ފުޓުބޯޅައަކީ ގިނަ އަދަދެއްގެ ޒުވާނުންގެ ލޯތްބާއި، ޝައުޤުވެރިކަން އަތުލައިފައިވާ ކުޅިވަރެކެވެ. ޚާއްޞަކޮށް ދިވެހި ގިނަ ޒުވާން ފިރިހެން ކުދިންނަކީ މި ކުޅިވަރު ދެކެ އިންތިހާއަށް ލޯބިވާ ބަޔެކެވެ. އެ މީހުންގެ ހިތްތަކުގައި ފުޓުބޯޅައަށް ދެވިފައި ވަނީ މުޅިން އާދަޔާ ޚިލާފު ލޯތްބެކެވެ. އެ ކުޅިވަރު ކުޅުމަށް މުޅި ހަށިގަނޑުން ނެރެމުން ދަނީ ތަފާތު ހިތްވަރެކެވެ. ވަރުގަދަ ޖޯޝެކެވެ.

އެގޮތުން އަޅުގަނޑުމެންގެ މި ލިޔުން މިޚާއްޞަކޮށްލަނީ އެފަދަ ޒުވާނަކަށެވެ. ފުޓުބޯޅައިގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ޒުވާން މޫނެކެވެ. އާނއެކެވެ! ހދ. ނޭކުރެންދޫއަށް އުފަން އުމުރުން 22 އަހަރުގެ މުހައްމަދު ވިލްފު، އާއްމު ނަމުން ނަމަ ވިލްފަކީ ކަށިން ހިތްވަރު ނެރެމުން ފުޓުބޯޅައިގެ މައިދާނުގައި ފައިތިލަ ސާބިތުކުރަމުން އަންނަ ޒުވާނެކެވެ.

ފުޓުބޯޅަ ދަނޑުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް އަބަދުވެސް ދައްކަމުން އަންނަ ވިލްފަކީ އެތައް ބަޔެއްގެ ލޯތްބާއި، ތަރުޙީބު ލިބެމުންް އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. އެގޮތުން ވިލްފު، ފުޓުބޯޅައަށް ފުރަތަމަ ޝައުޤުވެރިވެގެން ދިޔައީ އޭނާ ކުޑައިރު، އޭނާގެ ބައްޕަ އަބަދުވެސް ފުޓުބޯޅަ ކުޅޭތަން ފެނި އެކަމަށް އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ.

ކުޑައިރުށްސުރެ ފުޓުބޯޅަ ކުޅެން ފެށި ވިލްފު ވަނީ ސުކޫލުގައި އުޅުނު ދުވަސްތަކުގައި، ސުކޫލުގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ތަފާތު ފުޓުބޯޅަ މެޗުތަކުގައި ކުޅެފައެވެ. އެގޮތުން ރަށުގައި އުޅުނު އިރު، އިންޓަރ ހައުސް މުބާރަތް ތަކުގައި ވިލްފު ބައިވެރިވެފައި ވާއިރު، 2 ފަހަރެއްގެ މައްޗަށް ޗެމްޕިއަންކަން ހޯދިއެވެ. އަދި މީގެ އިތުރުން ވިލްފު ވަނީ މާލެ އައިސް އިންޓަރ ސުކޫލު މުބާރާތްތައް ވެސް ކުޅެފައެވެ.

އަދި ނިމުނީއެއް ނޫނެވެ! އެމް.އެން.ޔޫ.ސެސް.ޔޫ އިން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖު މުބާރަތްތައް ކުޅެ، 2 ބުރަށް މުބާރާތުގެ ޗެމްޕިއަންކަން ވަނީ ނަގާފައެވެ. މިފަދަ އެތައް ކާމިޔާބެއް ވިލްފު ވަނީ ފުޓުބޯޅައިގެ ރޮނގުން ހާސިލު ކުރަމުންނެވެ.

