ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްޑީސީ އާއި ސްޓެލްކޯ ސެމީ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިއަށްދާ ކުލަބް މޯލްޑިވްސް އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ ސެމީ ފައިނަލަށް ގުރޫޕް ބީއިން ކުލަބް އެޗްޑީސީ އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ދަތުރުކޮށްފިއެވެ. މި ގުރޫޕްގެ ފަހު ދެ މެޗު މިރޭ ވަނީ ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 1

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ އެއްވަނައިގައި އޮތް އެޗްޑީސީ އާއި ފައިދާ ލަނޑުގެ ތަފާތުން ދެވަނައިގައި އޮތް ސްޓެލްކޯއެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ލިބިފައެވެ. ދެ ޓީމުގެ ވެސް ތިންވަނަ މެޗާއި ކުރިމަތިލީ އިރު، ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު އަތުން މި ދެ ޓީމު ވެސް ވަނީ މޮޅުވެފައެވެ.

ގުރޫޕްގެ އެއްވަނަ ޔަގީންކުރަން ދެ ޓީމުން ވެސް ނުކުތް މި މެޗު ފޯރި ގަދަވެފައި ވާދަވެރި ވާނެކަމަށް ބެލެވުނު ނަމަވެސް ފެނުނީ އެހެން މަންޒަރެކެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެ ސްޓެލްކޯއިން ލީޑު ނެގިއިރު މި ލަނޑު ޖަހައިދިނީ މަރިޔަމް ޒާނާ ޒަމީރެވެ. މަޑުމަޑުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދި އެޗްޑީސީއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ އެޗްޑީސީ އިން ނެގި ކޯނަރު ދިފާއުކުރަން މަސައްކަތް ކުރި ސްޓެލްކޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ފާތިމަތު ސާލިޔާ ޖަހައިދިން ލަނޑުން އެޗްޑީސީ ލީޑު ނެގިއިރު، ސްޓެލްކޯއިން ނަތީޖާ ހަމަހަމަކުރުމުގެ ކުރިން އާމިނަތު ރިސާލާ އެޗްޑީސީގެ ލީޑު ފުޅާކޮށްދިނެވެ. މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ އެޗްޑީސީން ތިންވަނަ ލަނޑު ޖެހިތާ މާގިނައިރެއްނުވެ ފިރުޝާނާ ނަސީރުގެ ލަނޑުން ނަތީޖާ 4ـ1 އަށް ބަދަލު ކޮށްލިއެވެ.

މި މެޗުން މޮޅުވެ 9 ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެޗްޑީސީ ސެމީ ފައިނަލަށް ދަތުރު ކުރިއިރު މި މެޗުން ބަލިވި ސްޓެލްކޯ ވަނީ މި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ފާތިމަތު ސާލިޔާއެވެ.

މެޗު 2

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ އެމްއޭސީއެލް އާއި ބީއެމްއެލްއެވެ. ކުޅުނު ދެ މެޗުން ބަލިވެ ގެއްލުން 8 ލަނޑާއިއެކު ގުރޫޕްގެ ތިން ވަނައިގައި ބީއެމްއެލް އޮތްއިރު، ގެއްލުން 11 ލަނޑާއިއެކު އެމްއޭސީއެލް އޮތީ ގުރޫޕްގެ ފުލުގައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގުރޫޕްގެ ތިންވަނަ ލިބުނު ނަމަވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ މިނިޓްގައި ތާނީ ލަތީފް އެމްއޭސީއެލްއަށް ލީޑު ނަގައިދިނެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު އާއިޝަތު ލައިބާ ބީއެމްއެލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. 1-1 އެއްވަރުވެގެން ނިމިދާނެ ކަމަށް ހީވި މި މެޗުގެ ފަހު ދެ މިނިޓްގައި ދެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. އާއިޝަތު ލައިބާ ބީއެމްއެލްއަށް ލީޑު ނަގައިދިންއިރު އެމްއޭސީއެލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޚަދީޖާ ޒިޔާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީއެމްއެލްގެ އާއިޝަތު ލައިބާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top