ހުރާގެ އަމާން ފަޅުތެރެއިން ފަތިސް ނަމާދުގެ ބަންގީގެ އަޑު މަޑުމަޑުން ފެތުރިގެން ދިޔައެވެ. ކާށިދުއާއި އަތިރިމަތީގެ ހިރިގަލުގެ ފާރުތަކުގެ ތެރެއިންލާފައި ގޮސް އެ އަޑު ބޭރުވީ މުޙައްމަދު ރިޔާން އުޅޭ ކުޑަ ލަކުޑި ގެއަށެވެ. އޭރު އޭނާ ހޭލައިގެން އުޅޭތާ ގަޑިއެއްހާއިރު ވެއްޖެއެވެ.
އިރުގެ ފުރަތަމަ ދޯދިތައް އުދަރެހުން ފާޅުވުމުގެ މާ ކުރިން އޭނާ ފަތިސް ނަމާދުކޮށް ނިންމައިފިއެވެ. އެހެން ދުވަސްދުވަހަށްވުރެ މިއަދު އޭނާ ދުޢާގައި ގިނައިރު ހޭދަކުރިއެވެ. އާ ދުވަހަކާ ކުރިމަތިލާނެ ހިތްވަރު ދެއްވުމަށާއި، އޭނާގެ ކުޑަކުޑަ ދަރިފުޅުގެ މޫނުމަތިން އަބަދުވެސް ހިނިތުންވުން ފެނުމަށާއި، އަދި އަމާނާތްތެރި މަސައްކަތުން ހަލާލު ރިޒުޤު ހޯދުމުގެ ތައުފީޤު ދެއްވުން އެދި އޭނާ މާތް ﷲ އަށް ދުޢާކުރިއެވެ.
އެއީ އޭނާގެ މަރުވެފައިވާ ބައްޕަ މީގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ އާދައިގެ ގެއެކެވެ. ލޮނުވައިގެ ސަބަބުން ގޭގެ ކުލަ ފަނޑުވެ، ހިނގާލާއިރު ބިމުން އަޑުގޮވައެވެ. ނަމަވެސް ހަތް އަހަރުގެ އައިޝާއަށް އެއީ ދުނިޔޭގައިވާ އެންމެ ރީތި ތަނެވެ. އެ ގޭގެ ކޮންމެ ކަނަކީ އޭނާގެ މަންމަގެ ހަނދާންތަކުން ފުރިފައިވާ ތަނެކެވެ.
ރިޔާން މަޑުމަޑުން ބަދިގެއަށް ވަނެވެ. އޭނާ ރޮށި ފިހެ، ވަސްމީރު މަސްހުނިގަނޑެއް މޮޑުނެވެ. ކައިރީގައި ހުރި ކަޅުސައިގެ މީރުވަސް ދުވަމުންދިޔައެވެ.
އޭނާގެ އަމިއްލަ ނަފުސަށް ހިނިތުންވެލެވުނެވެ. އޭނާގެ އަނބިމީހާ މަރިޔަމް ނަޒީރާ އަބަދުވެސް ބުނެއެވެ. ހެނދުނުގެ ނާސްތާއަކީ އަވަސްއަރުވާލައިގެން ކުރަންވާނެ ކަމެއް ނޫނެވެ.
“ދިރިއުޅުން ކިތަންމެ އުނދަގޫވިޔަސް، ހެނދުނު އެކުގައި ސައިބޯ އާއިލާއަކަށް ދުވަސް ނިންމާލާނެ ހިތްވަރު އަބަދުވެސް ލިބޭނެ.” އޭނާ ހިނިތުންވުމާއެކު ބުނެއުޅެއެވެ.
ޑެންގީ ހުމުގެ ސަބަބުން ކުރިމަތިވި ސިއްޙީ މައްސަލަތަކެއްގައި ނަޒީރާ ވަކިވެގެންދިޔަތާ މިހާރު ތިން އަހަރު ވެއްޖެއެވެ. ބައެއް ދުވަސްދުވަހު ހީވަނީ އޭނާ ރަށަކަށް ގޮސްލާފައި މިއަދު ހަވީރު ފެރީން އަންނާނެހެންނެވެ. ނަމަވެސް ހަޤީޤަތާ ކުރިމަތިލާން ޖެހެނީ ދެވަނަ ސައިތަށި އަޅަން އުޅޭ ހިނދުގައެވެ. ސައި އަޅައިދޭނެ މީހަކު މިއަދަކު ނެތެވެ.
