ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އާރުއާރުސީ ހޯދައިފި
މުބާރާތުގެ ޗެމްޕިއަން ޓީމް އާރުއާރުސީ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް ކަޕް (ޤައުމީ ފުޓްސަލް މުބާރާތް 2026) ގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބް (އާރުއާރުސީ) ހޯދައިފިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ބައްދަލުކޮށްފައިވަނީ މި ދެ ޓީމެވެ. މިދިޔަ އަހަރު އާރުއާރުސީ އާއި އެސްޓީއޯ ބައްދަލުކުރި ފައިނަލް މެޗު އާރުއާރުސީ ކާމިޔާބުކުރީ 7-5 އިންނެވެ.

ރޭ ކުޅެވުނު ފައިނަލް މެޗުގައި ޤައުމީ ފުޓްސަލް ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ފެނިފައިވާއިރު، މިދިޔަ އަހަރު މުބާރާތުގެ ރަން ވަނަތައް ހޯދި ބައެއް ކުޅުންތެރިން ވެސް ފެނިގެން ގޮސްފައިވެއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ލީޑު ނެގީ އާރުއާރުސީންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމާއިލް މުނީޒް އެވެ. އިސްމާއިލް މުނީޒް މި ލަނޑު ޖަހާފައިވަނީ މޮހްސެން މުންތަޒެމީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

އާރުއާރުސީން ނެގި ލީޑު ފުރަތަމަ ހާފު ނިމެންދެން ވެސް އެ ޓީމަށް ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. ހާފުގެ ފަހު މިނިޓްގައި ހުސައިން ޝަރީފް ޖަހައިދިން ލަނޑާއިއެކު އެސްޓީއޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އަޙްމަދު ރާހިލް އާރުއާރުސީގެ އޭރިޔާތެރެއަށް ޖައްސާލި ބޯޅަ ހުސައިން ޝަރީފް ގޯލްގެ ތެރެއަށް ފޮނުވާލީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ، ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ކޮންމެ ގޮތަކުން ނަމަވެސް އެ ޓީމެއް ކޮޅަށް ނަތީޖާ އަނބުރާލަން ދެ ޓީމުން މަސައްކަތްކުރި މި މެޗަކީ ފައުލް ގިނަ މެޗެކެވެ. އަދި މިއީ ވީޑިއޯ ސަޕޯޓް ބަލައިގެން ގިނަ ނިންމުންތަކެއް ފައިނަލް ކުރި ވެސް މެޗެކެވެ.

ދެވަނަ ހާފުގެ 10 ވަނަ މިނިޓްގައި ދެވަނަ ފަހަރަށް އާރުއާރުސީން ލީޑު ނެގިއެވެ. މިދިޔަ އަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަފްލާޒް އެސްޓީއޯ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޝަނާން ރަޝާދު ގޯލުގެ ތެރެއަށް ފޮނުވާލީ ހުސްކޮށް ހުރެ އެވެ.

އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅެމުންދިޔަ އެސްޓީއޯއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 32 ވަނަ މިނިޓްގަ އެވެ. އާރުއާރުސީގެ އޭރިޔާތެރެއިން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން، އެސްޓީއޯއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ އެވެ.

2-2 އިން އެއްވަރުވެގެން މެޗު ނިމިދާނެކަމަށް ހީވި މި މެޗުން އާރުއާރުސީ މޮޅުވި ލަނޑު މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް، އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އިސްމާއިލް މުނީޒް އެވެ.

2-3 އިން އެސްޓީއޯ ބަލިކޮށް އާރުއާރުސީ ޗެމްޕިއަންކަން ހޯދި، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއާރުސީއަށް މި މެޗުގައި ދެ ލަނޑު ޖަހައިދިން އިސްމާއިލް މުނީޒް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޝަނާން ރަޝާދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ އެހެނިހެން މަގާމްތަކަށް ބަލާލާއިރު، މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިޔަކީ އެޗްޑީސީގެ އަލީ އަލްސަން އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ އެމްޓީސީސީ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ އެޗްޑީސީގެ މުޒްދާން ހަސަން އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެމްޓީސީސީގެ މުޙައްމަދު އިޝާން އެވެ. މުބާރާތުގައި ފެނުނު އެންމެ ސަޕޯރޓިން ޓީމްއަކީ އާރުއާރުސީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އާރުއާރުސީގެ ކޯޗް އިސްމާއިލް ޝަރީފް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އެސްޓީއޯގެ އަޙްމަދު ރާހިލް ރަޝީދު، އެސްޓީއޯގެ ހުސައިން ޝަރީފް، އާރުއާރުސީގެ މޮހްސެން މުންތަޒެމީ، އެސްޓީއޯގެ މުޙައްމަދު ޒަހުލް އަދި އާރުއާރުސީގެ ޝަނާން ރަޝާދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމެންޓް) އަކީ އާރުއާރުސީގެ ޝަނާން ރަޝާދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top