ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުހިންމީ ވޯލްޑް ކަޕް ކާމިޔާބުވުން، އަހަރެން ޖަހާ ލަނޑުތަކެއް ނޫން – ޔަމާލް

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން 2-1 އިން ސްޕެއިން މޮޅުވި މެޗުގައިވެސް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އޭނާ ލަނޑު ނުޖަހާ އޮތް އޮތުމަކީ އެއްވެސް މީހަކު އަޅާލާނެ ކަމެއް ނޫން ކަމަށް ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.

ލިއޮނަލް މެސީ، ކިލިއަން އެމްބާޕޭ، އާލިން ހާލަންޑް އަދި ހެރީ ކޭން ފަދަ ތަރިން ގިނަ ލަނޑުތަކެއް ޖަހަމުންދާ މި މުބާރާތުގައި، އުމުރުން 18 އަހަރުގެ ޔަމާލަށް މިހާތަނަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އެއީ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ އަތުން 4-0 އިން ސްޕެއިން މޮޅުވި މެޗުގައެވެ.

“އަހަރެން ލަނޑު ޖަހަން ބޭނުންވާކަން ޔަގީން، އެކަމަކު ދަނޑުމައްޗަށް އަަރަނީ އެކަމާ ވިސްނައިގެންނެއް ނޫން. އަހަރެން މަސައްކަތް ކުރަނީ ޓީމަށް އެހީތެރިވުމަށް،” ޔަމާލް ބުންޏެވެ.

ލޮސް އެންޖެލެސްގައި ކުޅުނު މެޗުން މޮޅުވެ، ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންދާ ބާސެލޯނާގެ ތަރި އިތުރަށް ބުނީ، “ވޯލްޑް ކަޕް ކާމިޔާބު ކުރެވިއްޖެނަމަ، އަހަރެން ލަނޑު ޖެހިތޯ ނުވަތަ ނޫންތޯ އެއްވެސް މީހަކު ހަނދާނެއް ނުހުންނާނެ. އެންމެ މުހިންމު ކަމަކީ މޮޅުވުން،” ކަމަށެވެ.

އަދި ލަނޑެއް ނުޖެހުނު ކަމުގައިވިޔަސް ޓީމަށް އެހީތެރިވެވޭނެކަން އޭނާއަށް އެނގޭ ކަމަށާއި، އޭނާގެ ހަރަކާތްތަކުގެ ސަބަބުން އިދިކޮޅު ގިނަ ކުޅުންތެރިންތަކެއް ހުއްޓުވޭތީ، ޓީމަށް އެހީވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ސްޕެއިން އިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު، އުމުރުން އެންމެ 16 އަހަރުގެ ޔަމާލް އަކީ އެ ޓީމުގެ އެންމެ ފާހަގަކޮށްލެވުނު ތަރިއެވެ. އެ މުބާރާތުގައިވެސް އޭނާއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އެއީ ސެމީ ފައިނަލުގައި ފްރާންސް އަތުން 2-1 އިން މޮޅުވި މެޗުގައި ޖެހި ހިތްގައިމު ލަނޑެވެ.

“ޔޫރޯގައި ލަނޑު ޖެހި ގޮތަށް މި މުބާރާތުގައިވެސް އަހަރެން ގިނަ ލަނޑުތަކެއް ޖަހަންޖެހޭނެ ކަމަށް ބައެއް މީހުން ދެކޭ. އެކަމަކު ޔޫރޯވެސް އަހަރެމެން ކާމިޔާބު ކުރީ އަހަރެން އެންމެ ލަނޑެއް ޖަހާފައި ވަނިކޮށް. މި މުބާރާތުގައިވެސް މިހާރު އޮތީ އެންމެ ލަނޑެއް، އެހެންވީމާ އަހަރެން މިހުރީ ވަރަށް ހަމަޖެހިގެން،”ހިނިތުންވުމަކާއެކު ޔަމާލް ކިޔައިދިނެވެ.

އެހެންނަމަވެސް، މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ފްރާންސް ބަލިކޮށް ފައިނަލަށް ދިއުމަށް، ސެމީ ފައިނަލުގެ ކުރީ ދުވަހު 19 އަހަރު ފުރޭ ޔަމާލްގެ ފަރާތުން އިތުރު ލަނޑުތަކެއް ފެނުމަކީ ސްޕެއިންގެ އުއްމީދެކެވެ.

“ދެ ގޮތަކުން ކުރެ އެއްގޮތެއް ވާނީ. ނޫނީ އެމީހުން ވިދިވިދިގެން ތިންވަނަ ވޯލްޑް ކަޕް ފައިނަލަށް ދާނީ، ނުވަތަ އަހަރެމެން ޖެހިޖެހިގެން ތިން ފަހަރު އެމީހުން ބަލިކުރާނީ. ވާގޮތެއް ބަލަމާ ހިނގާ، އަހަރެމެން އެއްވެސް ބިރެއް ނުގަނޭ.”ޔަމާލް ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top