ދިރޭ ތަކެތީގެ ހަށިގަނޑުގައިވާ ތޫނު ހަތިޔާރުތައް ކަމަށްވާ، ވިހަ ދަތްތަކާއި، ކަށިތަކާއި، އަދި ގަސްގަހާގެހީގައި ހުންނަ ކަށިތަކަކީ ވެސް ފިޒިކްސްގެ އެއް ހަމައަކުން ބައްޓަންވެފައިވާ ތަކެތިކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
ކަށިކޮއްޔެއްގެ ނިގޫފަތުގައިވާ ކަށްޓާއި މިޔަރެއްގެ ދަތް ފަދަ ތަފާތު އެއްޗެހީގައި ވެސް ފެންނަން އޮތީ އެއް ހަމައެކެވެ. އެއީ އެ އެއްޗެއް ބޭނުންކޮށްގެން އެއްޗެއްގެ ތެރެއަށް ފޫއަޅުވާލުމުގެ ބާރާއި، އެ އެއްޗެއް ނުބިންދި ހިފަހައްޓައިދޭ ވަރުގަދަކަމާ ދެމެދު އޮންނަ ފިޒިކްސްގެ ބެލެންސެވެ.
މި ހޯދުމުގެ ސަބަބުން، ތޫނު އެއްޗެހި ނުވަތަ ކަށި ފަދަ ތަކެތިން ސަލާމަތްވުމަށް ތައްޔާރުކުރާ ސާމާނާއި، އޮޕަރޭޝަން ކުރަން ބޭނުންކުރާ ސިއްހީ އާލާތްތައް ފަރުމާކުރުމުގައި އިންޖިނޭރުންނަށް އާ ވިސްނުންތަކެއް ލިބިގެންދާނެއެވެ. ސަބަބަކީ، ކޮންމެ ތޫނު އެއްޗެއްގެ ވެސް “ފޫއަޅުވާލުމުގެ ބާރު” ގަދަކުރުމަށްޓަކައި އޭގެ “ވަރުގަދަކަމުން” ކޮންމެވެސް މިންވަރެއް ގުރުބާންކުރަން ޖެހޭކަން މި ދިރާސާއިން އެނގޭތީއެވެ.
މީގެ އިތުރުން، އިވޮލިއުޝަން ނުވަތަ ތަފާތު ބަދަލުތައް އަންނަމުންދާއިރު، ހުރިހާ ކަމަކަށް ފުދޭ އެންމެ ފުރިހަމަ އެންމެ ބައްޓަމަކަށް ނުގޮސް، ތަފާތު މަސައްކަތްތަކަށް ޚާއްޞަ އެތައް ހާސް ބައްޓަމެއްގެ ކަށިތަކާއި ދަތްތައް އުފެދިފައިވާ ސަބަބު ވެސް މީގެން ސާފުވެއެވެ.
ފޫއަޅުވާލުމުގެ ފިޒިކްސް
ޔުނިވަރސިޓީ އޮފް އިލިނޯއިގެ ޕްރޮފެސަރ ފިލިޕް އެންޑަރސަން ވަނީ ދިރޭތަކެތި ބަދަލުވަމުންދާ ގޮތަށް ފިޒިކްސްގެ އަސަރު ފޯރާ ގޮތް ދިރާސާކުރުމުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ. ގުދުރަތީ ދުނިޔޭގައި “ތޫނުވުމަކީ” ވަރަށް އާންމު ސިފައެކެވެ. ހަރުފަ އޭގެ ދަތް ބޭނުންކުރާއިރު، ފައިދިގު މަކުނާއި ކަށިކޮއްޔަކީ އޭގެ ކަށްޓަށް ބަރޯސާވާ އެއްޗެހީގެ މިސާލުތަކެވެ. އަދި ބައެއް ކަހަލަ ފަންގަސް އާއި ވައިރަސްތައް ވެސް ސެލްތަކުގެ ތެރެއަށް ވަނުމަށް މިފަދަ “ތޫނު” އުކުޅުތައް ބޭނުންކުރެއެވެ.
