ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެވަނަ މެޗުން މޮޅުވެ ސިލްވަރ ސޭންޑްސް އެއްވަނައަށް ޖެހިލައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ސަތާރަވަނަ މެޗުން ލިއޯ އެފްސީ އަދި އަށާރަވަނަ މެޗުން ސިލްވަރ ސޭންޑްސް މޮޅުވެއްޖެއެވެ. މި މުބާރާތުގެ ހަތަރު މެޗު ރޭގައި ކުޅެފައިވާއިރު، މިއީ ރޭގައި ކުޅެވުނު ފުރަތަމަ ދެ މެޗެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 17

ސަތާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ ލިއޯ އެފްސީ އާއި ކުލަބް އެޕޯލޯ އެވެ. ދެ ޓީމުގެ ވެސް ދެވަނަ މެޗާއި ކުރިމަތިލީއިރު، ލިއޯ އެފްސީ ކުޅުނު ފުރަތަމަ މެޗު އެ ޓީމު ކާމިޔާބުކުރި ނަމަވެސް، އެޕޯލޯގެ ފުރަތަމަ މެޗުން އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބެވެ. ގުރޫޕްގެ އެއްވަނައަށް ވާދަކުރަމުންދާ ލިއޯ އެފްސީއަށް މި މެޗު ކާމިޔާބުކޮށްގެން އެއްވަނައަށް އެރުމުގެ ފުރުސަތު އޮތްއިރު، މި މެޗު ކާމިޔާބުކޮށްގެން ނޫނީ ދެވަނަ ބުރުން ފުރުސަތު ހޯދަން އެޕޯލޯއަށް ވަރަށް އުނދަގޫވާނެއެވެ.

ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ލިއޯ އެފްސީން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗު ފަށައިގެން ލިއޯ އެފްސީން ރަނގަޅަށް ކުޅުނު ނަމަވެސް، އެޕޯލޯއިން ވަނީ ދޭތެރެއަކުން ބޯޅަ ހޯދައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ރަނގަޅަށް ކުޅުނު ލިއޯ އެފްސީން މެޗުގެ ލީޑު ނެގީ 6 ވަނަ މިނިޓްގައެވެ. އަނޫފް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ޢަބްދުﷲ އަހްލާމް އެވެ. ނަތީޖާ ހަމަހަމަކުރަން އެޕޯލޯއިން މަސައްކަތްކުރަމުން ދަނިކޮށް ލިއޯ އެފްސީގެ ޢަބްދުﷲ ފިޒާން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ފިޒާން މި ލަނޑު ޖަހާފައިވަނީ ގޯލް ކުރިމައްޗަށް ސޮފްވާން ނަގައިދިން ހުރަސް ގޯލުތެރެއަށް ފޮނުވާލައިގެންނެވެ.

މިވެސް ކިޔާލަން:  ހިތާދޫ އާއި ދޮންފަނު، ދަރަވަންދޫ އާއި ކަމަދޫ ވަރުގަދަ ކުރިމަތިލުމަކަށް

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނިއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ލިއޯ އެފްސީންނެވެ. ތިރިތިރިން ގޯލު ކުރިމައްޗަށް ނަގައިދިން ކޯނަރު އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައި މުޙައްމަދު ޔަފާއު ލިއޯ އެފްސީގެ ލީޑު އިތުރަށް ފުޅާކޮށްދިންއިރު، މެޗުގެ ފަހު ވަގުތު ޢަބްދުﷲ އަހްލާމް ޖަހައިދިން ލަނޑާއިއެކު 4-0 އަށް ނަތީޖާ ބަދަލުވިއެވެ. އަހްލާމް މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު އޭނާއަށް ޖައްސާލުމުން އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ފައިދާ 6 ލަނޑާއިއެކު ލިއޯ އެފްސީ ވަނީ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. 4-0 އިން ލިއޯ އެފްސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ އަހްލާމް ބިން އަސްލަމެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ އަހްލާމް ބިން އަސްލަމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 18

އަށާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގައި ހިމެނޭ ސިލްވަރ ސޭންޑްސް އާއި އާރުއޯއެލް އެވެ. މިއީ މި ދެ ޓީމުގެ ވެސް ދެ ވަނަ މެޗެވެ. ސިލްވަރ ސޭންޑްސް ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަލިކުރިއިރު، އާރުއޯއެލް ވެސް ވަނީ އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕްގެ އެއްވަނަ ލިބޭނެއެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗަކީ ގިނަ ލަނޑުތަކެއް ފެނުނު މެޗެކެވެ. މެޗު ފެށުމާއިއެކު މެޗުގެ ކޮންޓްރޯލް ސިލްވަރ ސޭންޑްސް ހޯދިއެވެ. މެޗުގެ ތިންވަނަ މިނިޓްގައި އަޙްމަދު ޝަފަގް ސިލްވަރ ސޭންޑްސްއަށް ނަގައިދިން ލީޑު 7 ވަނަ މިނިޓްގައި އާސިމް ޢަލީ ފުޅާކޮށްދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝާމިލް ޢަބްދުއްރަޝީދު އެ ޓީމަށް އިތުރު ދެ ލަނޑު ޖަހައިދިނެވެ.

މިވެސް ކިޔާލަން:  އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ގޮއިދޫގައި ފަށައިފި

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ސިލްވަރ ސޭންޑްސް އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި އިބްރާހިމް ހާމިދު ސިލްވަރ ސޭންޑްސް އަށް ފަސްވަނަ ލަނޑު ޖެހިއިރު، 23 ވަނަ މިނިޓާއި 24 ވަނަ މިނިޓްގައި އަޙްމަދު ރަފާހް ވަނީ އިތުރު ދެ ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އާރުއޯއެލް އިން މި މެޗުގައި ޖެހި ތިން ލަނޑު ވެސް ޖަހާފައިވަނީ ސިލްވަރ ސޭންޑްސް ހަތް ލަނޑު ޖެހިފަހުންނެވެ.

އާރުއޯއެލްގެ ތިން ލަނޑު ޖަހައިދިނީ މުޙައްމަދު ނަބީހް އާއި ނާސިފް ހުސައިން އަދި އައިރޫން އަޙްމަދު ރަޝީދެވެ. މެޗުގެ ފަހު ސިކުންތުކޮޅު ތެރޭ އަޙްމަދު ރަފާހް ފުރިހަމަކުރި ހެޓްރިކާއިއެކު މި މެޗުން ސިލްވަރ ސޭންޑްސް މޮޅުވީ 8-3 އިންނެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ސިލްވަރ ސޭންޑްސް ވަނީ އެއްވަނައިގައި ހަމަޖެހިލައިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިލްވަރ ސޭންޑްސްގެ އަޙްމަދު ރަފާހް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top