މި ޤަރުނުގައި އެންމެ ގިނައިރުވާންދެން ހިފާނެ ފުރިހަމަ ހަނދުކޭތަ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ހިފާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މިމަހުގެ 27 ވާ ހުކުރު ދުވަހުގެ ރޭ ހިފާ ހަނދުކޭތަ ޔޫރަޕާއި އޭޝިޔާ، އޮސްޓްރޭލިޔާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ބޮޑު ސަރަހައްދަކަށް ފެންނާނެ އެވެ. އުތުރު އެމެރިކާ އާއި މެދުތެރޭގެ ހިސާބުތަކަށް މި ހަނދުކޭތައެއް ނުފެންނާނެ އެވެ.
މިއީ މިއަހަރު ހިފާ ދެވަނަ ފުރިހަމަ ހަނދުކޭތަ އެވެ. މި އަހަރު ޖެނުއަރީ 31 ގައި ވެސް ވަނީ ފުރިހަމަ ހަނދުކޭތަ އެއް ހިފާފައެވެ. މި ހަނދުކޭތަ ތިންގަޑިއާރާއި ތޭވީސް މިނެޓަށް ދިގުދެމިގެން ދިޔައެވެ. އެހެން ނަމަވެސް ފުރިމައަށް ހަނދުކޭތަ ހިފާފައި ހުރީ އެއްގަޑިއިރާ ސޯޅަ މިނެޓް ވާންދެނެވެ. މިމަހު 27 ގައި ހިފާ ފުރިހަމަ ހަނދުކޭތަ ހިފާފައި އެއްގަޑިއިރާއި ސާޅީސްތިން މިނެޓް ހުންނާނެ އެވެ. އަދި ހަނދުކޭތަ ހިފަން ފެށުމުން ކޭތަ އެއްކޮށް ވީއްލުމާއިމެދު ހަތަރު ގަޑިއިރު ހޭދަވާނެ އެވެ. އެހެންކަމުން މި ހަނދުކޭތަ ވެގެންދާނީ މި ޤަރުނުގައި ހިފާ އެންމެ ދިގު ހަނދުކޭތަ އަށެވެ.
ފުރިހަމަ ހަނދުކޭތައެއް ހިފުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ. ފުރިހަމަ ހަނދުކޭތަ ހިފާނީ، އިރާއި ހަނދާއި ދެމެދަށް ދުނިޔެ ވަދެ، މި ތިނެތި އެއް ރޮނގެއްގެ މަތީގައި ސީދާވާ އިރުގަ އެވެ. މިމަހު 27 ގައި ހިފާ ހަނދުކޭތައަކީ ވެސް ބްލަޑްމޫން (ލޭހަނދު) ހަނދުކޭތަ އެކެވެ. ހަނދު ކޭތައާ އެކު، ހަނދުގެ ކުލަ ރަތްކޮށް ފެންނަނީ ދުނިޔޭގެ ހިޔަނީގެ ތެރެއަށް ހަނދު ވަދެގެން ދާ އިރު، އިރުގެ ދޯދިތައް ހަނދަށް އެޅިފައި ހުންނަ ގޮތުގެ ސަބަބުންނެވެ. އެއީ އިރުއޮއްސޭއިރު އުޑުމަތީގެ ކުލަ ވެސް ރަތްކޮށް ފެންނަ ފަދައިންނެވެ.
