ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަރޮސް އާއި އާރުއޯއެލް ވެސް ފެށީ މޮޅަކުން
މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނަބީހް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ހަތްވަނަ މެޗުން ބަރޮސް މޯލްޑިވްސް އަދި އަށްވަނަ މެޗުން އާރުއޯއެލް މޮޅުވެއްޖެއެވެ. މި މުބާރާތުގެ ހަ މެޗު ރޭގައި ވަނީ ކުޅެފައެވެ. ރޭގައި ކުޅެވުނު މެޗުތަކުގެ ތެރެއިން ހަތްވަނަ މެޗާއި އަށްވަނަ މެޗަށް ބަލާލާއިރު:

މެޗު 7

ހަތްވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ސީގައި ހިމެނޭ ބަރޮސް މޯލްޑިވްސް އާއި ކުލަބް އެޕޯލޯ އެވެ.

މެޗު ފަށައިގެން މޮޅަށް ކުޅުނު ބަރޮސްއިން ވަނީ ދެވަނަ މިނިޓްގައި ލީޑު ނަގާފައެވެ. އެޕޯލޯ ޓީމުގެ އޭރިޔާ ބޭރުން އަރިމަތިން ލިބުނު ފްރީކިކް އެއްފަހަރު ޖަހައި ގޯލްގެ މަތީކަނަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަޖުމަލް އެވެ. މުބާރާތުގައި އަލަށް ވާދަކުރާ ބަރޮސްގެ ފަރާތުން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނުނުއިރު، އެޕޯލޯއަކީ ވެސް މި މުބާރާތުގައި އަލަށް ވާދަކުރާ ޓީމެކެވެ.

ރިސޯޓް ލީގުގައި ވެސް ފާހަގަ ކުރެވޭފަދަ ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ ބަރޮސްއިން ވަނީ މުޅި މެޗު ޑޮމިނޭޓްކޮށްފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ އެޕޯލޯއަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ މަދު ނަމަވެސް ފުރުސަތުތަކެއް ލިބިފައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބަރޮސްއިން ހޯދި މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު ޖެހީ މެޗުގެ ފަނަރަވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަސަން ޒާމިލް އެވެ. އެޕޯލޯގެ ހާފުގެތެރެއިން އަރިމަތިން ބަރޮސްއަށް ލިބުނު ޖެހުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ ޒާމިލް ގޯލްގެ ތެރެއަށް ފޮނުވާލީ ގޯލް ކުރިމަތީ ހުސްކޮށް ހުރެއެވެ.

މިވެސް ކިޔާލަން:  އެޗްޕީއެސްއެން އިން ބަންޑާރަ ލަދުގަންނަވާލިއިރު، ކްރިމިނަލް ކޯޓަށް އުނދަގޫ މޮޅެއް!

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ބަރޮސް އެވެ. ކުރީ ހާފަށްވުރެ ރަނގަޅަށް މި ހާފުގައި އެފޯލޯއިން ކުޅުނުއިރު، ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ވެސް އެ ޓީމަށް ލިބުނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން އެޕޯލޯއަށް ނުކުރެވި ދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅު އެޕޯލޯ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ބަރޮސްގެ ލީޑު ފުޅާވިއެވެ.

3-0 އިން ބަރޮސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު އަޖްމަލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު އަޖުމަލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 8

އަށްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގައި ހިމެނޭ އާރުއޯއެލް އާއި ޔޯރޫ މާކެޓިންގ އެވެ.

މި މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށެވެ. ދެ ޓީމުން ވެސް ކުޅެމުން ދިޔައީ ލަނޑު ޖެހުމަށް އިސްކަންދިން ފަދައިން ޑިފެންސަށް ވެސް އިސްކަން ދީގެންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމުން ވެސް ތަނަވަސްކުރިއިރު، ޑިފެންސް ކުރުމުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެކެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފިއެވެ.

ދެވަނަ ހާފުގައި އާރުއޯއެލްއިން ވަނީ ފުރަތަމަ ހާފަށްވުރެ މޮޅަށް ކުޅެފައެވެ. ލަނޑު ޖެހުމަށް ދެ ޓީމުން ވެސް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރީ އާރުއޯއެލްއިންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި އާރުއޯއެލްއަށް ލީޑު ނަގައިދިނީ ނާސިފް ހުސައިން އެވެ. ނާސިފް މި ލަނޑު ކާމިޔާބުކޮށްފައިވަނީ، ޔޫރޯއިން އުފައްދަން މަސައްކަތްކުރި ހަމަލާ ހުއްޓުވައި އެ ޓީމުގެ ކުޅުންތެރިން އޭނާއަށް ޖައްސާލި ބޯޅަ ހިފައިގެން ހުސްކޮށް ކުރިޔަށް އަރައި ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރަމުންދިޔަ ޔޫރޯއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ލީޑު ފުޅާކޮށްލަން އާރުއޯއެލްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ވަނީ ނުހިފިފައެވެ.

މިވެސް ކިޔާލަން:  'މިއުޒިކަލީ' ބުނަނީ ދިވެހި ޒުވާން އެކްޓަރުން މަދެއް ނޫނޭ

ޔޫރޯއިން އުފެއްދި ހަމަލާއެއް ދިފާއުކުރަން މަސައްކަތްކުރި އާރުއޯއެލްގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ފަހަތަށް ދިޔަ ބޯޅަ ކީޕަރު އަތުން ދޫވެގެން ބައިކޮޅަށް ވަނުމާއިއެކު މެޗުގެ ނަތީޖާ ހަމަހަމަ ވިއެވެ. މެޗުން މޮޅުވުމަށްޓަކައި ދެ ޓީމުން މަސައްކަތް ކުރަމުން ދިޔައިރު، ނަތީޖާ ހަމަހަމަވިތާ މާގިނައިރެއް ނުވެ އާރުއޯއެލް އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ ފަހުކޮޅު މުޙައްމަދު ނަބީހް އެވެ. މި ލަނޑަށް ފަހު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.

2-1 އިން އާރުއޯއެލް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހު ވަގުތު އެ ޓީމު މޮޅުކޮށްދިން މުޙައްމަދު ނަބީހް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top