ދަރާ ޕްރޮޑަކްޝަން އާއި ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ނެރެމަށް ހަމަޖެހިފައިވާ ވީޑިއޯލަވަ އަލްބަމްގެ “ކައިސޭ ކަޓޭނ” ރިލީޒްކޮށްފި އެވެ. މިއީ ލޯބީގެ ހިތާމަވެރި ސޫފީ ޓަޗެއް ހުންނަ ހިންދީ ލަވައެކެވެ.

 

ރާއްޖޭގެ މަޝްހޫރު އެކްޓަރު މުހައްމަދު ރަޝީދު ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އާއި އިންޑިޔާ ގެ ނިއުދިއްލީގެ ޕްރޮޑަކްޝަން ހައުސް އެއްކަމަށްވާ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އާއި ގުޅިގެން ހަދާފައިވާ މި ލަވަ ޝޫޓްކޮށްފައިވަނީ ދިވެހިރާއްޖޭގަ އެވެ.

 

“ކައިސޭ ކަޓޭނ” ގެ ވީޑިއޯ މަސައްކަތް ދަރާ ޕްރޮޑަކްޝަން އިން ކޮށްފައިވާއިރު އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ގެ މަސައްކަތް ތައް ކޮށްފައިވަނީ ނިއުދިއްލީ ގެ ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ.

 

“ކައިސޭ ކަޓޭނ” ގެ ލިރިކްސް އާއި މިއުޒިކް ހަދާފައިވަނީ އެޑީ ސިންގް އެވެ. ލަވަކިޔާފައިވަނީ ޖަގްތިންދަރް ސިންހް އެވެ. ޕްރޮޑިއުސްކޮށްފައިވަނީ ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް ގެ ސުޗެތާ އާނަންދު އެވެ. ޑައިރެކްކުރީ ހަރްޝް އާނަންދު އެވެ.

‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އަކީ އިންޑިޔާގެ އާދިއްލީގައި ނަންހިނގާ ކުންފުންޏެކެވެ. މި ކުންފުނީގެ ޑިރެކްޓަރުންނަށް ބަލައިލާއިރު ސްޗެތާ އާނަންދަކީ ފިލްމު ޕްރޮޑިއުސަރެއް ގެ އިތުރުން މަޝްހޫރު މެގަޒިން އެއް ކަމަށްވާ ‘ދަ ބޮލީވުޑް ފޭސަސް’ ގެ މެނޭޖިން އެޑިޓަރެވެ. ފިލްމު ‘ލަވް އޯރް ރާޖްނީތީ’ އާއި ‘ކައޯ ޕިޔޯ މަސްތު ރަހޯ’ އަކީ އޭނާގެ އުފެއްދުންތަކެވެ. މީގެ އިތުރުން ހަރްޝް އާނަންދަކީ ފިލްމު ޑައިރެކްޓަރެކެވެ. އޭނާ ވަނީ ކޮމެޑީ، ޑްރާމާ، ސިޔާސީ، އެނިމޭޝަން، ސްޕިރިޗުއަލް އަދި އިޖްތިމާއީ ގޮތުން ހޭލުންތެރި ކުރުވުމުގެ ގޮތުންވެސް ފިލްމުތައް އުފައްދާފަ އެވެ. އިންޓަނޭޝަނަލް ބޮޖްޕޫރީ ފިލްމު އެވޯޑުން އޭނާ ވަނީ ބެސްޓް ޑެބިއު ޑައިރެކްޓަރ އެވޯޑް ހާސިލްކޮށްފަ އެވެ. މި ކުންފުނީގެ ފައުންޑަރަކީ އަނިލް އާނަންދު އެވެ. މި ކުންފުންޏަކީ ފިލްމު އުފެއްދުމުގެ އިތުރުން އާޓްގެ ދާއިރާގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކެއް އެމީހުންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

 

ރަޝީދު ބުނީ ބޭރު ބަޔަކާއިއެކު މިފަދަ ޕްރޮޖެކްޓް ތަކެއްގައި ‘ދަރާ ޕްރޮޑަކްޝަން’ އިން ހިއްސާވުމުގެ މައިގަނޑު މަގުޞަދަކީ ރާއްޖޭގެ ރީތިކަން ބޭރުގެ ޤައުމުތަކަށް އިތުރަށް އިޝްތިހާރު ކޮށް ދެއްކުމަށާއި ދިވެހި ފަންނާނުންގެ ހުނަރުވެރިކަން ރާއްޖޭގެ ހަފޮޅުން ބޭރުވެ، ބޭރުގައުމުތަކުގެ އުފެއްދުން ތަކުން ދިވެހިންނަށް ފުރުޞަތު ހުޅުވައިލުމަށް މަގުފަހިކުރުމަށް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.