ފުޓުބޯޅަ އާއި ފުޓުސަލް އަށް ވިލްފުގެ ހިތުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ ފުން ލޯތްބެއް އުފެދިފައެވެ. އެލޯބީގެ އިޙްސާސްތައް ދަނޑުމަތީގައި ވިލްފު ދައްކަމުންދާ މޮޅު، ހުނަރުން ފުރިގެންދާ ކުޅުމުން ހެކިކޮށްދޭނެއެވެ.

“ކުރިން ހިޔެއް ނުކުރަން އަޅުގަނޑުގެ ލައިފްގަ އެހާ މުހިންމު ކަމަކަށް ވެދާނެ އޭ. އެކަމު މިހާރު އަޅުގަނޑުގެ ލައިފުގަ އެންމެ މުހިންމު އެއް ކަމަކީ ފުޓްސަލް އޭ ބުންޏަކަސް ދޮޮގަކަށް ނުވާނެ.” ވިލްފުގެ އަމިއްލަ ޙަޔާތާއި ފުޓުބޯޅަ ނުވަތަ ފުޓުސަލް ގުޅިފައިވާ ގޮތް މުނިއަވަސްއާ ޙިއްޞާ ކުރިއެވެ.

ކިޔުންތެރިންނަށް އެނގޭ ހެއްޔެވެ؟ މިހުނަރުން ފުރިފައިވާ، ކުޅަދާނަ ކުޅުންތެރިޔާ އަކީ ރާއްޖޭގެ އެކި ކުލަބުތަކަށް ކުޅެފައިވާ އެތައް ތަޖުރިބާއެއް ހުރި ހުޝިޔާރު ކުޅުންތެރިއެކެވެ. އެގޮތުން އެފްއޭއެމް އިން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި 3 ކުލަބަކަށް ވިލްފު ވަނީ ކުޅެފައެވެ. 2016 ވަނަ އަހަރު ވިކްޓްރީ ސްޕޯރޓްސް ކުލަބަށް ކުޅެފައިވާ އިރު، 2017 ވަނަ އަހަރު ވިލްފު ކުޅެފައި ވަނީ ކުލަބު އީގަލްސް އަށެވެ. އަދި 2019 ވަނަ އަހަރު ދަ ގްރޭންޑް އެސް ސީއަށް ވެސް މޮޅު ކުޅުމެއް ވިލްފު ވަނީ ކުޅެދީފައެވެ. މީގެ އިތުރުން ސެކަންޑު ޑިވިޝަންގައި މިއަހަރުގައި ކުލަބު ވެލެންސިއާ ގައި ވިލްފު ވަނީ ހަރަކާތްތެރިވެފައެވެ.

ވިލްފުގެ ޒުވާން އުމުރުގައި އޭނާ މިވަނީ ރާއްޖޭގައި ހުރި އެންމެ މޮޅެތި، ނަން ހިނގާ ކުލަބު ތަކުގައި ކުޅެ، ފުޓުބޯޅައިގެ ޖައްވުގައި ރަން އަކުރުން ފިޔަ ޖަހަން ފަށާފައެވެ. މިއީ ހަމަ ޔަޤީންނުން ވެސް ވިލްފުގެ ހިތްވަރެވެ. އޭނާ ދެއްކި މޮޅު، އެންމެން ހައިރާން ކޮށްލަނިވި، ކުޅަދާނަ ކުޅުމުގެ ހުނަރެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި ވިލްފަކީ މޮޅު، އަވަސް ކުޅުންތެރިއެކެވެ. ދަނޑުމަތީގައި ހުޝިޔާރު، އަތު ނުވާނެ ފަދަ ގަދަ ކުޅުންތެރިއެކެވެ. އަޅުގަނޑުމެން މުނިއަވަސް ޓީމުގެ ފަރާތުން ވިލްފުއާ އިންޓަރވިއު ކޮށްލީމެވެ.