އެންޑަރސަން ވިދާޅުވާ ގޮތުގައި، މި ހުރިހާ އެއްޗެއްގެ ސިފަ ތަފާތުވިޔަސް، އެ އެއްޗެހި ގުޅުވައިދޭ އަސާސަކީ ފިޒިކްސްއެވެ. މީގެ އަސާސަކީ “ފްރެކްޗަރ މެކޭނިކްސް” އެވެ. މިއިން ކޮންމެ އެއްޗަކީ ވެސް އޭގެ އަމާޒަށް ހަމަލާދީ، އެ އެއްޗެއް ފޫއަޅުވާލުމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭން ޖެހޭ އެއްޗެކެވެ.
ދެކޮޅަށް ހިފަހައްޓާ ދެ ބާރު
ކޮންމެ ފޫއަޅުވާލުމަކީ އެ ހަމަލާދޭ ކަށްޓާއި، ހަމަލާ ރައްދުވާ އެއްޗާ ދެމެދު ހިނގާ ކުރިމަތިލުމެކެވެ. ހަމައެކަނި ތޮށިގަނޑު ފޫއަޅުވާލުމަކުން ނުފުދެއެވެ. އެ ކަށި ނުވަތަ ދަތް ބިނދިގެން ނުވަތަ ލެނބިގެން ނުގޮސް، އޭގެ މައްޗަށް އަންނަ ޕްރެޝަރަށް ކެތްކުރަން ޖެހެއެވެ.
މި ދެ ކަންތައް އޮންނަނީ ދެކޮޅަށެވެ. އެއްޗެއްގެ ތެރެއަށް ފަސޭހައިން ވަންނަނީ ތުނި އަދި ފަތިކޮށް ހުންނަ ތޫނު އެއްޗެއްސެވެ. ނަމަވެސް، މިފަދަ ތުނި އެއްޗެހި ބިނދުމުގެ ނުވަތަ ލެނބުމުގެ ފުރުސަތު ބޮޑެވެ. އަނެއްކޮޅުން ބޯކޮށް، ކޮޅު ބޮޑުކޮށް ހުންނަ އެއްޗެހި ބިންދައިގެން ދިއުން ކުޑަވިޔަސް، އެ އެއްޗެއް އެތެރެއަށް ވައްދަން ގިނަ ހަކަތަ ބޭނުންވެއެވެ.
ދިރާސާ ކުރިއަށްދިޔަ ގޮތް
މިކަން ސާބިތުކުރުމަށްޓަކައި، ދިރާސާ ކުރާ ޓީމުން ތަފާތު ތޫނުމިން ހުރި ކޯން (ގޮށި) ބައްޓަމުގެ އެއްޗެހި ތިން މިންވަރު (ތުރީ ޑީ) ޕްރިންޓްކޮށްގެން، ސިލިކޯން ޖެލްގެ ތެރެއަށް ވައްދައިގެން ޓެސްޓު ކުރިއެވެ. މީގައި މައިގަނޑު ދެ ސިފައަކަށް ބެލިއެވެ. އެއީ އެ އެއްޗެއްގެ ކޮޅަށް ދާވަރަކަށް ހިމަވަމުންދާ މިންވަރާއި (ޓެޕަރ)، އަދި އެ އެއްޗެއް ހުރަހަށް ކަފާލުމުން ފެންނަ ބައްޓަމެވެ. (ކްރޮސް ސެކްޝަން).
އެއްޗެއްގެ ހުރަސް ބައްޓަން ފަތި ނަމަ އެ އެއްޗެއް ފަސޭހައިން ވަދެއެވެ. ނަމަވެސް ލެނބުމުގެ ފުރުސަތު ބޮޑެވެ.