ކުޑަކުޑަ ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. “ބައްޕާ..” އައިޝާ ލޯ އުނގުޅަމުން އައެވެ. އޭނާގެ އަތުގައި އޮތީ އޭނާގެ މަންމަ ފަހައިދީފައިވާ ކުޑަކުޑަ ބޯޅައެކެވެ.
“މިއަދުވެސް ބައްޕަ ކުރިން ހޭލީ ދޯ؟” ރިޔާން ހިނިތުންވެލިއެވެ.
“އަބަދުވެސް އައިޝާ ބަލިވަނީ.” އައިޝާ ބޮޑާ ދައްކާލަމުން ބުންޏެވެ. “އަދި ކޮންމެވެސް ދުވަހަކުން ފަތިސް ނަމާދުގެ ކުރިން އަހަރެން ހޭލާނަން.”
“އިންޝާ ﷲ!” ރިޔާން ބުންޏެވެ.
ނާސްތާ ކުރަން އިށީނދެ މަސްހުނީގެ ވަސް ބަލާލުމަށްފަހު އައިޝާ ބުންޏެވެ. “މީގެ ވަސް ހަމަ މަންމަ ހަދާ މަސްހުނި ކަހަލަ.”
އެވަގުތު ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެ ހަމަހިމޭންކަމަކީ މިހާރު ތަދެއް ނޫނެވެ. އެއީ އެ ދެބަފައިންގެ ހިތްހަމަޖެހުމެވެ.
“އެއީ މަންމަ ބައްޕައަށް ވަރަށް ރަނގަޅަށް ދަސްކޮށްދީފައި ހުރީމަ.” ރިޔާން ބުންޏެވެ.
“އެހެންވީމާ މަންމައަކީ ވަރަށް މޮޅު ޓީޗަރެއް ދޯ؟” އައިޝާ އެހިއެވެ.
“އާނ، އެންމެ މޮޅު ޓީޗަރު.”
ސައިބޮއެ ނިމިގެން ރިޔާން އައިޝާގެ އިސްތަށިގަނޑު ގޮށްފިލުވާލަދިނެވެ. ތިން ފަހަރަށް މަސައްކަތް ކޮށްގެން ނޫނީ އެކަން ރަނގަޅަކަށް ނުވިއެވެ.
“މަންމަ ހުރި ނަމަ އެއް މިނެޓުން ނިންމާލާނެ.” އައިޝާ ބުންޏެވެ. “އަދި ބައްޕަ އިސްތަށިގަނޑު ގޮށްފިލުވާލަދޭ ގޮތް ފެނިފައި މަންމަ ހޭނެ.”
“ބައްޕައަށް އެނގޭ އައިޝާ ތިހެން ބުނާނެކަން.” ރިޔާން ހިނިތުންވެލިއެވެ.
އައިޝާ ސްކޫލަށް ލުމަށްފަހު، ރިޔާން މާލެދާ ފެރީއަށް އެރިއެވެ. އޭނާ މަސައްކަތް ކުރަނީ ރާއްޖޭގެ ފުންނާބު އުސް ކުންފުންޏެއް ކަމަށްވާ “ކޮރަލް ޕާލް ރިސޯޓްސް” ގައެވެ. އެ ކުންފުނީގެ ވެރިޔަކީ އައިޝަތު ޝިޔާނާއެވެ.
ޝިޔާނާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ނަން މަޝްހޫރު، ހަރުކަށި އުސޫލުތަކެއް ގެންގުޅޭ އަންހެނެކެވެ. އޭނާއަށް “ދަ ސްޓޯމް” ނުވަތަ ތޫފާނުގެ ނަމުން ބައެއް މީހުން މުޚާތަބު ކުރެއެވެ. އޭނާ ބޭނުންވަނީ ފުރިހަމަކަމެވެ. ކުށަކަށް މަޢާފެއް ނޯވެއެވެ.
