ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ އެގާރަވަނަ މެޗުން އެމްއައިބީ އަދި ބާރަވަނަ މެޗުން ހޯކްސް މޮޅުވެއްޖެއެވެ. މި މުބާރާތުގެ ހަ މެޗު ރޭގައި ކުޅެފައިވާއިރު، ރޭ ކުޅެވުނު ހަ މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗަށް ބަލާލާއިރު:
މެޗު 11
އެގާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނައިގައި އޮތް ވެލިގާ އާއި އެ ޓީމާއި އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން، ގުރޫޕްގެ ތިންވަނައިގައި އޮތް އެމްއައިބީ އެވެ. މިއީ ދެ ޓީމު ވެސް ގްރޫޕް ސްޓޭޖްގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވެލިގާ ފަސޭހަ މޮޅެއް ހޯދި ނަމަވެސް، ވާދަވެރި ކުޅުމަކަށްފަހު އެމްއީބީ ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ.
ފުރަތަމަ މެޗުގައި ވެލިގާއިން ދެއްކި މޮޅު ކުޅުން މި މެޗުގައި ވެސް އެ ޓީމުން ވަނީ ދައްކާފައެވެ. މި މެޗުން ތިން ޕޮއިންޓް ހޯދައި ގުރޫޕްގެ އެއްވަނައަށް އެރުމަށް އެ ޓީމުން ކުރަމުންދިޔަ މަސައްކަތް މެޗު ފެށުމާއިއެކު ފެނުނެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން، ގުރޫޕް ސްޓޭޖުގައި ކުރިޔަށް ދިއުމަށް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް އެމްއައިބީން ފުރަތަމަ މެޗުގައި އެ ޓީމުން ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ވަނީ ދައްކާފައެވެ.
މެޗުގެ ކުރީކޮޅު ކޮންޓްރޯލް ހޯދައި ގިނަ ވަގުތު ރަނގަޅަށް ކުޅުނީ ވެލިގާއެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުކުރެވި ދިޔައިރު، ލަނޑެއް ޖަހަން އެމްއައިއަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ އެގާރަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިސް އިބްރާހީމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވެލިގާ ޓީމުގެ ކީޕަރު އޭރިޔާ ބޭރުން ކުޅެން އުޅުނު ބޯޅައެއް ހޯދައި މުޅިން ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ނަތީޖާ ހަމަހަމަ ކުރުމަށް ވެލިގާއިން ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ނުލިބި މި ނަތީޖާއާ އެކުއެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ވެލިގާއިން މަސައްކަތް ކުރަމުން ދިޔައިރު، ލިބިފައިވާ ތިން ޕޮއިންޓް ގެއްލުނަ ނުދިނުމަށް އެމްއައިބީން ދިޔައީ އެއަށްވުރެ ރަނގަޅަށް މަސައްކަތް ކުރަމުންނެވެ. ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް މި ހާފުގައި ވެސް ވަނީ ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.
1-0 އިން އެމްއައިބީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ރައްޔާން އެވެ.

ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މެޗު 12
ބާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫފް ބީގެ އެއްވަނައިގައި އޮތް ހޯކްސް އާއި ގުރޫޕްގެ ފުލުގައި އޮތް ހެޕީ މާކެޓެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ހޯކްސް ފަސޭހަ މޮޅެއް ހޯދިއިރު، ހެޕީ މާކެޓް ވީ ބައްޔެވެ.
މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތުބޮޑު ނަތީޖާ ފެނުނީ މި މެޗުގައެވެ. ތަރިން ގިނަ ޓީމެއްގެ ގޮތުގައި މި މުބާރާތާއި ކުރިމަތިލީ ހޯކްސް ފުރަތަމަ މެޗުގައި ލޯކަލްޗާރ ކޮޅަށް ހަތަރު ލަނޑު ޖެހިއިރު، މި މެޗުގައި ހެޕީ މާކެޓް ކޮޅަށް 14 ލަނޑު ޖެހިއެވެ. މުޅި މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު ހޯކްސް އިން ފުރަތަމަ ހާފުގައި 6 ލަނޑު ޖެހިއިރު ދެވަނަ ހާފުގައި 8 ލަނޑު ޖެހިއެވެ.
ދެ ހެޓްރިކް ފެނުނު މި މެޗުގައި ހޯކްސްގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު އައިހަމް 4 ލަނޑު، މުޙައްމަދު ނާއިމް 3 ލަނޑު، އުލާން ބަޓީރުބެކް 2 ލަނޑު، ލޫތު އަޙްމަދު ފަތުހީ 2 ލަނޑު، ފާރޫޤު އިސްމާއިލް 1 ލަނޑު، ހުސައިން ޝުހާދު 1 ލަނޑު އަދި އިބްރާހީމް ނަދާދު 1 ލަނޑެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯކްސްގެ މުޙައްމަދު ނާއިމް އެވެ.
