ބ. ދަރަވަންދޫގައި މިހާރު ކުރިޔަށްދާ “ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2026 އަންޑަރ 16” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިރޭ އޮންނާނެއެވެ. ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ދަރަވަންދޫ ކައުންސިލުން ބާއްވާ 16 އަހަރުން ދަށުގެ ފުޓްސަލް މި މުބާރާތުގައި މިއަހަރު ހަ ރަށަކުން ވަނީ ބައިވެރިވެފައެވެ. އެ ރަށްތަކަކީ މުބާރާތް ބާއްވާ ދަރަވަންދޫގެ އިތުރުން ހިތާދޫ، ދޮންފަނު، ކަމަދޫ، މާޅޮސް އަދި ކިހާދޫ އެވެ.
20:30 ގައި ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިތާދޫ އާއި ދޮންފަނެވެ. މި ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ހިތާދޫއަކީ ގުރޫޕް އޭގެ އެއްވަނަ ޓީމެވެ. ގުރޫޕް ސްޓޭޖްގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު، ކަމަދޫ އާއި ބައްދަލުކޮށް 3-2 އިން ކާމިޔާބު ކުރިއިރު، އެ ޓީމު ކުޅުނު ދެވަނަ މެޗު ކިހާދޫއާ ބައްދަލުކޮށް 6-1 އިން ކާމިޔާބު ކުރިއެވެ. އެ ޓީމަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ލަނޑު ހައެކެވެ. ދޮންފަނަކީ ގުރޫޕް ބީގެ ދެވަނަ ޓީމެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗު ދަރަވަންދޫއާ ވާދަކޮށް 1-0 އިން ބަލިވި ނަމަވެސް، ދެވަނަ މެޗު މާޅޮހާއި ބައްދަލުކޮށް 3-4 އިން ކާމިޔާބު ކުރިއެވެ. އެ ޓީމަށް 3 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ލަނޑެއް އަދި ގެއްލުން ލަނޑެއް ވެސް ނެތެވެ.

ފޮޓޯ: ބ. ދަރަވަންދޫ ކައުންސިލް އެފްބީ
21:30 ގައި ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރަނީ ދަރަވަންދޫ އާއި ކަމަދޫ އެވެ. މި ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ދަރަވަންދޫއަކީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. ގުރޫޕް ސްޓޭޖްގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ދޮންފަނާއި ބައްދަލުކޮށް 1-0 އިން މޮޅުވިއިރު، ދެވަނަ މެޗުގައި މާޅޮހާއި ބައްދަލުކޮށް މޮޅުވީ 3-1 އިންނެވެ. ކަމަދޫ އަކީ ގުރޫޕް އޭގެ ދެވަނަ ޓީމެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗު ހިތާދޫއާ ބައްދަލުކޮށް 2-3 އިން ބަލިވި ނަމަވެސް، ދެވަނަ މެޗު ކިހާދޫއާ ބައްދަލުކޮށް 3-2 އިން މޮޅުވިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.