ޝިޔާނާ މިގޮތަށް ބަދަލުވީ އޭނާގެ ބައްޕަގެ ވިޔަފާރި، އާއިލާގެ ގާތް ބަޔަކު ކުރި ޚިޔާނާތެއްގެ ސަބަބުން ބަނގުރޫޓުވި މަންޒަރު ފެނުމުންނެވެ. އެ ދުވަހުން ފެށިގެން އޭނާ ދަސްކުރި ފިލާވަޅަކީ، “އިންސާނާގެ އަސްލު ސޫރަ ފެންނާނީ އުނދަގޫ ހާލަތްތަކުގައި” ކަމެވެ. އެހެންކަމުން އޭނާ މުވައްޒަފުން އިމްތިހާނު ކުރެއެވެ.
އެއް ދުވަހަކު އޭނާގެ އޮފީހުގައި އިނދެ މުވައްޒަފުންގެ ފައިލްތައް ބަލަނިކޮށް ރިޔާންގެ ފައިލް ފެނުނެވެ.
“މުޙައްމަދު ރިޔާން. އުމުރު 38. އަނތްބަކު ނެތް. އެއް ކުއްޖަކު ހުރޭ. މަސައްކަތަށް ގަޑި ނުޖެހޭ. އެއްވެސް ޝަކުވާއެއް ނެތް. އިތުރު ގަޑީގައި މަސައްކަތް ކުރޭ. މުސާރައިގެ ކުރިއެރުމަކަށް ދުވަހަކުވެސް ނޭދޭ.”
ޝިޔާނާ ހައިރާންވިއެވެ. “އެއްވެސް މައްސަލައެއް ނެތީތަ؟”
“އާނ، އެންމެންވެސް އޭނާއަށް ތަޢުރީފު ކުރޭ.” އެޗް.އާރް ޑިރެކްޓަރު ބުންޏެވެ.
ޝިޔާނާ ނިންމީ ރިޔާންއާ ބައްދަލުކުރުމަށެވެ. “މާދަމާ ހެނދުނު އޭނާ އަހަރެންގެ އޮފީހަށް ފޮނުވާ.”
އެރޭ ރިޔާން ގެއަށް ދިޔައީ އައިޝާއަށް ހަދިޔާއެއް ހިފައިގެންނެވެ. އެއީ އާދައިގެ ކުލަ ފަންސޫރު ފޮށްޓެކެވެ. ނަމަވެސް އައިޝާއަށް އެއީ ރަނުގެ ހަދިޔާއެކެވެ.
“މިއަދު އަހަރެން މަންމަގެ ކުރެހުމެއް ކުރަހާނަން.” އައިޝާ ބުންޏެވެ.
އިޝާ ނަމާދަށްފަހު، ދެބަފައިން ބޭރުގައި އިށީނދެގެން ތިއްބެވެ. އައިޝާ ކުރެހީ ތިން މީހުން އަތިރިމަތީގައި ތިބޭ މަންޒަރެވެ. އޭގެ ތެރެއިން އެކަކުގެ ބުރަކަށީގައި ފިޔަ ހުއްޓެވެ.
“ބައްޕާ، މީހުން ސުވަރުގެއަށް ދިޔައީމާ އަހަރެމެން ފެންނާނެތަ؟” އައިޝާ އެހިއެވެ.
ރިޔާންގެ ލޮލުން ކަރުނަ ހިލުނެވެ. “ބައްޕަ ޤަބޫލުކުރަނީ، ﷲ އިރާދަކުރެއްވި އަޅަކަށް، އެމީހުން ލޯބިވާ މީހުންގެ އުފާވެރިކަން ފެންނާނެ ކަމަށް.”
“އެހެންވީމާ މަންމައަށް އެނގޭނެ ބައްޕަ މިހާރު ހެނދުނު ސައި ހަދައިދޭކަން. އަދި ބައްޕަ އަހަރެން ނިދީމާ ރޯކަންވެސް މަންމައަށް އެނގޭނެ.” އައިޝާ މަޑުމަޑުން ބުންޏެވެ.
ރިޔާން ސިހުނެވެ. އޭނާ ރޯކަން އައިޝާއަށް އެނގޭނެ ކަމަކަށް އޭނާ ހީއެއް ނުކުރެއެވެ. އައިޝާ އޭނާގެ ބައްޕަގެ އަތުގައި ހިފާލިއެވެ. “އެއީ މައްސަލައެއް ނޫން ބައްޕާ. އަހަރެމެން ދެމީހުން އެކުގައި މަންމަގެ ހަނދާން ކުރާނީ.”