އެއްވެސް މީހެއް ބުނެގެން ފުޓުބޯޅަ ކުޅުން ހުއްޓައިލާފާނަންތޯ؟
ފުޓުބޯޅަ ކުޅުން ހުއްޓައެއް ނުލާނަން. އިންޝާ ﷲ
އެންމެ ފެެވަރިޓު ފުޓުބޯޅަ ކުޅުންތެރިއަކީ ކޮބާތޯ؟
ފުޓުސަލްއަށް ބަލާ ނަމަ އަޅުގަނޑަށް ވަރަށް މޮޅެތި ކުޅުންތެރިން އެބަ ތިބި. އެކަމު ނަމްބަރ 1ގެ ގޮޮތުގަ ފާހަގަ ކޮށްލެވެނީ އޮންލީ.


ވަޒީފާއެއްގަ ތޯ އުޅެނީ؟ ކޮންތާކުތޯ މަސައްކަތް ކުރަނީ؟
މިދުވަސްކޮޅު ވަޒީފާއެއްގައެއް ނޫން.
އޮފީހުގެ ފަރާތުން ފުޓުބޯޅަ މުބާރާތްތައް އޮވޭތޯ؟ ކޮބާތޯ އޮފީސް މުބާރާތްތަކުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ؟
އެލައިޑްގަ 2018 އަދި 2019 ވަނަ އަހަރު ކުލަބު މޯލްޑިވްސް ކަޕް ކުޅުނިން. އަދި ސީއެމްސީ ފުރަތަމަ ކުޅުނު އަހަރު ކުއާޓަރ ފައިނަލްއާ ހިސާބަށް ދެވުނީމަ ވަރަށް އުފާވި.
ޤައުމީ ޓީމަށް ކުޅުނިންތޯ؟
2017 ވަނަ އަހަރު ފުޓުސަލް ނެޝަނަލް ޓީމް އެއް ހޮވިގެން ތުރުކުމިނިސްތާން ގައި އޮތް އޭޝިއަން އިންޑޯރ އަދި މާރޝިއަލް އާރޓްސް ގޭމްސް 2017ގަ ވާދަ ކުރިން. 2018 ޤައުމީ ޓީމްގެ ޕްރެކްޓިސް ފެށި، ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ، ޕްރެކްޓިސްތައް މެދު ކެނޑިފަ އޮތީ.
އެންމެ ގިނައިން ހުންނާނީ ފުޓުސަލް މުބާރާތްތައް ތޯ ކުޅެފަ؟
ލައްބަ. ގިނަ ވާނީ ފުޓުސަލް މުބާރާތްތައް.
އަޑު އެހިން ތީ ވަރަށް މޮޅު ކުޅުންތެރިއެކޭ. އަމިއްލައަށް އެކަން ޤަބޫލު ކުރަންތޯ؟
އަޅުގަނޑު އަބަދުވެސް ބަލަނީ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށްވުރެ، ޓީމަށް މޮޅު ހޯދާދޭން ކުޅުންތެރިއަކަށް ވުމަށް. އަދިވެސް އިތުރަށް މޮޅު ވުމަށް ޖާގަ އޮންނާނެ ކަމަށް ޤަބޫލު ކުރަން.
ރަށްރަށަށް ކުޅެން ދަންތޯ؟
ލައްބަ. 2017 އިން ފެށިގެން ރަށްރަށަށް ކުޅެން ދާން ފަށައިފިން.
ކިތައް ރަށަށް އެގޮތަށް ދެވިއްޖެތޯ؟
ޔަޤީން ކަމާ އެކު ބުނާކަށް ނޭނގެ! ފުދޭ ވަރަކަށް ގިނަ ރަށްރަށަށް ދެވިފަ ހުންނާނީ.
އެންމެ ހިތްހެޔޮ ރައްޔިތުން ތަކެއް އުޅޭ ރަށެއް ގޮތުގަ ވިލްފަށް ދެވުނީ ކޮން ރަށަކަށް؟
ދެވުނު ހުރިހާ ރަށެއްގެ މީހުން ވެސް ވަރަށް ހިތް ހެޔޮ. އެކަމު، އެންމެ ފާހަގަ ކޮށްލެވެނީ އއ. ރަސްދޫ
ވިސްނުން އެބަހުރިތޯ އެއްވެސް ޖޮބަކަށް ނުގޮސް، ސީދާ ފުޓުބޯޅަ ކުޅުމަށް ހުސްވުމަށް؟
ޖޮބަަކަށް ނުގޮސް ހަމައެކަނި ކުޅޭކަށް ނުވިސްނަން.
ކޮބާތޯ ފުޓުބޯޅަ ކުޅުމުގެ ކެރިއާރގަ އެންމެ އުފާވި ދުވަހަކީ؟ އަދި އެންމެ ދެރަވި ދުވަހަކީ؟
ފުޓުސަލް ކެރިއާރގަ އުފާވި ވަރަށް ގިނަ ދުވަސްތައް ހުރޭ. އެކަމު އެންމެ ފާހަގަ ކޮށްލެވެނީ ފުޓުސަލް ޤައުމީ ޓީމަށް ނެގި ދުވަސް. ގޯލްޑަން ފުޓުސަލް މުބާރާތުގަ އަޅުގަނޑުގެ ރަށު ޓީމް ތަމުސީލު ކުރި ދެއަހަރު ވެސް އުއްމީދު ކުރި ހިސާބަށް ނުދެވުނީމަ ވަރަށް ދެރަވި.
އަމިއްލަ ދިރިއުޅުން ކިހިނެއްތޯ؟
އަލްޙަމްދުލިއްލާހި އަދި ވަރަށް ރަނގަޅު.
ފުޓުބޯޅަ ކުޅުން ނޫން އިތުރު ކަމެއް ކުރަންތޯ؟
ފުޓުބޯޅައިގެ އިތުރުން އަޅުގަނޑު ގްރެފިކްސް ޑިޒައިންއަށް ވަރަށް ޝައުޤުވެރިކަން ހުރޭ.
ގްރެފިކް ޑިޒައިންގއަށް ކިހިނެއްތޯ ޝައުޤުވެރިކަން އުފެދުނީ؟
އަބަދުވެސް އަމިއްލަ ކުރިއޭޓިވިޓީއެއް ގެންގުޅޭ ހިތްވޭ. އެގޮތުން ފޮޓޯ އެއްޗެހި، ވީޑިއޯ ހަދާތަން ފެނުނީމަ އަމިއްލައަށް އެކަހަލަ ކަންތައް ކުރަން ދަސްކުރާ ހިތުން ފެށީ.
ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންތޯ އުޅެނީ؟
ލައްބަ! އަޅުގަނޑަށް މިހާ ތަނަށް މި އާދެ ވުނީ ނަބާގެ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން.

