ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޫނު ޒޯނުގެ ޗެމްޕިއަންކަން ވެލާ ޕްރައިވެޓް އައިލެންޑް ހޯދައިފިއެވެ. ސިޔާމް ވޯލްޑްގައި ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ވެލާ ޕްރައިވެޓް އައިލެންޑް އާއި ސޮނެވާ ޖާނީ އެވެ.
މި ދެ ޓީމު ފައިނަލަށް ދަތުރު ކުރި ގޮތަށް ބަލާލާއިރު، ވެލާ ޕްރައިވެޓް އައިލެންޑް އަކީ ލީގު ބުރުގެ އެއްވަނަ ހޯދައި ސީދާ ފައިނަލްގެ ޖާގަ ހޯދި ޓީމެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވެލާ ޕްރައިވެޓް އައިލެންޑެވެ. ސޮނެވާ ޖާނީއަކީ ލީގު ބުރުގެ ދެވަނަ ހޯދި ޓީމެވެ. ލީގު ބުރުގެ ތިންވަނަ ހޯދި ރޮބިންސަން ނޫނާއި ސޮނެވާ ޖާނީ ކުޅުނު ސެމީ ފައިނަލް މެޗު ސޮނެވާ ޖާނީ ކާމިޔާބު ކުރީ 5-2 އިންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ދެ ޓީމަށް ވެސް ލިބިފައެވެ. ލީގު ބުރުގެ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރި ނަމަވެސް މި މެޗުގައި ސޮނެވާ ޖާނީގެ ގޯލު ހުޅުވާލުމަކީ ވެލާ ޕްރައިވެޓް އައިލެންޑަށް ފަސޭހަކަމަކަށް ނުވިއެވެ. ޑިފެންސަށް އިސްކަންދީގެން ކުޅުނު ނަމަވެސް ސޮނެވާ ޖާނީއިން ވަނީ ދޭތެރެއަކުން ކުރިޔަށް އަރައި ވެލާ ޕްރައިވެޓް އައިލެންޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެލާ ޕްރައިވެޓް އައިލެންޑެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އިމްތިނާހް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުމާއިއެކު ނަތީޖާ ހަމަހަމަކުރުމަށް ސޮނެވާ ޖާނީއިން ކުރަމުން އައި މަސައްކަތް އިތުރު ކުރިއެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލައި ސޮނެވާ ޖާނީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަޙްމަދު ރަމީޒެވެ.
މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ދެ ޓީމަށް ލިބިފަ އެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ކުރެވޭގޮތެއް ނުވި އެވެ.
1-1 އިން މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ވެލާ ޕްރައިވެޓް އައިލެންޑް ކާމިޔާބު ކުރީ 3-0 އިންނެވެ. 4-1 އިން މެޗު ކާމިޔާބުކޮށް ވެލާ ޕްރައިވެޓް އައިލެންޑް ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ޕްރައިވެޓް އައިލެންޑްގެ އަޙްމަދު އިމްތިނާހް އެވެ. މި ޒޯންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސޮނެވާ ޖާނީގެ ހުސައިން ޝައްފާހު އެވެ. މި ޒޯންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޢަލީ ޝިޔާޒް (ސޮނެވާ ޖާނީ)، ހަސަން އަބްދުލް ޖަލީލް (ވެލާ)، އަޙްމަދު ޝާފިއު (ވެލާ)، އަޙްމަދު އިމްރާން (ވެލާ) އަދި އިބްރާހީމް ނިޔާޒު (ސޮނެވާ ޖާނީ) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެލާ ޕްރައިވެޓް އައިލެންޑްގެ ކޯޗް އަޙްމަދު ނަސީމެވެ. މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެލާ ޕްރައިވެޓް އައިލެންޑްގެ މުޙައްމަދު ޒާހިދު ސައީދެވެ.