ކަނޑުގެ ރާޅުތަކުގެ އަޑު އިވިއިވި ހުއްޓާ ރިޔާންގެ ލޮލުން ކަރުނަ ފޭބިއެވެ. އެއީ ބަލިކަށިކަމަކުން ނޫނެވެ. އިންސާނާގެ ހިތާމަ ބައެއް ފަހަރު ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންނަށް މާ ބޮޑަށް އިޙުސާސް ކުރެވޭތީއެވެ.
މާދަމާއަކީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެގެންދާނެ ދުވަހެއްކަން ރިޔާންއަކަށް އޭރަކު ނޭނގެއެވެ.
**********
ހެނދުނު އައިޝާ ނިދިމޫނަކާއެކު ކޮޓަރިން ނުކުތްއިރު، އޭނާގެ އަތުގައި އޮތީ ރޭގައި ކުރަހާ ނިންމި ކުރެހުމެވެ. “ބައްޕާ.” އޭނާ ވަރަށް ލަދުރަކި ގޮތަކަށް ސިއްރުސިއްރުން ބުންޏެވެ. “މި ނިންމާލައިފިން.”
ރިޔާން އަތްފޮހެލުމަށްފަހު އައިޝާގެ ކައިރީގައި ކަކޫޖަހާލިއެވެ. އެ ކުރެހުމުން ފެންނަނީ ހުދު ދޮންވެލިގަނޑެއްގެ މަތީގައި، ނޫކުލައިގެ އުޑެއްގެ ދަށުން ބައްޕަގެ އަތުގައި ހިފާލައިގެން ހުރި ކުޑަ އަންހެން ކުއްޖެކެވެ. އެ ދެމީހުންގެ ކައިރީގައި ހުދު ފޭރާމެއްގައި ހުދު ފިޔަގަނޑެއްލީ މީހަކު ހުއްޓެވެ.
އައިޝާ ވަނީ އެ ކުރެހުމުގެ މަތީގައި ވަރަށް ސާފުނޫން އަކުރުތަކަކުން މިފަދައިން ލިޔެފައެވެ. “މާތްﷲ ހިތްތައް ގުޅުއްވައިފި ނަމަ، އާއިލާއެއް ދުވަހަކުވެސް ވަކިވެގެން ނުދާނެއެވެ.”
ރިޔާން އިރުކޮޅަކު އެ ކަރުދާސްގަނޑަށް ބަލަން އިނުމަށްފަހު، ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ. “ދަރިފުޅުގެ މަންމަ ދުނިޔޭގައި ހުރިނަމަ، މި ކުރެހުން ފްރޭމްކުރާނެ.” އައިޝާ ހިނިތުންވެލަމުން ބުންޏެވެ. “އެހެންވީމާ ބައްޕަވެސް އެކަން ކުރަންވާނެ.”
ގަޑިއެއްހާއިރު ފަހުން، ހެނދުނުގެ އަމާން ކަނޑުގައި ފެރީ މާލެއަށް ދަތުރުކުރަމުން ދިޔައެވެ. ގިނަ ފަސިންޖަރުންނަށް އިރުއަރާ މަންޒަރަށް ސަމާލުކަމެއް ނުދެވުނު ނަމަވެސް، ރިޔާން އެ މަންޒަރަށް ބަލަން އިނެވެ. އޭނާ އަބަދުވެސް ޤަބޫލުކުރާ ގޮތުގައި ކޮންމެ އިރުއެރުމަކީ އިއްޔެއަށްވުރެ ރަނގަޅު މީހަކަށް ވުމަށް ލިބޭ އާ ފުރުސަތެކެވެ.
ފެރީ ބަނދަރާ ގާތްވަމުން ދަނިކޮށް، ރިޔާންގެ ފޯނު ވައިބްރޭޓްވިއެވެ. އެއީ ހިއުމަން ރިސޯސަސްއިން އައި މެސެޖެކެވެ. “އައުމާއެކު ސީދާ އެގްޒެކެޓިވް އޮފީހަށް ރިޕޯޓްކުރައްވާ.”
