ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން ބަލިވުމާ ގުޅިގެން، ދަނޑުމަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތައް ފީފާއިން ތަހުގީގު ކުރަން ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ފީފާއިން މި ތަހުގީގު ފެށީ، މުބާރާތުގެ ތަށި ސްޕެއިނުން ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަމުން ދަނިކޮށް، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގުމާ ގުޅިގެންނެވެ.
މި ހާދިސާގެ ވީޑިއޯ ރިޕްލޭތަކުން ފެންނަ ގޮތުގައި، އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑޭސް ހިމެނޭހެން ގިނަ ކުޅުންތެރިންތަކެއް މި ކުރިމަތިލުމުގައި ބައިވެރިވެފައިވެއެވެ. ޕަރެޑޭސް ވަނީ ސްޕެއިންގެ އެރިކް ގާސިއާގެ ކަރުގައި ހިފައި ކޮއްޕާލާފައެވެ. އަދި މިކަމުގެ ތެރެއަށް ސްޕެއިންގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހުރި ގަވީ ވަނުމުން، ޕަރެޑޭސް ވަނީ އޭނާ ވެސް ބިމަށް ވައްޓާލާފައެވެ.
މީގެ އިތުރުން، ސްޕެއިންގެ ކެޕްޓަން ރޮޑްރީ އުފާފާޅުކުރުމަށް އޭނާގެ ޓީމުގެ ކުޅުންތެރިންނާ ދިމާލަށް ދަނިކޮށް، އާޖެންޓީނާގެ ޑިފެންޑަރު ނަހުއެލް މޮލީނާ އޭނާގެ ބަނޑުގައި ޖެހި މަންޒަރު ވެސް ފެނިފައިވެއެވެ. އަދި އޭގެ ފަހުން މޮލީނާ އާއި މެންޗެސްޓަރ ސިޓީގައި ރޮޑްރީއާއެކު ކުރިން ކުޅުނު ނިކޮލަސް އޮޓަމެންޑީ ވަނީ ރޮޑްރީއާ ދިމާލަށް ބަހުގެ ހަމަލާތަކެއް ވެސް ރައްދުކޮށްފައެވެ.
މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި ބައެއް އެހެން ކުޅުންތެރިން މަސައްކަތް ކުރިއެވެ.
ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗަށްފަހު ހިނގި ހާދިސާތަކުގައި ފީފާގެ ޑިސިޕްލިނަރީ ކޯޑާ ޚިލާފު އަމަލުތަކެއް ހިނގާފައިވޭތޯ ބެލުމަށް “ޑިސިޕްލިނަރީ އެންޑް އެތިކްސް ޕްރޮސެކިއުޓަރެއް” އައްޔަންކޮށްފައިވާ ކަމަށެވެ.
ފީފާގެ ކުރު ބަޔާނުގައި މި ތަހުގީގު ނިމޭނެ ވަގުތެއް ބުނެފައެއް ނުވެއެވެ. އަދި ޕަރެޑޭސްގެ ނަން ވަކިން ފާހަގަކޮށްފައި ނުވި ނަމަވެސް، މެޗުގެ ތެރޭގައި އޭނާއަށް ރަތް ކާޑެއް ދައްކާފައި ނުވާތީ، މެޗަށްފަހު އޭނާއަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ.
އާދިއްތަ ދުވަހުގެ ފައިނަލް މެޗު 1-0 އިން ސްޕެއިން ކާމިޔާބުކުރީ އިތުރު ވަގުތު ކުޅެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އުޅެނިކޮށް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، އާޖެންޓީނާއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.
ސްޕެއިންގެ ކުޅުންތެރިން މުބާރާތުގެ ތަށި އުފުލާލި ވަގުތު، އާޖެންޓީނާގެ ކުޅުންތެރިން ތިބީ ތަށި ބަހައްޓާފައި ހުރި ސްޓޭޖަށް ފުރަގަސްދީ، އެމީހުންގެ ސަޕޯޓަރުންނާ ކުރިމަތިލައިގެންނެވެ. މިއީ މުބާރާތުގެ ޗެމްޕިއަނުންނަށް އިހުތިރާމް ކުޑަކުރުމުގެ ގޮތުން އާންމުކޮށް ފެންނަ ކަމެއް ނޫނެވެ. ސްޕެއިންގެ ކުޅުންތެރިން ވަނީ އާޖެންޓީނާގެ ކުޅުންތެރިން މެޑަލް ބަލައި ދިޔަ ވަގުތު “ގާޑް އޮފް އޮނާ” އެއް ދީފައެވެ.
