ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވޯލްޑް ކަޕް ސެމީ ފައިނަލްގައި ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނާނީ ވަރުގަދަ ރޭވުމަކާއެކު: ޑި ލަ ފުއެންޓޭ
ޓެކްސަސްގެ އާލިންގްޓަންގައި ހުންނަ ޑަލަސް ސްޓޭޑިއަމްގައި ބޭއްވި ސްޕެއިންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ހެޑް ކޯޗު ލުއިސް ޑި ލަ ފުއެންޓޭ މީޑިއާއާ ވާހަކަ ދައްކަނީ. (އޭއެފްޕީ)

ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ފްރާންސާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ ފޯރިގަދަ ސެމީ ފައިނަލް މެޗުގައި، ސްޕެއިންގެ ޓީމު ފެންނާނީ އިސްނަގައިގެން ވަރުގަދައަށް ކުޅޭ ޓީމެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޑި ލަ ފުއެންޓޭ ބުނީ، ތަފާތު ދެ ސްޓައިލެއްގެ ދެ ޓީމު ބައްދަލުކުރާ މި ކުރިމަތިލުމުގައި، ބޯޅަ ހިފަހައްޓައިގެން ސްޕެއިން ކުޅޭ ‘ޕޮޒެޝަން ބޭސްޑް’ ގޭމް ފްރާންސްގެ މައްޗަށް ގަދަކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގަބޫލުކުރާ ގޮތުގައި ސްޕެއިނަކީ އަދިވެސް މި މުބާރާތުގެ ފޭވަރިޓުންނެވެ. ނަމަވެސް، ގިނަ ބަޔަކު އުންމީދު ކުރަނީ ފްރާންސް ތިންވަނަ ފަހަރަށް ދުނިޔޭގެ ތަށި އުފުލާލާނެ ކަމަށެވެ.

ފްރާންސް ސެމީ ފައިނަލަށް ދަތުރުކުރީ ކީލިއަން އެމްބާޕޭ، މައިކަލް އޮލީސޭ އަދި އޮސްމާން ޑެމްބެލޭ ފަދަ ހުނަރުވެރި ކުޅުންތެރިންނާއެކު، ހަމަލާދިނުމަށް އިސްކަންދޭ ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. އެހެންނަމަވެސް، އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ދެ ފަހަރުވެސް ސްޕެއިން މޮޅުވެފައިވާއިރު، ޑި ލަ ފުއެންޓޭ ދަނީ އަންގާރަ ދުވަހު ޓެކްސަސްގެ އާލިންގްޓަންގައި ހުންނަ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ފްރާންސް ސިއްސުވާލުމަށްހިމޭން ރޭވުމެއް ރާވަމުންނެވެ.

“އަހަރެމެން ފްރާންސްގެ ކުޅުން ވަރަށް ބޮޑަށް ދިރާސާކޮށްފިން. އެ ޓީމަކީ އަހަރެމެންނަށް އާ ބައެއް ނޫން،” ޑި ލަ ފުއެންޓޭ ބުންޏެވެ.

“ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި އަހަރެމެން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ކުޅެފިން. އެ ޓީމުގައި މޮޅު ކުޅުންތެރިން އެބަތިބި، އެކަމަކު އަހަރެމެންގެ ޓީމުގައި ވެސް އެފަދަ ހުނަރުވެރިން އެބަތިބި. އަހަރެމެންގެ ހުރި ހުރިހާ މޮޅު ސިފަތަކެއް ދަނޑުމަތީގައި ދައްކައި، އިދިކޮޅު ޓީމުގެ ވަރުގަދަ ކަންކަމަށް ހުރަސްއަޅަން ޖެހޭނެ.

ފުޓްބޯޅައަކީ މިއީ. ދަނޑުމަތީގައި އެންމެ ރަނގަޅު ހަމަހަމަކަމެއް ގެންގުޅޭ ޓީމަކަށް ކާމިޔާބީއާ ގާތްވެވޭނީ. އަހަރެމެން ޖެހޭނީ އެމީހުންގެ ކުޅުންތެރިންނާ މެދު ފުންކޮށް ވިސްނަން. ކުޅުމުގެ ތެރޭގައި ކުރިމަތިވާ ކުރިމަތިލުންތަކުން ކުރިހޯދައި، މުޅި މެޗުގައި އިސްނަގައިގެން އަހަރެމެންގެ އަމިއްލަ ވައްޓަފާޅި ދައްކަން މަސައްކަތް ކުރާނަން.”

ފްރާންސް މިހާރު ‘މާ ވަރުގަދަ’

ކުރިމަތިލާން ޖެހިފައިވަނީ އުނދަގޫ މަސައްކަތަކާ ކަން ޑި ލަ ފުއެންޓޭއަށް ރަނގަޅަށް އެނގެއެވެ.

