އިންޑިޔާގެ ކަންނަންނޫރު (ކަންނޫރު) އަރައްކަލް ދަރިކޮޅުގައި 37 ވަނަ އަށް އިސްކޮށް ހުންނެވި އުމުރުން 93 އަހަރުގެ ސުލްޠާން އަރައްކަލް އަޅިރާޖާ ޒައިނަބާ އައިިޝާ ބީވީ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. މިއީ ކެރެލާގައިވާ ހަމައެކަނި މުސްލިމު ދަރިކޮޅު ނުވަތަ ވަންހަ އަށް ނިސްބަތްވާ އާއިލާއެވެ.

 

ޒައިނަބާ އައިިޝާ ބީވީގެ ފިރިހެންދަރިފުޅު މުޙައްމަދު ރަފީ އަޅިރާޖާ ވިދާޅުވީ އޭނާގެ މަންމާފުޅަށް ވާބަލީގެ ސްޓްރޯކެއް ޖެހިވަޑައިގެން އާލާސްކަންފުޅުގައި އޮންނަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި މަންމާފުޅު އަވަހާރަވީ ތަލައްސެރީ ގައި ހުންނަ އެބޭފުޅުންގެ އަމިއްލަ ގެކޮޅުގައިކަމަށް ވެސް ވިދާޅުވި އެވެ.

 

ސުލްޠާން އަރައްކަލް އަޅިރާޖާ ޒައިނަބާ އައިިޝާ ބީވީ ދުނިޔޭގެއަލިކަން ދެކެވަޑައިގެންނެވީ 1925 ވަނަ އަހަރުއެވެ. މިއީ އަރައްކަލް ދަރިކޮޅަށް ނިސްބަތްވާ އަންހެން ރަނިކަނބަލެކެވެ. މިކަމަނާ އަށް ވެރިކަމުގެ ބާރު ލިބިލެއްވީ 2006 ވަނަ އަހަރު ވެރިއަކަށް ހުންނެވި ސުލްޠާން އައިޝާ އަޅިރާޖާ އަވަހާރަވުމަށްފަހުގައެވެ.

 

އަރައްކަލް ދަރިކޮޅަކީ އާއިލާގައި އެންމެ ދޮށްޓަށް ތިއްބަވާ އަންހެން ކަނބަލުންނަށް ވެރިކަން ލިބޭގޮތަށް އޮންނަ ނިޒާމަކަށް (މެޓްރިއާކަލް ސިސްޓަމަށް) އަމަލުކުރަމުން އަންނަ އާއިލާއެކެވެ. އާއިލާގައި ތިއްބަވާ ފިރިހެން ބޭފުޅުންނަށް މުޚާޠަބު ކުރަނީ އާޅީރާޖާ (އަލީ ރާޖާ) ގެ ނަމުންނެވެ.

 

އަލީ ރާޖާާ އާއިލާގައި ތިއްބަވާ އަންހެން ބޭފުޅުންގެ އިސްބޭފުޅުންނަށް އަރައްކަލް ބީވީ ގެ ލަޤަބު ދީފައިވެއެވެ. ސުލްޠާން އަރައްކަލް އަޅިރާޖާ ޒައިނަބާ އައިޝާ ބީވީ އަށްފަހު ދެން ބީވީ ގެ ލަޤަބު ލިބިގެންދާނީ އައިިޝާ އާއި ޖެހިގެން ހަގަށް ހުންނެވި އަންހެން ކޮއްކޯފުޅު ފާތިމާ މުއްތު ބީވީ އަށްކަމަށް މަސްދަރުތައް ބުނެއެވެ.

 

އަލީ ރާޖާ އިންނަނަކީ މަލާބާރަށް ނިސްބަތްވާ ހަމައެކަނި މުސްލިމު ޝާހީ ޢާއިލާ އެެވެ. އެބޭފުޅުންގެ ވެރިކަމުގެ ބާރު ހިނގަނީ ކަންނޫރު އަވަށާއި ލަކްޝްވަދީބުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. އެގޮތުން ލަކްޝްވަދީބުގެ އަގައްޓީ، ކަވަރާތީ، އަންދްރޮތު، ކަލްޕެނީ އަދި މިނިކޯއީ ހިމެނެއެވެ. މިއީ 13 ވަނަ ޤަރުނުން ފެށިގެން ވެރިކަމުގެ ބާރުގައި ތިއްބަވާ ދަރިކޮޅެކެވެ.