ރިޔާންގެ ހިތް ބާރަށް ތެޅިގަތެވެ. ވޭތުވެދިޔަ މަހު އޭނާއަށް ކުރެވުނު ކޮންމެ ކަމެއް ހިތަށް ގެނައެވެ. ކުށެއް ކުރެވުނީ ހެއްޔެވެ؟ ފަތުރުވެރިއަކު ޝަކުވާ ކުރީ ހެއްޔެވެ؟ ނުވަތަ މީހަކު އޭނާގެ ބޮލުގައި އިލްޒާމެއް އެޅުވީ ހެއްޔެވެ؟ އެއްވެސް ކަމެއް ހަނދާނަކަށް ނައެވެ. އެހެނަސް، ކުރިމަތީގައި އޮތީ ކޮންފަދަ ކަމެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. އޭނާ މަޑުމަޑުން ކިޔާލިއެވެ. “އަޅަމެންނަށް މާތް ﷲ ފުދެއެވެ. އަދި އެކަލާނގެއީ ކަންކަން ހަވާލުކުރެވޭ އެންމެ ހެޔޮ ފަރާތެވެ.”
“ކޮރަލް ޕާލް ރިސޯޓްސް” ގެ އޮފީސް ހުންނަނީ މާލޭގެ އެންމެ އުސް އެއް އިމާރާތުގެ ބައެއް ފްލޯތަކުގައެވެ. އެތެރޭގެ ހުރިހާ ކަމަކުން ފެންނަނީ މުއްސަނދިކަމެވެ. މާބްލް ތަޅުންގަނޑާއި، ތާޒާ މާބޮނޑިތަކާއި، ހިތްގައިމު އަލިކަމެވެ. މުވައްޒަފުން އުޅެނީ ވަރަށް އަދަބުވެރިކަމާއެކުގައެވެ. ރިޔާން އޭނާގެ އިސްތިރިކޮށްފައިވާ އާދައިގެ ޔުނީފޯމުގައި އެތަނަށް ވަތްއިރު، އޭނާއަކީ އެ މާހައުލާ ނުގުޅޭ މީހެއް ފަދަ އިޙުސާސެއް ކުރެވުނެވެ.
“މިސްޓަރ ރިޔާން؟” ރިސެޕްޝަނިސްޓް ހިނިތުންވުމަކާއެކު އަހާލިއެވެ. “އާދެ.” “މިސް ޝިޔާނާ މިހާރު ތިޔަބޭފުޅާއާ ބައްދަލުކުރައްވާނެ.”
އައިޝަތު ޝިޔާނާ ހުރީ މުޅި މާލެ ފެންނަ ގޮތަށް ހުރި ބޮޑު ބިއްލޫރި ދޮރު ކައިރީގައެވެ. ބަނދަރުމަތީގައި ލޯންޗުތައް ދަތުރުކުރަމުން ދިޔައިރު، ސީޕްލޭންތައް އުޑުމައްޗަށް އަރަމުން ދިޔައެވެ. ޝިޔާނާ ވަގުތުން އެނބުރި ނުބަލައެވެ. “ވަދޭ.”
ރިޔާން މަޑުމަޑުން އެތެރެއަށް ވަނެވެ. “މެޑަމް، އަޅުގަނޑަށް ގޮވާލެއްވީތޯ؟”
އޭނާ އެނބުރި ރިޔާނަށް ބަލާލިއެވެ. އިރުކޮޅެއް ވަންދެން ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ޝިޔާނާ ހަމައެކަނި އޭނާއަށް ބަލަހައްޓައިގެން ހުރީއެވެ. ރިޔާންގެ ކިބައިން ފެންނަނީ ކެތްތެރިކަމާއި އަދަބުވެރިކަމެވެ. ޝިޔާނާ ރިޔާންގެ ޕާސަނަލް ފައިލް ހުޅުވާލިއެވެ.
“މި ކުންފުނީގައި މަސައްކަތް ކުރާތާ އަށް އަހަރު ވާން ކައިރިވެއްޖެ.”
“އާދެ.”
“މަގާމުގެ ކުރިއެރުމަކަށް ދުވަހަކުވެސް ނޭދޭ.”
“އަޅުގަނޑު ހުންނަނީ ވަޒީފާއެއް އޮތީތީ އެކަމަށް ޝުކުރުވެރިވެގެން.”
