“ވޭތުވެދިޔަ ދެދުވަހު އަހަރެންގެ ފޯނަށް ތަކުރާރުކޮށް އެސްއެމްއެސް ޓެކްސްޓް މެސެޖެއް ލިބެމުން ދިޔައެވެ. ލިބޭ މެސެޖުގައި ބުނަނީ އަހަރެންގެ ފޭސްބްކް ޕާސްވޯޑް ރީސެޓް ކޮށްލުމަށެވެ. ނަމަވެސް އަހަރެންގެ ޕާސްވޯޑް ބަދަލުކުރުމަށް ފޭސްބްކް ގައި އެއްވެސް މުޢާމަލާތެއް ނުހިންގަމެވެ. އެހެންކަމުން މިއީ އޮޅުވައިލުމެއް ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟”

އަހަރެން މި ސުވާލުކޮށްލީ ގާތް ރައްޓެއްސެއްކަމަށްވާ ގޫގްލް ކައިރީގައެވެ. ޢާއްމު އުޞޫލުން ގޫގްލް އަށް ފެންނަ އެންމެ ރަނގަޅު ޖަވާބުތައް ތިލަކޮށްލި އެވެ.

“އާނ. ޔަޤީނުންވެސް ތިޔައީ އޮޅުވާލައިގެން ތިބާގެ ފޭސްބްކް ހެކް ކޮށްލުމަށް ބަޔަކު ނުވަތަ މީހަކު މަސައްކަތް ކުރަމުން ދަނީ.” ގޫގްލް އިން ލިބުނު އެއް ޖަވާބަކީ މިއީ އެވެ.

ފޭސްބްކް އެކައުންޓް ހެކް ކުރުމަށްޓަކައި ހެކަރުން މަސައްކަތް ފެށުމުން އަންނަ އެސްއެމްއެސް އާއިމެދު ވިސްނުން ބަހައްޓަންވީ ކަންތައްތައް

ތަކުރާރުކޮށް މަތީގައި އެވާފަދަ އެސްއެމްއެސް ފޯނަށް ލިބުން، ނުވަތަ ފޭސްބްކް ޕާސްވޯޑް ރީސެޓް ކުރުމަށް ކަމަށް ބުނެ ފޯނުކޯލަކުން ނުވަތަ އީމެއިލް އަކުން ކޯޑެއް ލިބެމުން ދިއުމަކީ އަހަރެމެން ސަމާލުވާން ޖެހޭނެ ކަމެކެވެ. އެއީ ކޮންމެވެސް މީހަކު އަހަރެމެންގެ އެފްބީ އެކައުންޓް ހެކް ކުރުމަށް މަސައްކަތް ކުރާކަމުގެ ނިޝާނެކެވެ.

މިފަދަ އެސްއެމްއެސް ލިބޭ ސަބަބަކީ ފޭސްބްކް ގެ ސެކިއުރިޓީ ޗެކިން ވަރުގަދަ ކުރުމަށްޓަކައި އަހަރެމެންގެ ފޯނު ނަންބަރު ދީފައިވުމުން، ފޭސްބްކް ގެ ޕާސްވޯޑް ރީސެޓް ކުރުމަށްޓަކައި ‘ފޮރގޮޓް ޕާސްވޯޑް’ އޮޕްޝަން އަށް ފިއްތައިލުމުންނެވެ. އެހެންކަމުން އަހަރެމެން ފޭސްބްކްގެ ޕާސްވޯޑް ރީސެޓް ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބާ އެފަދަ އެސްއެމްއެސް ލިބެމުން ދާނީ ކޮންމެވެސް މީހަކު އަހަރެމެންގެ ފޭސްބްކް ޕާސްވޯޑް ހޯދުމަށް މަސައްކަތްތަކެއް ކުރަން ފެށުމާއި އެކުގައެވެ.

ފޭސްބްކް ޕާސްވޯޑް ރިސެޓް ކޯޑް ހިމެނޭ އެސްއެމްއެސް ލިބެނީ ކީއްވެގެން؟

ފޭސްބްކް ޕާސްވޯޑް ރީސެޓް ކުރުމަށް މަސައްކަތް ކުރަމުންދަނީ އެކައުންޓްގެ ވެރިފަރާތް ނޫންނަމަ، މިފަދަ އެސްއެމްއެސް ލިބުމަކީ އެއީ ކޮންމެވެސް އެހެން މީހެއްގެ ދުއްޕާނެއްކަން ޔަޤީންކުރާށެވެ. އެގޮތުން ފޭސްބްކް ޕާސްވޯޑް ރީސެޓް ކޯޑް ހިމެނޭ އެސްއެމްއެސް ލިބެން ފަށާފާނެ ބައެއް ހާލަތް ތަކަކީ:

* ކޮންމެވެސް މީހަކު ތަކުރާރުކޮށް ތިބާގެ ފޭސްބްކް އެކައުންޓަށް ލޮގިން ވުމަށް މަސައްކަތް ކުރަމުން ދިއުން.

* އޮޓޮމެޓިކުން މަސައްކަތްކުރާ ސޮފްޓްވެއަރ ‘ބޮޓް’ (އިންސާނެއްގެ އެހީއަކާއި ނުލައި މަަސައްކަތް ކުރާ ކޮމްޕިއުޓާ (ރޮ)ބޮޓް) އެއް ތިބާގެ ޕާސްވޯޑް ދެނެގަތުމަށް މަސައްކަތް ކުރުން.

