ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީގެ ކާމިޔާބު ފިލްމު “ޕިޔާރު ތޯ ހޯނާ ހީ ތާ” އަށް 28 އަހަރު ފުރުމާ ގުޅިގެން، އެ ފިލްމު އުފެއްދުމުގެ ކުރިން އޭނާ ކުރި ދަތި ތަޖުރިބާތައް ހިއްސާކޮށްފިއެވެ.
މި ފިލްމުގެ ކާމިޔާބީއާ ބެހޭގޮތުން ވާހަކަދައްކަމުން އަނީސް ބުނީ، 1995 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު “ހަލްޗަލް” ފްލޮޕްވުމާ ގުޅިގެން، ގާތްގަނޑަކަށް ތިން އަހަރު ވަންދެން އެއްވެސް މަސައްކަތެއް ނުލިބި ހުންނަން ޖެހުނު ކަމަށެވެ. އެ ދުވަސްވަރު ގިނަ ބަޔަކު އޭނާއަށް ލަފާދިނީ ޑައިރެކްޝަން ދޫކޮށްލުމަށެވެ. “މީހުން ބުނަމުންދިޔައީ އަނީސް އަކީ ވަރަށް މޮޅު ރައިޓަރެކޭ، އެހެންވީމާ ލިޔުމުގެ މަސައްކަތުގައި ކުރިއަށް ދާށޭ. ޑައިރެކްޓް ކުރަން ނޫޅޭށޭ.” އަނީސް ކިޔައިދިނެވެ. ބޮޑު އާއިލާއެއް ބަލަހައްޓަން ޖެހިފައި އޮތުމުން އެ ދުވަސްވަރު ވަރަށް ބޮޑަށް ބިރުގަތް ނަމަވެސް، އޭނާގެ ހިތުގައި އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑަނުވާ ކަމަށް އޭނާ ބުންޏެވެ.
“ޕިޔާރު ތޯ ހޯނާ ހީ ތާ” ގެ ސްކްރީންޕްލޭ ލިޔުނު ގޮތާ ބެހޭގޮތުން އަނީސް ބުނީ، އެއީ ހޮލީވުޑް ފިލްމު “ފްރެންޗް ކިސް” އަށް ބިނާކޮށް ތައްޔާރުކުރި ފިލްމެއް ކަމަށެވެ. އެ ފިލްމުގެ ޚިޔާލު އައި ވަގުތު، އެއް ރޭ ދަންވަރު 3 ޖެހިއިރު ލިޔަން ފަށައި، ހެނދުނު 10 ޖެހިއިރު މުޅި ސްކްރީންޕްލޭ ނިންމާލި ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ އަނެއް ދުވަހު އަޖޭ ދޭވްގަންއަށް ވާހަކަ ކިޔައިދިނުމުން އޭނާ ފިލްމަށް އެއްބަސްވީއެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނު އަޖޭ ދޭވްގަން އާއި ކާޖޮލް އާ ބެހޭގޮތުން ވާހަކަދައްކަމުން އަނީސް ބުނީ، އެ ދުވަސްވަރު އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ އެނގުނު މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ އަމިއްލަ ކަމަކަށް ވާތީ އެ ވާހަކަ އެއްވެސް މީހަކާ ހިއްސާނުކުރާ ކަމަށާއި، މިއަދު އެ ދެމީހުން އުފާވެރި އާއިލީ ދިރިއުޅުމެއް އުޅޭތީ އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ހިއްސާކުރަމުން އަނީސް ބުނީ، އެ ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެއް ކަމަށެވެ. “ގާތްގަނޑަކަށް 45 ނުވަތަ 50 މީހުންގެ ކްރޫ ދަތުރުކުރީ އެންމެ ބަހެއްގައި. ކާޖޮލް ފަދަ ތަރިންވެސް އަމިއްލައަށް ގޮނޑިތައް އުފުލައި، އެންމެން އެކުގައި އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރީ.” ފިލްމުގެ ސެޓުގައި އޮތް އެކުވެރި މާހައުލު ސިފަކުރަމުން އަނީސް ބުންޏެވެ.
“ޕިޔާރު ތޯ ހޯނާ ހީ ތާ” އަކީ ބޮލީވުޑްގެ އެންމެ މަޤުބޫލު ރޮމެންޓިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
