– ޑާކް ރެއިންގެ އުންމީދީ ފިލްމު ޕްރިމިއާ ކުރަނީ
ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރަށް ބޮޑު އުންމީދަކާ އެކު ތައްޔާރުކޮށްފައިވާ ހުވަފެނީ ޕްރޮޖެކްޓް، “ޖަންނަތު” މާދަމާރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިއްޖެއެވެ.
03 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު މި ފިލްމު ދައްކަން ފަށާއިރު، މިއީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އާއި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޢާއިޝަތު ޔާދާ ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމުގެ މުހިންމު އިތުރު ކާސްޓުންގެ ތެރޭގައި އަފްރާހް އަދި އަންޖީ ހިމެނެއެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އޯޓިޒަމް ހުންނަ، އެހެނަސް ހިތު ހިސާބުގެ އިތުރުން ތަފާތު ހުނަރުތަކެއް ލިބިފައިވާ ބައްޕައެއްގެ މައްޗަށެވެ. މި ޗެލެންޖިންގ ރޯލު ޝަރަފް ކުޅެފައިވާއިރު، އޭނާގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނީ ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދުގެ ދަރިފުޅު މާހްރީން މުޙައްމަދު ޢަލީ (މަފިން) އެވެ. މިއީ މަފިން މިހާ ވަރުގަދަ ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސް މެއެވެ.
ކާމިޔާބު ޑައިރެކްޓަރު ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ “ޖަންނަތު” ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ޢާއިޝަތު ފުއާދު އަދި އަޙްމަދު ޠަލާލެވެ. ފިލްމުގެ ހިތްގައިމު މަންޒަރުތައް ކެމެރާކޮށްފައިވަނީ އަހުމަދު ޒިފާފެވެ.
މި ފިލްމަކީ އާއިލީ ލޯތްބާއި، އޯޓިޒަމް ހުންނަ ކުދިންނާއި މީހުންނަށް މުޖުތަމައުގައި ކުރިމަތިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ.
މިއީ ބެލެނިވެރިއެއްގެ އިރުޝާދާއެކު ކުޑަކުދިންނަށްވެސް ބެލޭގޮތަށް ރޭޓްކޮށްފައިވާ ފިލްމަކަށް ވުމުން، މިއީ މުޅި އާއިލާއަށް އެކުގައި ބަލާލެވޭނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
