ބަދިގޭގެ މަސައްކަތްތަކުގައި ދިމާވާ ކުދިކުދި އުނދަގޫތަކަށް އާދައިގެ ސާދާ ގޮތްތަކުން ފަސޭހަ ހައްލެއް ހޯދިދާނެއެވެ. ޖަރުމަނުގެ ވެބްސައިޓެއް ކަމަށްވާ ‘Web.de (ވެބް ޑޮޓް ޑީ)’ އިން މިވަނީ ކެއްކުމާއި، ކާބޯތަކެތި ރައްކާކުރުމުގެ އިތުރުން ސާފުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ބައެއް މުހިންމު އުކުޅުތަކެއް ހިއްސާކޮށްފައެވެ.
ތަށްޓެއް ބޭނުންކޮށްގެން އަނބު މަށާލުން

ފޮޓޯ: ޝަޓަރސްޓޮކް
އަނބު ދެފަޅިކޮށް، އޭގެ އޮށް ނެގުމަށްފަހު އަނބުގެ ކާ ބައިގައި ގޮޅިގޮޅިޖެހޭ ގޮތަށް ރޮނގު ދަމާލާށެވެ. އެއަށްފަހު، ބިއްލޫރި ތަށްޓެއްގެ މަތީ ކައިރިފަށް ބޭނުންކޮށްގެން އަނބުގެ ތޮށިގަނޑާއި ކާ ބައި ވަކިކޮށްލެވޭނެއެވެ.
ގަނޑުފެން ބޭނުންކޮށްގެން ޗުއިންގަމް ނައްޓާލުން

ފޮޓޯ: ޝަޓަރސްޓޮކް
އެއްޗެއްގައި ތަތްލާފައިވާ ޗުވިންގަމްގެ މަތީގައި ގަނޑުފެންކޮޅެއް ބޭނުންކޮށްގެން 10 ނުވަތަ 15 މިނެޓު ވަންދެން ބަހައްޓާށެވެ. ޗުވިންގަމް ގަނޑު ހަރުވުމުން، ފޮތިގަނޑުން ނުވަތަ ތަތްލާފައިވާ އެއްޗަކުން އެ ވަރަށް ފަސޭހައިން ނައްޓާލެވޭނެއެވެ.
ސަމުސަލަކުން އިނގުރު މަށާލުން

ފޮޓޯ: ޝަޓަރސްޓޮކް
އިނގުރުގެ ތުނި ތޮށިގަނޑު ނައްޓާލުމަށް ސައިސަމުސަލެއް ބޭނުންކުރެވިދާނެއެވެ. މީގެ ސަބަބުން އިނގުރުގެ ގޮށްތަކާއި އުސްތަންތަނުން ތޮށި މަށަން ފަސޭހަވުމުގެ އިތުރުން، އިނގުރުގެ އަސްލު ބައި މަދުވިޔަނުދީ ރައްކާތެރިކުރެވެއެވެ.
ކައްކާފައިވާ ބިސް މަޑުމަޑުން ތަޅުވާލުން

ފޮޓޯ: ޝަޓަރސްޓޮކް
ފެނުކެއްކި ބިހުގެ ތޮށިގަނޑު ފަސޭހައިން ނައްޓާލުމަށްޓަކައި، ފެން އަޅާފައިވާ ކޮންޓޭނަރަކަށް ބިސްތައް އަޅައި މަޑުމަޑުން ތަޅުވާލާށެވެ. މިގޮތަށް ހަދާއިރު ތޮށިގަނޑު ނެއްޓޭ މިންވަރު ބަލަމުން ގެންދިއުން މުހިންމެވެ.
ޕްލާސްޓިކް ފުޅިއަކުން ބިހުގެ ރީނދޫބަޔާއި ހުދުބައި ވަކިކުރުން

ފޮޓޯ: ޝަޓަރސްޓޮކް
ޕްލާސްޓިކް ފުޅިއެއް ފިއްތާލުމަށްފަހު ބިހުގެ ރީނދޫބައިގައި (ގޮބޮޅީގައި) ޖައްސާފައި ދޫކޮށްލާށެވެ. އޭރުން ބިހުގެ ގޮބޮޅި ފުޅީގެ ތެރެއަށް ދަމައިގަންނާނެއެވެ. އެއަށްފަހު އެހެން ތަށްޓަކަށް ގޮބޮޅި ބަދަލުކޮށްލެވޭނެއެވެ.
ބޮނޑިކޮޕީގެ (ލެޓިއުސް) މެދުބައި އަވަހަށް ނެގުން

ފޮޓޯ: ޝަޓަރސްޓޮކް
ބޮނޑިކޮޕީ ފަތުގެ ބުޑުގަނޑު ހަރު ތަނެއްގައި ބާރަށް ޖަހާލާށެވެ. އޭރުން އޭގެ މެދުގައިވާ ހަރު ބައި ވަރަށް ފަސޭހައިން އަނބުރާލާފައި ނުވަތަ ދަމާލައިގެން ނެގޭނެއެވެ.
އައިސްއަލަމާރިއަށް އުއްބައްތި ލުން

ފޮޓޯ: ޝަޓަރސްޓޮކް
އުއްބައްތީގެ ފުއްގަނޑު (ވިކް) ގާތްގަނޑަކަށް 5 މިލިމީޓަރަށް ކުރުކޮށްލުމަށްފަހު، އެއްގަޑިއިރު ނުވަތަ ދެގަޑިއިރު ވަންދެން ފްރީޒަރުގައި ބާއްވާށެވެ. މިގޮތަށް ހެދުމުން އުއްބައްތި އަނދާ ހުސްވާލެއް ލަސްވާނެއެވެ.
ހޫނުފެން ބޭނުންކޮށްގެން ބިއްލޫރިން އުުއް ނައްޓާލުން

ފޮޓޯ: ޝަޓަރސްޓޮކް
ބިއްލޫރިގަނޑެއްގައި ހަރުލާފައިވާ އުއްގަނޑު ވަޅިއަކުން ނައްޓާލާށެވެ. ބޭނުންވާނަމަ މިކަން ތަކުރާރު ކުރާށެވެ. އެންމެ ފަހުން ހޫނުފެނާއި ތަށިދޮންނަ ސައިބޯނި ބޭނުންކޮށްގެން އެ ރީތިކޮށް ދޮވެލާށެވެ.
