ވާޓިކަލް އިން ކުރިއަށް އޮތް “ދަ މެޖިކް ފަރަވޭ ޓްރީ” ފިލްމުގައި، އެނިޑް ބްލައިޓަންގެ 1940 ގެ އަހަރުތަކުގެ ކުޑަކުދިންގެ މަޝްހޫރު ނޮވެލްތަކަށް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. ފިލްމުގެ ޑައިރެކްޓަރު ބެން ގްރެގޯ އާއި މައިގަނޑު ތަރިން ކަމަށްވާ އެންޑްރޫ ގާފީލްޑް އަދި ކްލެއަރ ފޯއީ ބުނާ ގޮތުގައި، މި ފިލްމަކީ އާއިލީ ގުޅުމާއި ކަންކަން ހޯދައި ބެލުމުގެ ޝައުޤުވެރިކަން މިހާރުގެ ޖީލަށް ފޯރުކޮށްދޭނެ ފިލްމެކެވެ.
“ސައިމަން [ފާނަބީ] މި ވާހަކަ މިހާރުގެ ޒަމާނާ ވަރަށް ބޮޑަށް ގުޅުވާލަދީފި. މިއީ މިއަދުގެ ކުދިންގެ ވާހަކައެއް. އެކަމަކު އެނިޑް ބްލައިޓަންގެ ވާހަކަތަކުގައި ހުންނަ ފަދަ ފުރިހަމަ އަގުތަކާއި ފޯރިގަދަ ކަންތައްތައް މީގައި ހިމެނޭ. އޭނާ ވަނީ މި ދެ ދުނިޔެ ވަރަށް ފުރިހަމައަށް، އޯގާތެރިކަމާއި މަޖާ ގޮތަކަށް ގުޅުވާލަދީފައި.” ބުދަ ދުވަހުގެ ރޭ ނިއުޔޯކްގައި ބޭއްވި ޕްރިމިއާގައި ގްރެގޯ “ދަ ހޮލީވުޑް ރިޕޯޓާ” އަށް ކިޔައިދިނެވެ. “މިއީ މާ ބޮޑު ނަސޭހަތްތަކެއް ދޭ ފިލްމެއް ނޫން. އެކަމަކު ބޭރަށް ނުކުމެ ގަހަށް އަރާ މަޖާކޮށްލުމަށް މި ފިލްމުން ބާރުއަޅާ. ސްކްރީންތަކާ ދުރަށް ދިއުމަށް ބުނެދޭ. ސައިމަން އަކީ އޯގާތެރިކަމުގެ މާހިރެއް. މި ފިލްމު ބަލާލުމުން ހީވާނީ މީހަކު ވަރަށް ބޮޑަށް ބައްދާލިހެން.”
މި ފިލްމާއި ފޮތް ބިނާވެފައިވަނީ އިންގްލެންޑްގެ ރަށުތެރެއަށް ބަދަލުވާ ތިން ކުދިންނަށެވެ. އެކުދިންނަށް ސިހުރުވެރި ގަހަކާއި އެ ގަހުގައި އުޅޭ ތަފާތު މަޚްލޫޤުން ފެނެއެވެ. އެ ގަހުގެ އެހީގައި އުޑުމަތީގައިވާ ތަފާތު ރަށްތަކަށް ދެވެއެވެ. އޭގެ ތެރޭގައި “ލޭންޑް އޮފް ގުޑީޒް” (މީރު އެއްޗެހީގެ ބިން) ހިމެނެއެވެ. “އެއީ ހަކުރު ފޮނި ބިމެއް ކަހަލަ ތަނެއް.” ފިލްމުގެ ސެޓާ ބެހޭގޮތުން ގްރެގޯ ބުންޏެވެ. “އަހަރެމެން ތައްޔާރުކުރީ ހަޤީޤަތުގައި ވެސް ކެވޭ ކަހަލަ ސެޓެއް. ކުދިން އައިސް އެ އެއްޗެހި ކައި އުޅުނު. އަހަރެން ބޭނުންވީ ކުރީގެ ގޮތަށް، ހަޤީޤަތުގައި ވެސް އެތަނުގައި ހުރި، އަތްލެވޭ ފަދަ އެއްޗެހި ބޭނުންކޮށްގެން ފިލްމު އުފައްދަން.”
ގާފީލްޑް އަދި ފޯއީ ކުޅެނީ ބެތު، ޖޯ އަދި ފްރޭންގެ މައިންބަފައިން ކަމަށްވާ ޓިމް އަދި ޕޮލީގެ ބައެވެ. “ޕެޑިންގްޓަން 2” ގެ ލިޔުންތެރިޔާ ލިޔެފައިވާ މި ޒަމާނީ ފިލްމުގައި، މި އާއިލާ ސިޓީ ދޫކޮށް ބަދަލުވަނީ އިލެކްޓްރޯނިކް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި ޕޮލީ، އޭނާގެ ވަޒީފާއިން ވަކިވުމާ ގުޅިގެން ކުންފުނިން ދީފައިވާ ފްލެޓް ގެއްލުމުންނެވެ. އޭނާ ވަޒީފާއިން ވަކިވީ، މީހުންގެ މައުލޫމާތު އެއްކުރާ “ސްމާޓް ފްރިޖެއް” އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވާން ބޭނުން ނުވުމުންނެވެ.
ފޮތަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ފޯއީ ބުންޏެވެ. “އަހަރެން ޤަބޫލުކުރާ ގޮތުގައި މިފަދަ ވާހަކަތައް އަލުން ބައްޓަންކުރަން ޖެހޭ. ސަބަބަކީ އެ ވާހަކަތައް އޭރު އޮތީ މިހާރު އަހަރެމެން މިއުޅޭ ދުނިޔެއާ ތަފާތު ދުނިޔެއެއްގައި ކަމަށްވާތީ. މި ވާހަކަތައް ޒަމާނީކޮށް، ގިނަ ބަޔަކަށް ވާސިލްވުމަކީ ވަރަށް މުހިންމު ކަމެއް.”
“ސައިމަން މި ވާހަކަ ވަރަށް ބޮޑަށް ޒަމާނީކޮށްފި. އަދި އެއީ އެކަން ކުރަންޖެހޭ ގޮތް ވެސްމެ. މިހާރުގެ ޒަމާނުގައި ކުއްޖެއްގެ ގޮތުގައި އުޅުމާއި، މައިންބަފައިންގެ ގޮތުގައި އުޅުމުގެ އިޙުސާސްތައް ދައްކުވައިދިނުމަކީ ވަރަށް މުހިންމު ކަމެއް.” ގާފީލްޑް ބުންޏެވެ. “އަހަރެމެން އެންމެން ވެސް މި އެދެނީ އަމިއްލަ ނަފުސާއި ޤުދުރަތީ ދުނިޔެއާ އަލުން ގުޅިލާމެހުމަށް.”
މިއީ 2017 ވަނަ އަހަރުގެ “ބްރީތު” އަށްފަހު ފޯއީ އާއި ގާފީލްޑް އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. “އަހަރެމެން އެކުގައި މަސައްކަތް ކުރީ މީގެ 10 އަހަރު ކުރިން. އެއީ އަހަރެމެންގެ ދިރިއުޅުމުގެ ވަރަށް ތަފާތު ދުވަސްވަރެއް.” ފޯއީ ހަނދާން އާކުރިއެވެ. “މި ދާއިރާގައި ކުރިން މަސައްކަތްކުރި މީހުންނާއެކު އަލުން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ކުރީގެ ރަހުމަތްތެރިއަކާ ބައްދަލުވުން ފަދަ ކަމެއް.”
މިއީ ގާފީލްޑް އާއިލީ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ. “ކްލެއަރ އާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ލިބޭ އުފަލެއް. އޭނާއަކީ ވަރަށް މޮޅު އެކްޓަރެއް އަދި މަސައްކަތް ކުރަން ވަރަށް ފަސޭހަ މަޖާ މީހެއް.” އޭނާ ބުންޏެވެ. އަދި ފިލްމުގައި ހިމެނޭ ކުޑަކުދިންނާ ބެހޭގޮތުން ބުނީ އެކުދިންނަކީ ހަމައެކަނި މޮޅު އެކްޓަރުން ނޫން ކަމަށާއި، އެއީ ވަރަށް އަދަބުވެރި، އޯގާތެރި އަދި ހިތްހެޔޮ ކުދިންތަކެއް ކަމަށެވެ.
މި ފިލްމުގައި މި ތަރިންގެ އިތުރުން ނިކޯލާ ކޯލަން، ނޮންސޯ އަނޯޒީ، ޖެސިކާ ގަނިންގް، މައިކަލް ޕާލިން އަދި ޑޭމް ޖޫޑީ ޑެންޗް ފަދަ މަޝްހޫރު ފަންނާނުން ފެންނާނެއެވެ. ޑައިރެކްޓަރު ބުނި ގޮތުގައި، ޖޫޑީ ޑެންޗް ފަދަ ލެޖެންޑުން މި ފިލްމާ ގުޅުނީ އެންޑްރޫ ގާފީލްޑް ފިލްމުގައި ބައިވެރިވުމުންނާއި ސައިމަން ފާނަބީގެ މޮޅު ލިޔުމުގެ ސަބަބުންނެވެ. ފިލްމުގައި ޖޫޑީ ޑެންޗް އަޑު އަޅައިދެނީ ފްރިޖަކަށެވެ.
“ސައިމަން އަކީ ވަރަށް މޮޅު ލިޔުންތެރިއެއް. އޭނާގެ ލިޔުންތަކުގައި ހިތްވަރާއި މަޖާކަން އެކުލެވިގެންވޭ.” ގާފީލްޑް އިތުރަށް ބުންޏެވެ. “ސްކްރިޕްޓް ކިޔުމުގެ ސެޝަންގައި އެންމެން ރޮއި، އެންމެން ހީނ ހެދި. އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއް.”
“ދަ މެޖިކް ފަރަވޭ ޓްރީ” ސިނަމާތަކަށް އަންނާނީ އޯގަސްޓް 21 ގައެވެ.