“މާލީ އެހީތެރިކަމަކަށް ދުވަހަކުވެސް ނޭދޭ.”
“ﷲ އަބަދުވެސް ރިޒުޤު ދެއްވާ.”
“ބޭކާރު ޗުއްޓީއެއްވެސް ނުނަގާ.”
“އަޅުގަނޑުގެ މަސްއޫލިއްޔަތުތައް ހުންނަ ގޮތުން ގިނަ ވަގުތު ބޭރުގައި އުޅެވޭކަށް ނޯވޭ.”
ޝިޔާނާ ފައިލް ލައްޕާލިއެވެ. އަދި އެއްވެސް މޫނުމަތީގެ އަސަރެއް ބަދަލުކުރުމެއް ނެތި ބުންޏެވެ.
“މިއަދުން ފެށިގެން ތިޔަބޭފުޅާގެ ޚިދުމަތް މި ކުންފުންޏަކަށް ބޭނުމެއް ނޫން.”
އެ ޖުމްލައާއެކު މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ރިޔާން އިސްޖަހާލިއެވެ. އޭނާ މަޑުމަޑުން ފުން ނޭވާއެއްލީ ކަރުނަ ފޮރުވާކަށް ނޫނެވެ. ނަމަވެސް ހިތް ހަމަޖައްސާލުމަށެވެ. އިރުކޮޅަކު މަޑުކުރުމަށްފަހު އޭނާ ބޯޖަހާލިއެވެ.
“އަލްޙަމްދުލިﷲ!”
ޝިޔާނާ ހައިރާންވެ އަންތަރީސްވިއެވެ. އޭނާ ހީކުރީ ރިޔާން ސުވާލުކުރާނެ ކަމަށެވެ. ނުވަތަ އާދޭސްކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ﷲ އަށް ޙަމްދުކުރީއެވެ.
“ބުނި އެއްޗެއް ފަހުމްވޭތޯ؟”
“އާދެ.”
“ތިޔަބޭފުޅާގެ ވަޒީފާ ގެއްލުނީ.”
“އަޅުގަނޑަށް އިވިއްޖެ.”
“ދެން؟”
ރިޔާން ހަމަޖެހިލައިގެން ހުރެ ބުންޏެވެ. “ﷲ މި ދޮރު ބަންދުކުރެއްވި ނަމަ، ދެން ހުޅުވޭނެ ދޮރު އެކަލާނގެ ދެނެވޮޑިގެންވާނެ.”
ޝިޔާނާގެ ހިތަށް ކޮންމެވެސް އަސަރެއް ކުރިއެވެ. ނަމަވެސް އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯ؟”
ރިޔާން އިރުކޮޅަކު ހުރެފައި ބުންޏެވެ. “އެއް ކަމަކަށް އެދިލަންތޯ؟” ޝިޔާނާ އަތްމަތި ބަދަލުކޮށްލަމުން އެހިއެވެ. “ކޮން ކަމަކަށް؟”
ރިޔާން ފުރަތަމަ ފަހަރަށް ފެންކަޅިވިއެވެ. “އަޅުގަނޑުގެ ދަރިފުޅު..” އޭނާގެ އަޑު މަޑުވިއެވެ. “އަޅުގަނޑު ވަޒީފާއިން ވަކިކުރި ވާހަކަ އެކުއްޖާއަށް އެނގުނަ ނުދެއްވާތި.”
ޝިޔާނާ ފަރުވާތެރިކަމާއެކު އޭނާއަށް ބަލަން ހުއްޓެވެ. “ތިޔަ ބުނި އެއްޗެއް ސާފެއް ނުވޭ.”
“އެއީ އެންމެ ހަތް އަހަރުގެ ކުއްޖެއް.” ރިޔާން ހިތާމަވެރި ހިނިތުންވުމަކާއެކު ބުންޏެވެ. “އެކުއްޖާ ޤަބޫލުކުރަނީ ބައްޕައަކީ ހުރިހާ މައްސަލައެއް ހައްލުކުރެވޭނެ މީހެއް ކަމަށް. އަޅުގަނޑު މަސައްކަތްކުރުން ހުއްޓާލީ ކަމަށް އެ ދަރިފުޅު ޤަބޫލުކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން.” އޭނާގެ އަޑު ކުރެހުނެވެ. “އެކުއްޖާ އަހައިފިނަމަ، އަޅުގަނޑު ބުނާނީ ﷲ އެހެން ދޮރެއް ހުޅުއްވަންދެން، އަޅުގަނޑުގެ އޮފީހުން އެހެން ތަނަކަށް ބަދަލުކުރީ ކަމަށް.”
