ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި އޮޑި ސްޕޯރޓްސް ކުލަބާއި ދިއްދޫ ސްޕޯރޓްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް އޮޑި ސްޕޯރޓްސް ކުލަބް ލީގުގެ ތިންވަނައަށް ޖެހިލައިފި އެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އޮޑި ސްޕޯރޓްސްއިން ކާމިޔާބުކުރީ 2-0 އިން ނެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 14 ޕޮއިންޓް ހަމަކޮށް އޮޑި ސްޕޯރޓްސް ތިންވަނައަށް ޖެހިލިއިރު، އެއްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. އަދި ދެވަނައިގައި އޮތް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.
އޮޑި ސްޕޯރޓްސް ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރިއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަދި ދެ މެޗު އެއްވަރުވެފައި ވެސް ވެއެވެ. މި މެޗާއިއެކު ދިއްދޫއިން ވެސް ވަނީ އަށް މެޗު ހަމަކޮށްފަ އެވެ. ދިއްދޫ ކުޅުނު އަށް މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކުރިއިރު، ދެ މެޗު އެއްވަރުކުރި އެވެ. އަނެއް ފަސް މެޗުން ވީ ބައްޔެވެ. ފަސް ޕޮއިންޓާއިއެކު ދިއްދޫ އޮތީ 10 ޓީމު ވާދަކުރާ ދިވެހި ޕްރިމިއާރ ލީގުގެ ނުވަވަނައިގަ އެވެ.
މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ 29 ވަނަ މިނިޓް ދިޔައީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވި އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު އޮޑި ސްޕޯރޓްސްއިން ކާމިޔާބުކުރީ 30 ވަނަ މިނިޓްގަ އެވެ. ދިއްދޫ ހާފުގެ އަރިމަތިން ބޯޅަ ހިފައިގެން ކުރިޔަށް އަރައި، މުޙައްމަދު ސާމިރު މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަޑްސަން ޑިއާޒް އެވެ.
މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބިފަ އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަކުރުމަށް ދިއްދޫއިން މި ހާފުގައި ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އޮޑީގެ ކީޕަރާއި ޑިފެންޑަރުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ސަމާލުކަން ދީގެން ކުޅުނު އޮޑި ސްޕޯރޓްސްއިން އެ ޓީމުގެ ލީޑު ފުޅާކުރީ 64 ވަނަ މިނިޓްގައި އަޙްމަދު އައިހަމް ކާމިޔާބުކޮށްދިން ލަނޑުން ނެވެ. އައިހަމް މި ލަނޑު ޖަހާފައިވަނީ ދިއްދޫ ހާފުގެ މެދަކާއި ހިސާބުން އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އޭރިޔާތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.
2-0 އިން އޮޑި ސްޕޯރޓްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން އެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މާދަމާ އެވެ. މާދަމާ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނިއުރޭޑިއަންޓާއި ބިސްބުރު ސްޕޯރޓްސް ކުލަބް ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯރޓްސް ކުލަބާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.