* އެއީ ފިޝިންގ އެޓެމްޕްޓެއް phishing attempt ކަމަށްވެސް ވެދާނެ އެވެ. މާނައަކީ އެސްވެސް މީހަކު ތިބާގެ ފޭސްބްކް އަށް ވަންނަން މަސައްކަތް ނުކުރިނަމަވެސް ތިބާ އަށް ފިއްތައިލެވިފައިވާ ގޯސް ލިންކެއްގެ ސަބަބުން އެ ލިންކް މެދުވެރިކޮށް ޕާސްވޯޑް ދެނެގަތުމަށް މަސައްކަތް ކުރުން ކަމަށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. މި ލިންކުން ހުޅުވޭނީ ފޭސްބްކް ލިންކާއި ވައްތަރު ‘ގޯސް ލިންކެ’ ކެވެ. މަތީގައި ހިއްސާކޮށްފައިވާ ފޮޓޯއިން އެ ފެންނަނީ އެފަދަ ލިންކެކެވެ. އެ ލިންކަށް ވަނުމުން މިހާރުގެ ޕާސްވޯޑް ޖެހުމަށް ބުނުމަށްފަހު އައު ޕާސްވޯޑެއް ޖެހުމަށް ބުނާނެއެވެ. އެ ލިންކްގެ ވެރިފަރާތުން ދެން ކުރާނެ ކަމަކީ އަލަށް ޖެހި ޕާސްވޯޑް ނައްތާލައި މިހާރުވެސް ބޭނުންކުރަމުން އަންނަ ޕާސްވޯޑް ބޭނުންކޮށްގެން ތިބާގެ ފޭސްބް އެކައުންޓަށް ވަދެ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ފޭސްބްކް އެކަައުންޓް ގެންދާނީ އެވެ.

ތަކުރާރުކޮޮށް ފޭސްބްކް ރީސެޓް ޕާސްވޯޑް ކޯޑު ފޮނުވަންޏާ ހަދާނީ ކިހިނެތް؟

އެންމެ ރަނގަޅު ގޮތަކީ ހަމަ އެއްވެސް ކަމެއް ނުކޮށް ހުރުމެވެ. އެސްއެމްއެސް ގައި އިންނަ އެއްވެސް ލިންކަކަށް ފިއްތައިނުލާށެވެ. މެސެޖް ލިބޭ ނަންބަރަށް ނުގުޅާށެވެ. އެއީ ފިސިންގ އެޓެމްޓެއް ކަމަށްވާނަމަ، މިބުނިގޮތަށް އަޅައިވެސް ނުލާ ހުރުމުން ފޭސްބްކް އެކައުންޓަށް ނުރައްކަލެއް ނޯންނާނެ އެވެ.

އެހެންނަމަވެސް ހެކަރެއް ނުވަތަ ބޮޓް ސޮފްޓްވެއަރ އެއް މަސައްކަތްކުރަނީ ތިބާގެ ޕާސްވޯޑް ލަފާކޮށްލައިގެން ހޯދަން ކަމަށްވާނަމަ، ވަރުގަދަ ޕާސްވޯޑެއް އިޚްތިޔާރުކޮށްފައި ވުން މުހިންމެވެ. ފޭސްބްކް ނުވަތަ އެހެން އެއްވެސް އެއްޗެއްގެ ޕާސްވޯޑަކީ މީހަކު ލަފާކޮށްލައިގެން އެނގޭ ޒާތުގެ ފަސޭހަ ޕާސްވޯޑަކަށް ވެގެން ކަމަކުނުދާނެ އެވެ. ވަރުގަދަ ޕާސްވޯޑެއް ނެތްނަމަ ވީ އެންމެ އަވަހަކަށް ވަރުގަދަ ޕާސްވޯޑެއް އިޚްތިޔާރުކޮށް ޕާސްވޯޑް ރީސެޓް ކޮށްލާށެވެ.

ފޭސްބްކް ޕާސްވޯޑް ރީސެޓް ކުރަން ފޯނުކޯލް ލިބޭނަމަ ހަދާނީ ކިހިނެތް؟

އެސްއެމްއެސް ގެ ބަދަލުގައި ތަފާތު ނަންބަރުތަކުން ގުޅައިގެން ޕާސްވޯޑް ހޯދުމަށް ނުވަތަ ރީސެޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބައެއް މީހުން ރިޕޯޓް ކުރެއެވެ. އެފަދަ ކޯލެއް ލިބުނަސް އެމީހުންބުނާ އެއްވެސް ކަމެއް ނުކުރާށެވެ.

ފޭސްބްކް އެކައުންޓް ހެކްކޮށްލައިފިނަމަ ދެން ކުރާނީ ކީއްހެއްޔެވެ؟

ކުރިން މިބުނިފަދަ އެސްއެމްއެސް އެއް، އީމެއިލް އެއް ނުވަތަ ފޯނުކޯލަކަށް އިޖާބަދެވި ޕާސްވޯޑް ރީސެޓް ކޮށްލެވި ފޭސްބްކް އެކައުންޓަށް ނުވަދެވޭ ގޮތް ވިޔަސް ހާސްނުވާށެވެ. ‘ފޭސްބްކް’ އިން ތިބާގެ އެކައުންޓް އަލުން ހޯދައިދިނުމަށް އެހީތެރިވެދޭނެ އެވެ. އެކަމަށްޓަކައި މި ލިންކަށް ފިއްތާލައި އޭގާއިވާ އިރުޝާދު ތަކަށް އަމަލުކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.