މޫދު ކަސްރަތުތައް (އެކްއަޓިކް އެކްސަސައިޒަސް) ފެށުމަށްފަހު ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކަސްރަތުގެ ސަބަބުން މަސްތަކަށް ލިބޭ ވަރުބަލިކަމުން ސަލާމަތްވުމަށްޓަކައި، ހަށިގަނޑުގައި އިތުރަށް ފެން ހިފެހެއްޓުމެވެ. މީގެ އިތުރުން، މަސްތައް ވަރުގަދަވުމާއި، ކަސްރަތަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި ކެވޭ މިންވަރު އިތުރުވުމަކީ ވެސް ބަރުދަން އިތުރުވާން ދިމާވާ ސަބަބުތަކެކެވެ.
ބަރުދަން ބަލާ ކައްޓާއިން ދައްކާ އަދަދު މަތިވާން މެދުވެރިވާ އެންމެ އާންމު ސަބަބުތަކަކީ:
މަސްތައް އިތުރުވުން: ސަރުބީއަށްވުރެ މަހުގެ ބަރުދަން އިތުރެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގައި ހުރި ސަރުބީ ވިރުނު ކަމުގައި ވިޔަސް، ހަށިގަނޑުގައި މަސްތައް އުފެދެމުންދާނަމަ ބަރުދަން އިތުރުވެދާނެއެވެ.
ފެން ހިފެހެއްޓުން: އަލަށް ކަސްރަތު ކުރަން ފެށުމުން މަސްތަކުގެ ޓިޝޫތަކަށް ކުދިކުދި ލޮޅުންތައް އަރައެވެ. މިކަންކަން ރަނގަޅުކޮށް އާބާދުކުރުމަށްޓަކައި ހަށިގަނޑުން އެ ސަރަހައްދުތަކުގައި ފެން ހިފަހައްޓައެވެ.
ކާހިތްވުން އިތުރުވުން: މޫދު ކަސްރަތުތަކަކީ (ޚާއްޞަކޮށް ފެތުން ފަދަ ކަންކަން) ވަރަށް ބޮޑަށް ހަކަތަ ބޭނުންވާ ކަމެކެވެ. މީގެ ސަބަބުން ވަރަށް ބޮޑަށް ބަނޑުހައިވެ، ކަސްރަތުން އަންދާލި ކެލަރީއަށްވުރެ ގިނައިން ކެވުމުގެ ފުރުސަތު އޮވެއެވެ.
ގްލައިކޯޖަން ރައްކާކުރުން: ހަކަތަ ހޯދުމަށްޓަކައި ހަށިގަނޑުގެ މަސްތަކުގައި ހަކުރު ނުވަތަ ގްލައިކޯޖަން ރައްކާކުރެއެވެ. ކޮންމެ ގްރާމެއްގެ ގްލައިކޯޖަންއަކާއެކު ގާތްގަނޑަކަށް ތިން ގްރާމް ފެން ހަށިގަނޑުގައި ހިފަހައްޓައެވެ.
މި ބަދަލަކީ ހަށިގަނޑަށް ފައިދާހުރި ބަދަލެއްތޯ ބެލުމަށްޓަކައި، ތިމާ ލައިއުޅޭ ހެދުން ގަޔަށް ހުންނަ މިންވަރަށް ބަލާށެވެ. ބަރުދަން ބަލާ ކައްޓާއިން ބަރުދަން އިތުރުވި ކަމުގައި ދެއްކިޔަސް، ހެދުންތައް ގަޔަށް ދޫވާނަމަ އޭގެ މާނައަކީ ހަށިގަނޑުން ސަރުބީ މަދުވެ، ހަށިގަނޑު ބައްޓަންވަމުންދާ ކަމެވެ.
ޚުލާސާކޮށް:
ކަސްރަތު ޕްރޮގްރާމެއް އަލަށް ފަށައިގަންނަ ދުވަސްވަރު، އެ ކުރާ ކަސްރަތަކުން ލިބޭ ކުރިއެރުން ވަޒަންކުރުމަށްޓަކައި ހަމައެކަނި ހަށިގަނޑުގެ ބަރުދަނަށް (ކިރާ ކައްޓާއަށް) ސަމާލުކަން ނުދޭށެވެ. ގިނަ ފަހަރަށް މިއީ ތިބާގެ ހަށިގަނޑަށް އަންނަ ހެޔޮ ބަދަލުތައް ދެނެގަތުމަށް އެންމެ އެކަށީގެންވާ މިންގަނޑެއް ނޫނެވެ.
ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއް އުފެދޭނަމަ، ސިއްހީ މާހިރެއްގެ ނުވަތަ ފިޒިއޮތެރަޕިސްޓެއް ނުވަތަ އެތުލެޓިކް ޓްރެއިނަރެއްގެ ލަފާ ހޯދާށެވެ. ތިބާއަށް ލިބޭ ކުރިއެރުންތައް ރަނގަޅަށް ދެނެގަތުމުގައި އެފަރާތްތަކުގެ އެހީތެރިކަން ލިބޭނެއެވެ.
ފިޒިކަލް ތެރަޕިސްޓް ޑރ. ކަލަބްރީސް ވިދާޅުވާ ގޮތުގައި، “މިކަމުގައި އެންމެ މުހިންމު ނުކުތާއަކީ، ކަސްރަތު ކުރަން ފެށުމުން ހަށިގަނޑުގެ ބަރުދަނަށާއި މަސްތަކަށް ބަދަލުތަކެއް އަންނާނެކަން ގަބޫލުކުރުމެވެ. ފުރަތަމަ ކޮޅު ހަށިގަނޑުގެ ބަރުދަން ކުޑަކޮށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ބައެއް މީހުން ދެކޭގޮތުގައި އެދެވޭ ބަދަލަކަށް ނުވެދާނެއެވެ. ނަމަވެސް، މާޔޫސްނުވެ ކުރިއަށްދާށެވެ. ސަބަބަކީ، ދިގު މުއްދަތުގައި މީގެ ހަގީގީ ފައިދާ ތިބާއަށް ފެންނަން ފަށާނެތީއެވެ.”
