މި ހާދިސާ ހިނގާފައިވަނީ ބްރެޒިލްގެ ރީޖަނަލް ހޮސްޕިޓަލެއް ކަމަށްވާ ޑރ. ހޯޒޭ ޑި ސިމޯން ނެޓޯގައެވެ. އުމުރުން 81 އަހަރުގެ ދަނިއެލާ އަލްމޭޑާ ވެރާ އެ ހޮސްޕިޓަލުގައި އެޑްމިޓްކުރީ 2024 މާރިޗު މަހުގެ 14 ވަނަ ދުވަހު، ބަނޑުގައި ގަދައަށް ރިއްސުމާއި ހަށިގަނޑުގައި ނުރައްކާތެރި އިންފެކްޝަނެއް އުފެދިގެންނެވެ.
ސީޓީ ސްކޭނަކުން ބެލިއިރު، އޭނާގެ ބަނޑުގައި ގާވެފައިވާ ކުޑަކުއްޖެއް (ކެލްސިފައިޑް ފީޓަސް) އޮތްކަން އެނގުނެވެ. މިއީ “ލިތޯޕީޑިއަން” ނުވަތަ “ސްޓޯން ބޭބީ” ގެ ނަމުން ނަންދެވިފައިވާ، ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ. މިކަން މެދުވެރިވަނީ ރަހިމުން ބޭރުގައި ދަރިލައި، އެ ކުއްޖާ ބަނޑުތެރޭގައި މަރުވުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ ކުއްޖާގެ ވަށައިގެން ކެލްސިއަމްގެ ފަށަލައެއް އުފެއްދުމުންނެވެ.
އިންފެކްޝަންގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، ޑޮކްޓަރުން ނިންމެވީ އޮޕަރޭޝަން ކޮށްގެން އެ ކުއްޖާ ނެގުމަށެވެ. ނަމަވެސް، ކުޑަކަމުދާ ނިޒާމުން އުފެދުނު ވަރުގަދަ އިންފެކްޝަނެއް މުޅި ހަށިގަނޑަށް ފެތުރި، އޭގެ އަނެއް ދުވަހު އައި.ސީ.ޔޫގައި ފަރުވާދެމުން ދަނިކޮށް އެ އަންހެންމީހާ ވަނީ ނިޔާވެފައެވެ.
މާހިރުން ލަފާކުރާ ގޮތުގައި އެ ކުއްޖާ އޭނާގެ ބަނޑުގައި އޮންނަތާ ގާތްގަނޑަކަށް 30 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ލިތޯޕީޑިއަންއަކީ ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ރިކޯޑު ކުރެވިފައިވާ އެންމެ 330 އެއްހާ ކޭސް ފެނިފައިވާ ވަރަށް މަދު ހާލަތެކެވެ. މިފަދަ ހާލަތްތަކުގައި އެއްވެސް އަލާމާތެއް ނުފެނި ގިނަ އަހަރުތަކެއް ވޭތުވެދިޔަ ނަމަވެސް، ފަހުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.