 

އަލީރާޖާ މިނަމަކީ އިންޑިޔާގެ ކަންނޫރް (ކަންނަންނޫރު) ގެ މުސްލިމް ރަސްގެފާނަށް 17 ވަނަ ޤަރުނުގެ ތެރޭގައި ކިޔައި އުޅުނު ނަމެކެވެ. އޭގެކުރީގައި މިރަސްކަންކުރި ޚާންދާނަށް އަރައްކަލް އާއިލާއޭ ކިޔައެވެ. ރަސްކަން ހިންގުނު ގަނޑުވަރު “އަރައްކަލް ޕެލަސް” އަކީ  މީލާދީން 1663 ވަނަ އަހަރު ޑަޗުމީހުން އިންޑިޔާގައި ތިބިއިރު އެމީހުންއަތުން އަލީރާޖާ ގަތް ތަނެކެވެ. “އަލީ ރާޖާ” މިލަޤަބަކީ 16 ވަނަގަރުނުގައި ކެރެލާގައި ވެރިކަން ކުރެއްވި ރަސްކަލަކު، ކަންނަންނޫރުގައި ދިރިއުޅޭ މުސްލިމުންގެ ވެރިޔަކަށް ހުންނަވާ ބޭފުޅުންނަށް ދެއްވި ކޮލީ ނަންފުޅެއް ކަމަށް ބެލެވެއެވެ. މިލަޤަބު އުފެދުނީ 1545މ. ހިސާބުގައެވެ. ފަހުން ކަންނަންނޫރުގައި މުސްލިމުންގެ ވެރިކަމެއް ޤާއިމުގެން އައިއިރު ރަސްގެފާނުގެ ލަޤަބަކަށް ނުވަތަ ރަސްކަމަށް ކިޔޭނަމެއްގެ ގޮތުގައި މިނަން ބޭނުންކުރެވުނެވެ.

 

ބުނެވޭގޮތުގައި އަރައްކަލް އާއިލާ (އަލީރާޖާ)ގެ އަސްލުފެށެނީ ނައިރު ދަރިކޮޅަކުންނެވެ. ނައިރުންނަކީ އިންޑިޔާގައި އޮންނަ ހިންދުއިޒަމަށް ނިސްބަތްވާ ކާސްޓް ސިސްޓަމްގެ ބައެކެވެ.  މިބައިމީހުންނަކީ އިންޑިޔާގެ މާތް ދަރިކޮޅެއްކަމަށް ވެއެވެ. ބުނެވޭގޮތުގައި މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި ކެރެލާގައި ވެރިކަން ކުރަމުންއައި ކޮލަތިރީސް ރަސްކަމުގެ ފަރާތުން މަލާބާރަށް ކަނޑައަޅާފައިވާ ޖެނެރަލަކީ ނައިރުދަރިކޮޅު މީހެކެވެ. ނަމަވެސް ފަހުން މީނާ އިސްލާމްވިއެވެ. މީނާ އިސްލާމްވިއިރު އޭނާ ކައިވެނިކުރައްވައިގެން ހުންނެވީ ކޮލަތިރި ރަސްގެފާނުގެ ދަރިކަނބަލަކާ ކަމަށްވެއެވެ. މި ދެމަފިރިންނަށާއި ދެފަރިންގެ ދަރީންނަށް ފަހުން ކިޔުނީ އަރައްކަލް ކަމަށް ބުނެވެއެވެ. އެދުވަސްވަރު ވަރަށް ގިނަ މުސްލިމު ޢާއިލާތައް ވަނީ އެމީހުންގެ ވިޔަފާރީގެ ސަބަބުން މަލާބާރުކަރައިގައި ވަރަށް ނުފޫޒުގަދަ ބަޔަކަށްވެފައެވެ. މިހެންވެފައިވަނިކޮށް މިލާދުން 17 ވަނަޤަރުނުގެ ތެރޭގައި އަރައްކަލު އާއިލާގެ ވިޔަފާރިވެރިންނަށް ލަކްޝަދީބުގެ ކޮންޓްރޯލް ލިބުނެވެ. އެހާހިސާބުން އަރައްކަލުންނަކީ ޝާހީ ޚާންދާނެއްގެ ގޮތުގައި ބެލެވެންފެށި އެވެ. 

 

މަސްދަރުތައް:

– ޓައިމްސް އޮފް އިންޑިޔާ

– ޢަބްދުﷲ އިމްރާން ގެ ބްލޮގް

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.