އޭނާ ފާހަގަކުރި ގޮތުގައި، މިދިޔަ އަހަރު ސްޓަޓްގާޓްގައި ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން 5-4 އިން ފްރާންސް ބަލިވި މެޗަށްފަހު، އެ ޓީމު ވަނީ ބޮޑުތަނުން ކުރިއަރާފައެވެ. އެ މެޗުގައި ސްޕެއިން 5-1 އިން ކުރީގައި އޮއްވައި ފްރާންސުން ވަނީ ފަހު ވަގުތު ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ގޯލުތަކެއް ޖަހާފައެވެ. ނަމަވެސް، އަންގާރަ ދުވަހުގެ މެޗަކީ އެ މެޗާ މުޅިން ތަފާތު ކުރިމަތިލުމެއް ކަމަށް އޭނާ ބުންޏެވެ.

“އަހަރެމެން މި ވާހަކަ ދައްކަނީ މުޅިން ތަފާތު ދެ މެޗެއްގެ ވާހަކަ،” އޭނާ އެއްބަސްވިއެވެ.

“މާދަމާއަކީ އަނެއްކާވެސް އިތުރު ސެމީ ފައިނަލެއް. އަހަރެން މަސައްކަތް ކުރާނީ ކުރީގެ މެޗުގައި ކަންތައްވީ ރަނގަޅު ގޮތްތައް ތަކުރާރު ކުރަން. އެކަމަކު އެ މެޗުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ވެސް ހުރި. އަހަރެމެން 5-1 އިން މޮޅުވަމުން ދަނިކޮށް، މަދު މިނެޓުކޮޅެއްގެ ތެރޭގައި އެމީހުން ނަތީޖާ 5-4 އަށް ބަދަލުކޮށްލި. އެހެންކަމުން، އަހަރެމެން މަސައްކަތް ކުރާނީ ކުރިން ކުރި ރަނގަޅު ކަންކަން ތަކުރާރުކޮށް، ނުބައިކޮށް ދިޔަ ކަންކަން އިސްލާހުކުރަން.

އަހަރެމެން ޖެހޭނީ އަހަރެމެންގެ ކުޅުން ދައްކަން. މި ދެ ޓީމަކީ ކުޅުމުގެ ވައްޓަފާޅީގެ ގޮތުން މުޅިން އިދިކޮޅު ދެ ޓީމު. އެހެންކަމުން އަހަރެމެން ބަލާނީ އިސްނަގައިގެން މެޗު ކޮންޓްރޯލް ކުރަން.”

ޑި ލަ ފުއެންޓޭ ގަބޫލުކުރާ ގޮތުގައި ފްރާންސްގެ މިހާރުގެ ސްކޮޑަކީ ކުރިއަށްވުރެ ތަޖުރިބާކާރު، އުނދަގޫ ޓީމެކެވެ.

“އަހަރެން ދެކޭގޮތުގައި އެއީ މިހާރު މާ މޮޅު ޓީމެއް. ސަބަބަކީ އެ ކުޅުންތެރިން މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެފައި. އެމީހުން މިހާރު އެ ދައްކާ ކުޅުމަކީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މާ ފެންވަރު ރަނގަޅު ކުޅުމެއް. އެއީ ހަގީގަތަކީ،” އޭނާ ބުންޏެވެ.

ބޯޅަ ހިފަހައްޓައިގެން މެޗުގެ ސްޕީޑް ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމަކަށް ވިޔަސް، ޑި ލަ ފުއެންޓޭ ބޭނުންވަނީ އޭނާގެ ކުޅުންތެރިން މި ގޮންޖެހުމުގެ ބޭނުން ހިފައި މެޗު އެންޖޯއި ކުރުމަށެވެ. ޓީމަށް ދޭނެ އެންމެ ފަހުގެ މެސެޖަކީ ކޮބައިތޯ އެހުމުން އޭނާ ޖަވާބު ދިނީ: “ދަނޑަށް އަރައި މެޗުގެ އުފާ ހޯދާށޭ.”

“މިއީ ވަރަށް ތަފާތު މާހައުލެއް. އަލުން މިފަދަ ފުރުސަތެއް ލިބޭނެ ކަމެއް ވެސް ނޭނގޭ. އަހަރެމެން ޖެހޭނީ އަހަރެމެންގެ އަސްލު ފެންވަރު ދައްކަން. އަހަރެމެން ވާންޖެހޭނީ ވަރުގަދަ ބަޔަކަށް. އަދި އިދިކޮޅު ޓީމުގެ ބާރުތައް ކަނޑުވާލަން މަސައްކަތް ކުރަންވާނެ.”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top