ކުލަބް މޯލްޑިވްސްއިން މިއަހަރު އަލަށް ފެށި ކިޑްސަލް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް އެލީޓް އެކަޑަމީ އާއި ވެލެންސިޔާ ސްޕޯރޓްސް ކުލަބް އެކަޑަމީ އަދި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް އެކަޑަމީ އާއި އެސްޕަޔާ އެކަޑަމީ ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ކުއާޓާރ ފައިނަލް ހަތަރު މެޗު މިއަދު ކުޅެފައިވާއިރު މެޗުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު:
ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލީޓް އެކަޑަމީ އާއި ހުޅުމާލޭ ޔޫތު އެންޑް ސްޕޯރޓްސް ކުލަބް އެކަޑަމީއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުން އެލީޓް އެކަޑަމީ މޮޅުވީ 2-4 އިންނެވެ. މި މެޗުގައި އެލީޓް އެކަޑަމީއަށް ލަނޑުތައް ޖަހައިދިނީ ޝައިމަން އަޙްމަދު އާއި ހުމާމް މުއާވިޔަތު، ކޮންމެ ކުޅުންތެރިއެއް ލަނޑެއް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދް ބިން މުޙައްމަދު ދެ ލަނޑެވެ. ހުޅުމާލޭ ޔޫތުގެ ދެ ލަނޑު ޖެހީ ހަމީސް ބިން ޢަބްދުލް ހަމީދު އާއި އިބްރާހިމް އަބާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާދު ބިން މުޙައްމަދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ކުއާޓާރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވެލެންސިޔާ ސްޕޯރޓްސް ކުލަބް އެކަޑަމީ އާއި ބިސްބުރު ސްޕޯރޓްސް ކުލަބް އެކަޑަމީއެވެ. ވެލެންސިޔާ އެކަޑަމީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުން އެ ޓީމް މޮޅުވީ 3-6 އިންނެވެ. މި މެޗުގައި ބިސްބުރު އެކަޑަމީގެ އިބްރާހިމް މިރުޝާން އާއި މުޙައްމަދު ސައިލް ލަނޑު ޖަހައިދިންއިރު އެ ޓީމުގެ ތިންވަނަ ލަނޑަކީ ވެލެންސިޔާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. 6-3 އިން ވެލެންސިޔާ އެކަޑަމީ މޮޅުވި މި މެޗުގައި އެ ޓީމުގެ އިސްމާއިލް އަޒްޔާން އާއި އިބްރާހިމް އިޔާސް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޢަލީ އަޒީން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ އަޒީން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް އެކަޑަމީ އާއި ބީޖީ ސްޕޯރޓްސް ކުލަބް އެކަޑަމީއެވެ. ފަސޭހަކަމާއިއެކު ނިއުރޭޑިއަންޓް އެކަޑަމީ ކާމިޔާބުކުރި މި މެޗުގެ ފުރަތަމަ 10 މިނިޓްތެރޭ އެ ޓީމުން ތިން ލަނޑުގެ ލީޑެއް ނެގިއެވެ. 2-7 އިން ނިއުރޭޑިއަންޓް އެކަޑަމީ މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރާއިޝް ރަމީޒް 2 ލަނޑު، މުޙައްމަދު ޔަމަކް 2 ލަނޑު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުޙައްމަދު އަޒުހާން 2 ލަނޑެވެ. ނިއުރޭޑިއަންޓްގެ 7 ވަނަ ލަނޑަކީ ބީޖީ އެކަޑަމީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި މެޗުގައި ބީޖީގެ ދެ ލަނޑު ޖެހީ ނޫހް އިހްލާސް އާއި މިކްޔާލް ޢަބްދުލް މަޖީދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އަޒުހާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ކުއާޓާރ ފައިނަލްގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ އެސްޕަޔާ އެކަޑަމީ އާއި ވިލިމާލޭ ޔުނައިޓެޑް އެކަޑަމީއެވެ. މާބޮޑު ވާދަވެރިކަމެއް ނުފެނުނު މި މެޗު އެސްޕަޔާ އެކަޑަމީ ކާމިޔާބު ކުރީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެސްޕަޔާ އެކަޑަމީގެ ހަމަލާތައް ހުއްޓުވުމުގައި ވިލިމާލޭ ޔުނައިޓެޑް އެކަޑަމީން ކާމިޔާބު ހޯދި ނަމަވެސް ދެވަނަ ހާފުގައި އެކަމެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގައި އެންމެ ލަނޑެއް ޖެހުނު ނަމަވެސް ދެވަނަ ހާފުގައި އެސްޕަޔާ އެކަޑަމީން ހަތަރު ލަނޑު ޖެހިއެވެ. މި މެޗުގައި އެސްޕަޔާ އެކަޑަމީއަށް ލަނޑުތައް ޖަހައިދިނީ ޔަލްސަން ބިން ހިސާން އާއި އަޙްމަދު އާހިލް، ކޮންމެ ކުޅުންތެރިއެއް ލަނޑެއް، އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އައްމާރް ބިން ނަވާޒް ތިން ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އައްމާރު ބިން ނަވާޒް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ.