ތަފާތު ބާވަތްތަކުގެ އަޅާކިޔުން
ފިޒިކްސްގެ ހަމަތައް ދެނެގަތުމަށްފަހު، ދިރާސާވެރިން 143 ބާވަތެއްގެ ގަހާއި ޖަނަވާރުގެ ކަށިތަކާއި ދަތްތައް ދިރާސާކުރިއެވެ. މީގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ލިބުނީ ކަށިކޮއްޔާއި، ކިންގް ކޮބްރާގެ ދަތާއި، ފިނިފެންމާ ގަހުގެ ކަށްޓާއި، މިޔަރުގެ ދަތާއި، އަދި ބައެއް ބާޒުގެ ވަކިތަކަށެވެ. މިއީ ފޫއަޅުވާލުމުގެ ބާރާއި ވަރުގަދަކަން އެންމެ ފުރިހަމައަށް ބެލެންސް ކުރެވިފައިވާ ތަކެތި ކަމަށް ފާހަގަކުރެވުނެވެ.
އެއް މަސައްކަތެއް، ތަފާތު ހަތިޔާރުތަކެއް
އެންޑަރސަން ހީކުރެއްވި ގޮތާ ޚިލާފަށް، އެކި ކަންކަމަށް (މިސާލަކަށް ވިހަ ޖެހުމަށް ނުވަތަ ޝިކާރަ ހިފެހެއްޓުމަށް) ބޭނުންކުރާ ދަތްތަކުގެ ބައްޓަމުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުއްޓެވެ. މިޔަރުގެ ދަތާއި ބައެއް ކަހަލަ ފާނަޔާއި މަކުނުގެ ދަތްތަކުގެ ބައްޓަން އެއްގޮތްވުމަކީ ވެސް އެކަށީގެންވާ ކަމެއްކަން މި ދިރާސާއިން އެނގުނެވެ.
އެއްފަހަރު ބޭނުންކުރާ ތަކެއްޗާއި ދާއިމީ ތަކެތި
ބައެއް ކަށިތައް، މިސާލަކަށް ކެކްޓަސް ގަހުގެ ކަށިތަކަކީ ވަރަށް ފަސޭހައިން ވަންނަ އެއްޗެހި ނަމަވެސް ވަރަށް އަވަހަށް ބިނދޭ އެއްޗެހިތަކެކެވެ. ނަމަވެސް މިއީ ގަހަށް މައްސަލައެއް ނޫނެވެ. ސަބަބަކީ އެތައް ހާސް ކަށްޓެއް ގަހުގައި ހުންނާތީއެވެ. އެކަތި ބިނދިގެން ޖަނަވާރެއްގެ ގައިގައި ހަރުލުމަކީ އެ ގަހުގެ އޮށްތައް އެހެން ތަނަކަށް ފެތުރުމަށް ލިބޭ ފުރުސަތެކެވެ.
އަނެއްކޮޅުން، ޝިކާރަކުރާ ޖަނަވާރުގެ ކޮލުދަތްތަކަކީ ފަސޭހައިން ބިނދިގެންދާނެ އެއްޗެއްސެއް ނޫނެވެ. ޝިކާރަ ހިފަހައްޓައިގެން އޮންނައިރު، ދަތް ބިނދުމަށްވުރެ ބޮޑަށް އެއަށް މުހިންމީ ވަރުގަދަކަމެވެ.
ޚުލާޞާކޮށް
މި ދިރާސާއިން އެނގިގެންދިޔައީ، ގުދުރަތީ ކޮންމެ ތޫނު އެއްޗަކީ ވެސް އެކި ބޭނުންތަކަށްޓަކައި ބައްޓަން ކުރެވިފައިވާ “ކޮމްޕްރޮމައިޒް” އެއް ނުވަތަ އެކި ސިފަތަކުގެ މެދުގައި ހޯދާފައިވާ ހަމަހަމަކަމެއް ކަމެވެ. މި ހޯދުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މެޑިކަލް އިންޖިނޭރުންނަށް އެންމެ އެކަށީގެންވާ ބައްޓަމުގެ އިންޖެކްޝަން ކަށްޓާއި އެހެނިހެން ސާމާނު އުފެއްދުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.
