގައި ގިނަ ލަނޑުތަކެއް އެސްޓީއޯއިން ޖެހި މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ހަތްލަނޑު ޖެހިއެވެ.
ދެވަނަ ހާފުގައި ހެލްތުން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި އެސްޓީއޯއަށް ޖެހުނީ އެންމެ ލަނޑެކެވެ. 8-0 އިން އެސްޓީއޯ މޮޅުވި މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފާތިމަތު ނިހާމާ 3 ލަނޑު، ޝިޔާނާ އަޙްމަދު 2 ލަނޑު، އައިޝަތު ސަމާ 2 ލަނޑު، މަލްދާ ނަސީމް 1 ލަނޑެވެ. އެސްޓީއޯގެ އަނެއް ލަނޑަކީ ހެލްތުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު އެސްޓީއޯއިން ވަނީ ހަ ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ ދެވަނައަށް ޖެހިލައިފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ފާޠިމަތު ނިހާމާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މެޗު 6
ހަވަނަ މެޗުގައި ބައްދަލުކުރީ ޕްރިޒަންސް ކުލަބާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސްއެވެ. ޕްރިޒަންސް ކުޅުނު ފުރަތަމަ މެޗުން ތަފާތުބޮޑު ނަތީޖާއަކުން އެ ޓީމް މޮޅުވެފައިވާއިރު، ޔޫތު މިނިސްޓްރީގެ މިއީ ފުރަތަމަ މެޗެވެ.
ވާދަވެރިކަން ބޮޑު ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ޔޫތު މިނިސްޓްރީންނެވެ. އެ ޓީމުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރިއެވެ.
ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ބޮޑު އުންމީދަކާއިއެކު މި މެޗާއި ކުރިމަތިލި ޕްރިޒަންސްއަށް މި މެޗުގައި ތަފާތު ދެއްކޭ ގޮތެއް ނުވިއެވެ. ޑިފެންސްކުރުމުގައާއި އެޓޭކް ކުރުމުގައި ޔޫތު މިނިސްޓްރީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޕްރިޒަންސްއަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފާތިމަތު އިނާސާ އާދަމްއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެ ޓީމުން ހަ ޕޮއިންޓް ހަމަކުރިއިރު، ގުރޫޕް އޭގެ އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާލާއިރު:
20:15 – ހެލްތު ރެކްރިއޭޝަން އާއި ހުޅުމާލޭ ހޮސްޕިޓަލް
20:15 – ސްޓެލްކޯ އާއި ބީއެމްއެލް
21:30 – އެމްއޭސީއެލް އާއި އެޗްޑީސީ
21:30 – އެސްޓީއޯ ރެކްރިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު
