ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރެކޯޑް ހަދަމުން, ރެކޯޑް އާކުރަމުން އާޖެންޓީނާ ގޮވައިގެން މެސީ ފައިނަލަށް!

މިހާރު ކުރިޔަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އެންމެފަހުގެ ޗެންޕިއަން އާޖެންޓީނާ ހޯދައިފިއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ރޭ ކުޅެވުނު ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރީ ވަރުގަދަ އިންގްލެންޑާއި އާޖެންޓީނާ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗް އާޖެންޓީނާ ކާމިޔާބުކުރީ އިންގުލެންޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައި ގެންނެވެ.

ވޯލްޑްކަޕްގައި މިހާތަނަށް ޖެހިޖެހިގެން ދެ ފައިނަލަށް ދަތުރުކުރީ އިޓަލީ އާއި ބްރެޒިލް އަދި އާޖެންޓީނާ އާއި ނެދަލޭންޑްސްގެ އިތުރުން ފްރާންސެވެ. އޭގެ ތެރެއިން ދެ ފައިނަލުން މޮޅުވެފައި އޮތީ ބްރެޒިލާއި އިޓަލީ އެކަންޏެވެ. އާޖެންޓީނާއިން 1986 އަދި 1990 ވަނަ އަހަރު ފައިނަލުގައި ކުޅުނު ނަމަވެސް، 1990 ގައި ނިންމާލީ ރަނަރަޕްގެ ގޮތުގައެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބި ބޭނުން ނުކުރެވުނު ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މިހާފު ވެގެން ގޮސްފައިވަނީ ފައުލްގިނަ، އަދި ކުޅުމުން ބޭރުން ކުޅުންތެރިންގެ މެދުގައި ގިނަ ކަންތައްތަކެއް ހިނގި ހާފެއްގެ ގޮތުގައެވެ.

ދެވަނަ ހާފުގައި ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، 55 ވަނަ މިނިޓްގައި އިންގްލެންޑުން ވަނީ ލީޑު ނަގާފައެވެ. މޯގަން ރޮޖާސް އާޖެންޓީނާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ އެންޓޮނީ ގޯޑޮން އެވެ.

1966 ވަނަ އަހަރަށްފަހު، ބައިނަލްއަގުވާމީ މުބާރާތެއްގެ ތައްޓެއް އިންގްލެންޑަށް ލިބިފައެއް ނުވެއެވެ.

ލިބުނު ލީޑާއިއެކު މުޅި ޓީމު ފަހަތަށް ޖެހިގެން އިންގްލެންޑުން ކުޅުނުއިރު، މެސީގެ ހުނަރުވެރި މޮޅު ކުޅުމާއިއެކު އާޖެންޓީނާއިން ދިޔައީ ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުންނެވެ. އާޖެންޓީނާގެ ހަމަލާތައް ހުއްޓުވުމުގައި އިންގްލެންޑްގެ ކީޕަރު މޮޅުކުޅުމެއް ދެއްކިއިރު، އެޓީމުން ފޮނުވާލި ދެ ހަމަލާއެއް އިންގްލެންޑްގެ ގޯލް ދަނޑިއަށް ވެސް އަމާޒުވިއެވެ.

މިމެޗާއި ކުރިމަތިލީއިރު، މިއަހަރުގެ ވޯލްޑްކަޕްގައި އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވާދަކުރާ ލިސްޓްގެ ކުރީގައި އޮތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. އަދި މިހާތަނަށް ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް މިއަހަރުގެ މުބާރާތުގައި ހޯދައި އެ ރެކޯޑް މެސީ ވަނީ އާކޮށްފައެވެ.

ފަހަތުން އަރައި އާޖެންޓީނާ މޮޅުވި މިމެޗްގައި އެޓީމުން ނަތީޖާ ހަމަހަމަކުރީ މެޗް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް، އެންޒޯ ފެނާންޑޭޒް ޖަހައިދިން ލަނޑުންނެވެ. މިލަނޑަކީ ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންޒޯ ފެނާންޑޭޒް ޖަހައިދިން ލަނޑެކެވެ.

މެޗްގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ، މެޗްގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލަޓައުރޯ މާޓިނޭޒް އެވެ. މިލަނޑު ޖެހުމުގައި ލަޓައުރޯ މާޓިނޭޒަށް އެހީތެރިވީ، ވޯލްޑްކަޕްގައި ލަނޑު ޖެހުމަށް އެންމެގިނަ ފަހަރު އެހީތެރިވުމުގެ ރެކޯޑްއޮތް ލިއޮނަލް މެސީ އެވެ.

މުބާރާތުގެ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ އެންމެފަހުގެ ޔޫރޯ ޗެންޕިއަން ސްޕެއިން އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top