މުޅި ކޮޓަރިތެރެއަށް އާދަޔާ ޚިލާފު ހަމަހިމޭންކަމެއް ވެރިވިއެވެ. ޝިޔާނާގެ ހަނދާނަށް އޭނާގެ ހަތް އަހަރުގެ އުމުރު އައެވެ. އޭނާގެ ބައްޕައަށް ހުރިހާ އެއްޗެއް ގެއްލުނު މަންޒަރު ހަނދާންވިއެވެ. ތިމާގެ މީހުން އޭނާގެ ބައްޕައަކީ ނާކާމިޔާބު މީހެއް ކަމަށް ބުނި އަޑު އިވުނު ހަނދާންވިއެވެ. ފަޤީރު މީހުންނަކީ ޤަދަރު ކުޑަ ބައެއް ކަމަށް ހީކުރެވުނު ވަގުތު، ސިޑިބަރިއެއްގެ ދަށުގައި ފިލާ އިނދެ ރީތިކޮށް ރޯން އިން ހަނދާން އައެވެ. އޭނާ އަވަސްއަވަހަށް އެ ހަނދާންތަކާ ދުރަށް ދިޔައެވެ.
“މިއީ ހަމައެކަނި މެނޭޖްމަންޓް އެސެސްމަންޓެއް.” ޝިޔާނާ ބުންޏެވެ. ރިޔާން އިސްއުފުލާ ބަލާލިއެވެ. “ތިޔަބޭފުޅާ ވަޒީފާއިން ވަކި ނުކުރަން.”
އަނެއްކާވެސް ހަމަހިމޭންކަން ވެރިވިއެވެ. “އަޅުގަނޑު ތެދުބަހުން ވާހަކައެއް ދަންނަވަންތޯ؟” ރިޔާން އެހިއެވެ. ޝިޔާނާ ބޯޖަހާލިއެވެ. “މިއީ އިމްތިހާނެއް ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.”
“ނޫން.”
“ނޫން. މިއީ އެހެން މީހެއްގެ ދިރިއުޅުމާ ކުޅެލި ކުޅިވަރެއް.” ރިޔާންގެ އެ ބަސްތައް ޝިޔާނާގެ ހިތަށް ވަރަށް ބާރަށް އެރިއެވެ. “މީހެއްގެ ތެދުވެރިކަން ދެނެގަތުމަށްޓަކައި އެމީހަކު ބިރުގަންނަވާކަށް ނުޖެހޭނެ.” ރިޔާން އިޙުތިރާމާއެކު އިސްޖަހާލުމަށްފަހު ބުންޏެވެ. “އަޅުގަނޑަށް ހުއްދަ ދެއްވާ، ފަނަރަ މިނެޓް ތެރޭގައި އަޅުގަނޑުގެ ޑިއުޓީ ފެށޭނެ.”
އޭނާ އެނބުރިލާފައި މަޑުމަޑުން ނުކުމެގެން ދިޔައެވެ.
އެދުވަހުގެ ހަވީރު ޝިޔާނާއަށް އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. ކޮންމެ ރިޕޯޓެއް ކިޔަން އުޅުނަސް، ލޯމައްޗަށް ސިފަވަނީ ރިޔާންގެ މޫނެވެ. “މިއީ އެހެން މީހެއްގެ ދިރިއުޅުމާ ކުޅެލި ކުޅިވަރެއް.” އެ ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އިރުއޮއްސެން ގާތްވެފައި ވަނިކޮށް، އޭނާ ރިސޯޓުގެ ސީސީޓީވީ ކެމެރާތައް ބަލަން ފެށިއެވެ.
