މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމްކޮށްގެން ކަނބަލުންނަށް ބޭއްވި “މިޔަޓް ފެމިނާ ފުޓްސަލް 2026” މުބާރާތުގެ ޗެމްޕިއަންކަން ކ. މާފުށީ ކައުންސިލްގެ އަންހެން ޓީމު ހޯދައިފިއެވެ.
އެއް ދުވަހުގެ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި މިއަހަރު ވަނީ ހަތަރު ޓީމަކުން ބައިވެރި ވެފައެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ، ދިއްފުށި ވިމެންސް ފުޓްސަލް ޓީމު އާއި ހިންމަފުށީ ވިމެންސް ފުޓްސަލް ޓީމު އަދި ތުލުސްދޫ ކަންމަތި ލޭޑީސް އާއި މާފުށީ ކައުންސިލް ޓީމެވެ.
މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ލީގު ބުރެއް ކުޅެ، ލީގު ބުރުގެ އެއްވަނަ ޓީމާއި ލީގު ބުރުގެ ދެވަނަ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
ލީގު ބުރުގައި އެ ޓީމު ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާއިއެކު ލީގު ބުރުގެ އެއްވަނަ މާފުށީ ކައުންސިލް ޓީމު ހޯދިއިރު، ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލީގު ބުރުގެ ދެވަނަ ހޯދީ ދިއްފުށީ ވިމެންސް ފުޓްސަލް ޓީމެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ލީގު ބުރުގެ ތިންވަނަ ހިންމަފުށީ ވިމެންސް ފުޓްސަލް ޓީމު ހޯދިއިރު، ތުލުސްދޫ ކަންމަތި ލޭޑީސް ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ ބަލިވެފައެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން / ފޮޓޯ: މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ – އެފްބީ
ދިއްފުށީ ވިމެންސް ފުޓްސަލް ޓީމާއި މާފުށީ ކައުންސިލް ޓީމު ވާދަކުރި ފައިނަލް މެޗު ވެގެން ދިޔައީ ބަލާހިތް ވާފަދަ ފޯރިގަދަ ކުޅުމެއް ފެނުނު މެޗަކަށެވެ. ލީގު ބުރުގައި މި ދެ ޓީމު ވާދަކުރި މެޗު ފަސޭހަކަމާއިއެކު 3-0 އިން މާފުށި ކާމިޔާބުކުރި ނަމަވެސް މި މެޗުގައި، ދިއްފުށިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި މާފުށްޓަށް ވަރުގަދަ ޗެލެންޖެއް ކުރިމަތި ކުރުވާފައެވެ. ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުޓްސަލް އާއި ފުޓްބޯޅައިގައި ނަން ހިނގާ ކުޅުންތެރިންތަކެއް ފެނުނު މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މާފުށިން ޖެހީ މެޗުގެ ފަހު މިނިޓްގައެވެ. މާފުށްޓަށް މި ލަނޑު ޖަހައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މަރިޔަމް ނޫރާއެވެ. ނޫރާ މި ލަނޑު ޖަހާފައިވަނީ ދިއްފުށީ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް އަރައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.
މި މުބާރާތުގެ މަގާމްތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ބަލާލާއިރު، މުބާރާތުގެ ޗެމްޕިއަންއަކީ މާފުށީ ކައުންސިލްގެ ޓީމެވެ. ރަނަރަޕް ޓީމަކީ ދިއްފުށީ ވިމެންސް ފުޓްސަލް ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މާފުށީ ކައުންސިލްގެ ޓީމުގެ މަރިޔަމް ނޫރާއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ހިންމަފުށީ ވިމެންސް ފުޓްސަލް ޓީމުގެ އައިޝަތު ވިޝާޔާ އިލްހާމް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މަރިޔަމް ނޫރާ / ފޮޓޯ: މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ – އެފްބީ
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ދިއްފުށީ ވިމެންސް ފުޓްސަލް ޓީމުގެ މަރިޔަމް ނިޒްލީ، މާފުށީ ކައުންސިލްގެ ޓީމުގެ މަރިޔަމް ނޫރާ، ދިއްފުށީ ވިމެންސް ފުޓްސަލް ޓީމުގެ އާމިނަތު ރިސާލާ، މާފުށީ ކައުންސިލްގެ ޓީމުގެ ޝިޔާނާ އަޙްމަދު ޒުހައިރު އަދި ދިއްފުށީ ވިމެންސް ފުޓްސަލް ޓީމުގެ އާއިޝަތު ލައިބާ ޒާހިރު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާފުށީ ކައުންސިލް ޓީމުގެ މަރިޔަމް ނޫރާއެވެ.
