ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ ސެމީ ފައިނަލަށް ބީސީސީ އާއި ކުރިމިނަލް ކޯޓް ދަތުރުކޮށްފިއެވެ. ރޭ ކުޅެވުނު ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗު ބީސީސީ ކާމިޔާބު ކުރިއިރު، ދެވަނަ މެޗު ކާމިޔާބުކުރީ ކުރިމިނަލް ކޯޓެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
ކުއާޓާރ ފައިނަލް ފުރަތަމަ މެޗު:
ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރި ހުޅުމާލޭ ހޮސްޕިޓަލާއި ގުރޫޕްގެ ޑީގެ ދެވަނަ މަގާމް ހޯދި ބީސީސީއެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ 12 ވަނަ މިނިޓްގައި އަޙްމަދު މިކިޔާލް މުއީން ބީސީސީއަށް ލީޑު ނަގައިދިންއިރު، 19 ވަނަ މިނިޓްގައި އަބްދުއްރަހްމާން އެ ލީޑު ފުޅާކޮށް ދިނެވެ. 21 ވަނަ މިނިޓްގައި ހަސަން ނާފިއުގެ ލަނޑުން ހުޅުމާލޭ ހޮސްޕިޓަލް އުންމީދު އާކުރިއިރު، 29 ވަނަ މިނިޓްގައި އަޙްމަދު ފައްޔާޒް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނު މި މެޗުގެ 31 ވަނަ މިނިޓްގައި އަޙްމަދު ފައްޔާޒު ހުޅުމާލޭ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ. ހުޅުމާލޭ ހޮސްޕިޓަލުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލި ނަމަވެސް 36 ވަނަ މިނިޓްގައި ޢަބްދުﷲ ލޫތު ވަނީ ބީސީސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ބީސީސީ ކާމިޔާބުކުރީ 4-2 އިންނެވެ. 7-5 އިން ބީސީސީ މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީސީސީގެ ޢަބްދުﷲ ލޫތުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ލޫތު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ކުއާޓާރ ފައިނަލް ދެވަނަ މެޗު:
ކުއާޓާރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އެއްވަނަ ހޯދި ކުރިމިނަލް ކޯޓާއި ގުރޫޕް ސީގެ ދެވަނަ ހޯދި ވިޒިޓް މޯލްޑިވްސް ކުލަބެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ޑިފެންސަށް އިސްކަންދީ ކައުންޓާރ އެޓޭކްގައި ލަނޑު ޖެހުމަށް މަސައްކަތްކުރިއިރު، ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ވިޒިޓް މޯލްޑިވްސްގެ އިސްމާއިލް ރާއިދު އެ ޓީމަށް ލީޑު ނަގައިދިނެވެ. ނަތީޖާ ހަމަހަމަކުރުމަށް ކުރިމިނަލް ކޯޓުން މަސައްކަތް ކުރަމުންދިޔައިރު، މިހާރު އޮތް ނަތީޖާއާއެކު މެޗު ނިންމާލުމަށް ވިޒިޓް މޯލްޑިވްސްއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ވިޒިޓް މޯލްޑިވްސް މޮޅުވެގެން ނިމިދާނެކަމަށް ހީވި މި މެޗުގެ ފަހު މިނިޓްގައި މުޙައްމަދު ހައްސާނު ވަނީ ކުރިމިނަލް ކޯޓަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ހައްސާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކުރިމިނަލް ކޯޓް ކާމިޔާބުކުރީ 3-4 އިންނެވެ. 5-4 އިން ކުރިމިނަލް ކޯޓް މޮޅުވެ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރިމިނަލް ކޯޓުގެ މުޙައްމަދު ހައްސާނެވެ.
