ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއޭޑަބްލިޔުސީ އާއި ހޯކްސް ފެށީ މޮޅަކުން
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސް ސެކްޓާ ލީގުގެ ފުރަތަމަ މެޗުން އެމްއޭޑަބްލިޔުސީ އަދި ދެވަނަ މެޗުން ހޯކްސް މޮޅުވެއްޖެއެވެ.

މެޗު 1

ރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްއައިބީ އާއި އެމްއޭޑަބްލިޔުސީ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗެކެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނު އެމްއީބީން މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ. ދޭތެރެއަކުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދި އެމްއޭޑަބްލިޔޫސީން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފުނު މި ހާފު ނިމުނީ 0-0 އިންނެވެ. މުޅި ހާފަށް ބަލާއިރު ގިނަ ވަގުތު ރަނގަޅަށް ކުޅުނީ އެމްއައިބީން ނެވެ.

ދެވަނަ ހާފު ވެސް ފަށައިގެން ރަނގަޅަށް ކުޅުނީ އެމްއައިބީންނެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުކުރެވި ދިޔައިރު، ލަނޑު ޖެހުމަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައި އެމްއޭޑަބްލިޔުސީން ލީޑު ނެގިއެވެ. މެޗުގެ 29 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އަހުސަމް އެވެ. އަހުސަމް މި ލަނޑު ޖަހާފައިވަނީ އެމްއައިބީގެ ހާފުގެ މެދަކާއި ހިސާބުން އަރިމަތިން ލިބުނު ފްރީކިކް ތިރިތިރިން ގޯލްގެތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑަށްފަހު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.

މިވެސް ކިޔާލަން:  ޕްރިޕޮޒިޝަން އުނގަންނައިދިނުމަކީ ނިކަން ފަސޭހަކަމެކެވެ.

1-0 އިން އެމްއޭޑަބްލިޔޫސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭޑަބްލިޔުސީގެ މުޙައްމަދު ރާއިފް ފަޒީލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ރާއިފް ފަޒީލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 2

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ރަނަރަޕް ހޯކްސް އާއި ލޯކަލްޗާރ އެވެ. ގިނަ އަދަދެއްގެ ތަރިންނާއިއެކު މުބާރާތާއި ކުރިމަތިލީ ހޯކްސްއިން މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 4-0 އިންނެވެ. ފުރަތަމަ ސިކުންތުން ފެށިގެން މެޗު ޑޮމިނޭޓް ކުރަމުންދިޔަ ހޯކްސްއިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ލޯކަލްޗާރ އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ހޯކްސްއިން ޖެހީ އަށްވަނަ މިނިޓްގައެވެ. ސީނިއާރ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެމުން އަންނަ އަޙްމަދު އައިހަމް ހޯކްސްއަށް ލީޑު ނަގައިދިނީ ނަދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިޔާ ބޭރުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ހޯކްސް އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހޯކްސްގެ ލީޑު ފުޅާކޮށްދިނީ އިބްރާހިމް ނަދާދު އެވެ. އޭރިޔާތެރޭ ހުރި ނަދާދަށް އައިހަމް ބޯޅަ ޖައްސާލިއިރު، އޭނާ ގޯލްގެ ތެރެއަށް ފޮނުވާލީ ހުސްކޮށް ހުރެއެވެ. ހޯކްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަޙްމަދު އައިހަމް އެވެ. އައިހަމް މި ލަނޑު ޖެހީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް މަތިމަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ހޯކްސްއިން ވަނީ މެޗުގެ ފަހުކޮޅު އިތުރު ލަނޑެއް ޖަހާފައެވެ. މެޗު ނިމެން ފަނަރަ ސިކުންތައް ވެފައި ވަނިކޮށް މުޙައްމަދު ނާއިމް ވަނީ، އޭރިޔާ ބޭރުން ތިރިތިރިން ގޯލްގެ ކަނަށް ބޯޅަ ވައްދާލައިގެން ހޯކްސްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު އައިހަމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯކްސްއަށް ދެ ލަނޑު ޖަހައިދިން އަޙްމަދު އައިހަމް އެވެ.

މިވެސް ކިޔާލަން:  މަހިބަދޫ އާއި ކުޑަހުވަދޫ މެޗު އެއްވަރު
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top