ކޮރޯނާގެ މި ނުރައްކާތެރި ހާލަތުގައި ދިވެހިން ގާތު ކީކޭތޯ ބުނެލާނީ؟
އެޗްޕީއޭ އާއި ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތަށް އެންމެން އެއްކޮށް އަމަލުކޮށް، މާސްކު އަޅާ، ގައިދުރުކުރަން އިސްކޮށް، ވީހާ ވެސް ގިނައިން ސާފު ތާހިރުވެ، ޒަރޫރީ ބޭނުމެއް ނެތިއްޔާ ގޭގަ މަޑުކުރައްވާ.
މުނިއަވަަަސްއާ މެދު ދެކެނީ ކިހިނެއްތޯ؟
ކުޅުންތެރިން ކުރިއަރުވަން ތިކުރާ ބުރަ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަން. އަދި ވިލްފުއަށް ތި ދެއްވި އޮޕޮޗިއުނިޓީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

މުނިއަވަސް ޓީމްގެ ފަރާތުން ވިލްފަށް އެދެނީ ކުރިއެރުމާއި، ފާގަތި ކަމެވެ. އަދި މުސްތަޤުބަލުގައި ވިލްފުގެ އިތުރު ހުވަފެންތައް ޙަޤީޤަތަކަށް ވުމަކީ މުނިއަވަސް ޓީމުގެ ދުޢާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.