ރިސެޕްޝަނާއި، ރެސްޓޯރެންޓާއި، މުވައްޒަފުން ކާ ތަން ބަލަމުން ގޮސް އޭނާއަށް ރިޔާން ފެނުނެވެ. އާ މުވައްޒަފެއްގެ އަތުން އަގުބޮޑު ބިއްލޫރި ތަށިތަކެއް ހުރި ޓްރޭއެއް ދޫވެ، ތަޅައިގެން ދިޔަ މަންޒަރު ފެނުނެވެ. އެ މުވައްޒަފު ބިރުން ހުއްޓުން އެރިއެވެ. ކުންފުނީގެ އުސޫލަކީ އެފަދަ ގެއްލުމެއް ވެއްޖެނަމަ މުވައްޒަފުގެ މުސާރައިން އެ އުނިކުރުމެވެ. އެހެން އެންމެން ބަލަން ތިއްބާ، ރިޔާން މަޑުމަޑުން އެ ކުއްޖާގެ ކައިރީގައި ކަކޫޖަހާލިއެވެ. “އެއްވެސް މައްސަލައެއް ނެތް. އަހަރެމެން އެކުގައި މި ސާފުކުރާނީ.”
ފަހުން ސަލާމަތީ ކެމެރާތަކުން ފެނުނީ ރިޔާން ރެސްޓޯރެންޓް މެނޭޖަރާ ވާހަކަދައްކަން ހުރި މަންޒަރެވެ. ޝިޔާނާ މުސާރައިގެ ނޯޓްތައް ބަލާލިއިރު، އޭނާގެ ދެލޯ ބޮޑުވިއެވެ. އެ ތަށިތަކުގެ އަގު އުނިކޮށްފައިވަނީ އެ އާ މުވައްޒަފުގެ މުސާރައަކުން ނޫނެވެ. ރިޔާން ވަނީ އެ އަދަދު އޭނާގެ އަމިއްލަ މުސާރައިން އުނިކުރުމަށް އެދިފައެވެ. އޭނާ އެވާހަކަ އެކަކު ކައިރީގައިވެސް ނުބުނެއެވެ. އެއްވެސް މީހެއްގެ ތަޢުރީފަކަށް ނޭދެއެވެ. އެއީ ހަމައެކަނި ﷲ ބައްލަވާވޮޑިގެންވާކަން ދަނެގެން ކުރި އޯގާތެރި އަމަލެކެވެ.
ޝިޔާނާ ގޮނޑީގައި ލެނގިލިއެވެ. އޭނާއަށް ކުރިން ދުވަހަކުވެސް އިޙުސާސް ނުކުރެވޭ ފަދަ ލަދުވެތިކަމެއް އިޙުސާސް ކުރެވުނެވެ. ބާރާއި ނުފޫޒަކީ މޮޅުކަން ކަމަށް އޭނާ ޤަބޫލުކުރި ނަމަވެސް، އޭނާ އެއް ރޭގަނޑުގެ ކެއުމަށް ހޭދަކުރާ ފައިސާ މުޅި މަހު މުސާރައިގެ ގޮތުގައި ލިބޭ އެ އާދައިގެ މީހާގެ ކިބައިގައި ހުރި މުއްސަނދިކަން އޭނާއަށް ގަނެވޭނެ އެއްވެސް ގޮތެއް ނެތެވެ.
އޮފީހުގެ ބޭރުން މަޣްރިބް ނަމާދުގެ ބަންގީގެ އަޑު މާލޭގެ މިސްކިތްތަކުން ގުގުމާލިއެވެ. ޝިޔާނާ ގިނަ އަހަރުތަކަކަށްފަހު، މަސައްކަތް ހުއްޓާލުމަށްފަހު ތެދުވެ، އޮފީހުގެ ކަނެއްގައި މުސައްލަ އަޅައިގެން ނަމާދަށް ހުއްޓުނެވެ. އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ހުއްޓުވޭނެ އެއްވެސް ބާރެއް އޭނާގެ ކިބަޔަކު ނެތެވެ.
މުޙައްމަދު ރިޔާން އޭނާގެ ހަޔާތަށް ﷲ ފޮނުއްވި ސަބަބެއް އޭނާއަށް އަދި ނޭނގެއެވެ. ނަމަވެސް އޭނާގެ ހިތުގެ އަޑިން ޤަބޫލުކުރެވުނީ، އެންމެ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހުނީ އޭނާގެ މުވައްޒަފުންނަށް ނޫން ކަމެވެ. އެއީ ހުދު އޭނާއަށް ކުރިމަތިވި އިމްތިހާނެކެވެ.
(ނުނިމޭ)
