އދ. މަހިބަދޫގައި މިހާރު ކުރިޔަށްދާ “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” އަންހެން ޑިވިޝަންގައި ވާދަކުރާ ކާލާމަންނަ އާއި ސްޕައިކާރސް ދެވަނަ މެޗުން މޮޅުވުމާއިއެކު ލީގު ބުރުގެ އެއްވަނައިގެ ފޯރި ގަދަވެއްޖެއެވެ. މި މުބާރާތް ރާވާލާފައިވާ ގޮތުން ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެއެވެ. ދެވަނަ ހޯދާ ޓީމު ޖެހެނީ ތިންވަނަ ހޯދާ ޓީމާއިއެކު ސެމީ ފައިނަލް މެޗެއް ކުޅޭށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
މި ދެ ޓީމަށް މިހާރު ވެސް ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ވެފައިވާއިރު، ކުޅުނު ދެ މެޗުން ބަލިވެފައިވާ އެންމެ ފަހުގެ ރަނަރަފް ޗެލެންޖާރސް އާއި ކުއީން ބީސްއަށް ވެސް ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މި މުބާރާތުގެ ދެވަނަ ރޭ ކުޅެވުނު މެޗުތަކަށް ބަލައިލާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޕައިކާރސް އާއި ކުއީން ބީސް އެވެ. މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު ސްޕައިކާރސް ކާމިޔާބުކުރީ 3 ސެޓް 0 ސެޓުންނެވެ. މި މެޗުގެ ސެޓްތައް ސްޕައިކާރސް ހޯދާފައި ވަނީ 6-25، 5-25 އަދި 25-6 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕައިކާރސްގެ ސާރަތު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ސާރަތު / ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް
ދެވަނަ ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޗެލެންޖާރސް އާއި ކާލާމަންނަ އެވެ. މިއީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރި ދެ ޓީމެވެ. ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވުނު މި މެޗުގެ ފުރަތަމަ ސެޓް ފެށިގޮތަށް މޮޅަށް ކުޅުނު ކާލާމަންނަ ކައިރިން ޗެލެންޖާރސްއަށް ޕޮއިންޓެއް ހޯދުނީ ވެސް ކާލާމަންނަ ފަސް ޕޮއިންޓް ހޯދި ފަހުންނެވެ. މި ސެޓް ކާލާމަންނަ ކާމިޔާބުކުރީ 16-25 އިންނެވެ.
ދެވަނަ ސެޓްގައި ވެސް މޮޅަށް ކުޅުނީ ކާލާމަންނަ އެވެ. މި ސެޓް އެ ޓީމުން ކާމިޔާބުކުރީ 15-25 އިންނެވެ.
މެޗު ކާމިޔާބު ކުރުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވި، ތިންވަނަ ސެޓާއި ޗެލެންޖާރސްއިން ކުރިމަތިލާއިރު، ކުޅުން އިތުރަށް ރަނގަޅު ކުރާނެކަމަށް ބެލެވުނެވެ. ސެޓް ފެށީއްސުރެ ވާދަވެރި ކުޅުމެއް ފެނުނު މި ސެޓް ދިޔައީ ދާދި ހަމަހަމަކޮށެވެ. ކާލާމަންނައިން މެޗުގެ ލީޑު ފުޅާކޮށްލީ 11-12 އިން އެއް ޕޮއިންޓްގެ ލީޑެއްގައި އޮވެފައެވެ. މި ސެޓް ކާލާމަންނަ ކާމިޔާބުކުރީ 17-25 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކާލާމަންނަ ކުޅުނު ފުރަތަމަ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެ ޓީމުގެ ކާފިއު އެވެ.
މި ޑިވިޝަންގެ، ގުރޫޕް ސްޓޭޖްގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ފުރަތަމަ މެޗުގައި ކުއީން ބީސް އާއި ޗެލެންޖާރސް ވާދަކުރާއިރު، މި މެޗުން މޮޅުވާ ޓީމަކަށް ލީގު ބުރުގެ ތިންވަނަ އަދި ސެމީ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކާލާމަންނަ އާއި ސްޕައިކާރސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ލީގު ބުރުގެ އެއްވަނައާއެކު ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެއެވެ. މި މެޗުން ބަލިވާ ޓީމް ޖެހެނީ މިރޭގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއިކު ސެމީ ފައިނަލް މެޗެއް ކުޅޭށެވެ.
