ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގުރޫޕްގެ އެއްވަނަ ހޯދި ލިއޯ އެފްސީ އާއިއެކު އެސްބީއައި ވެސް ދެވަނަ ބުރަށް
ފޮޓޯ: ކުލަބް މޯލްޑިވްސް އެފްބީ

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ދެވަނަ ބުރަށް ގުރޫޕް ސީއިން އެއްވަނަ ހޯދި ލިއޯ އެފްސީ އާއިއެކު އެ ގުރޫޕުން ދެވަނަ ހޯދި އެސްބީއައި ދަތުރުކޮށްފިއެވެ. މި ގުރޫޕްގެ ފަހު މެޗުތައް ރޭގައި ވަނީ ކުޅެފައެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 25

ފަންސަވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ އެސްބީއައި އާއި ކުލަބް އެޕޯލޯ އެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުން އެސްބީއައި ވަނީ މޮޅުވެ ތިން ޕޮއިންޓް ހޯދާފައެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވި އެޕޯލޯ ގުރޫޕްގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ގެއްލުން 7 ލަނޑާއިއެކުއެވެ. މި މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެސްބީއައިއަށް އޮތްއިރު މި މެޗުން ތިން ޕޮއިންޓް ހޯދައިގެން، ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ތެރޭ ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުސަތެއް އެޕޯލޯއަށް ވެސް އޮތެވެ.

ދެވަނަ މެޗުން މޮޅުވި އެސްބީއައި ވަނީ މި މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. މުޅި މެޗުގައި ވެސް ޑިފެންސިވް ގޭމެއް ކުޅުނު އެޕޯލޯއިން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފުގައި އެ ކުޅުން ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު އެސްބީއައި އިން ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުޙައްމަދު އައިހަމް އެވެ.

މިވެސް ކިޔާލަން:  އެޗްޑީސީ އާއި އެސްޓީއޯ މެޗު ކާމިޔާބުކޮށް އެއްވަނައަށް ޖެހިލައިފި

ދެވަނަ ހާފުގައި އެސްބީއައިއިން ތަފާތު ދެއްކިއިރު، ހަތަރު ލަނޑު ޖެހިއެވެ. އެސްބީއައިގެ ލީޑު ފުޅާކޮށްދިނީ އުނެއިސް އަޙްމަދެވެ. އެސްބީއައިގެ ފަހު ތިން ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހު ހަތަރު މިނިޓް ތެރޭގަ އެވެ. ފުރަތަމަ ލަނޑު ޖަހައިދިން އަޙްމަދު އައިހަމް އޭނާގެ ދެވަނަ ލަނޑު 36 ވަނަ މިނިޓްގައި ޖެހިއިރު، 38 ވަނަ މިނިޓްގައި ހަތަރުވަނަ ލަނޑު ޖަހައިދިނީ މުސައްނިފް މުޙައްމަދެވެ. މެޗުގެ ފަހު ސިކުންތުކޮޅުތެރޭ މުސައްނިފް މުޙައްމަދު ފަހިކޮށްދިން ފުރުސަތެއްގައި އެސްބީއައިގެ ފަސްވަނަ ލަނޑު ޖަހައިދިނީ ޢަބްދުﷲ ތަހުސީނެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް މި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެސްބީއައި ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

5-0 އިން އެސްބީއައި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު އައިހަމް އެވެ.

ފޮޓޯ: ކުލަބް މޯލްޑިވްސް އެފްބީ

މެޗު 26

ސައްބީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ ލިއޯ އެފްސީ އާއި ބަރޮސް މޯލްޑިވްސް އެވެ. ކުޅުނު ދެ މެޗުން މޮޅުވެ ލިއޯ އެފްސީ ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، ލަނޑުގެ ތަފާތުން ބަރޮސް އޮތީ ގުރޫޕްގެ ދެވަނައިގަ އެވެ. މި މެޗުން މޮޅުވެގެން ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބަރޮސްއަށް އޮތްއިރު، މެޗު ޑްރޯކޮށްލައިގެން ވެސް އެއްވަނައިގައި އޮތުމުގެ ފުރުސަތު ލިއޯއަށް އޮތެވެ.

ކުރިން ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ލިއޯ އެފްސީގެ ފަރާތުން މި މެޗުގައި ވެސް ފެނުނީ މޮޅު ކުޅުމެކެވެ. ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށްޓަކައި މޮޅެއް ހޯދުން މުހިންމު މި މެޗުގައި ބަރޮސްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މެޗު ފެށިގޮތަށް، މެޗުގެ ކޮންޓްރޯލް ހޯދައި މޮޅު ކުޅުމެއް ދެއްކި ލިއޯ އެފްސީން މެޗުގެ ލީޑު ނެގީ 9 ވަނަ މިނިޓްގައި ޢަބްދުﷲ ފިޒާން ޖަހައިދިން ލަނޑުންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  ކިޑްސަލް މުބާރާތުގެ ސެމީ ފައިނަލަށް އެލީޓް އާއި ވެލެންސިޔާ އަދި ނިއުރޭޑިއަންޓާއި އެސްޕަޔާ ދަތުރުކޮށްފި

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ލިއޯ އެފްސީންނެވެ. 32 ވަނަ މިނިޓްގައި އެމަޑަ ސޮލިމަން ލިއޯ އެފްސީގެ ލީޑު ފުޅާކޮށްދިންއިރު، ޢަބްދުﷲ ފިޒާން ޖަހައިދިން ދެވަނަ ލަނޑާއިއެކު 3-0 އަށް ނަތީޖާ ބަދަލުކޮށްލި އެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ނުވަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ލިއޯ އެފްސީ ދެވަނަ ބުރުން ޖާގަ ހޯދިއެވެ. މި މެޗުން ބަލިވި ނަމަވެސް، ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ދެވަނަ ބުރުން ލިބޭ ޖާގަތަކުން ޖާގައެއް ލިބުމުގެ ފުރުސަތު ބަރޮސްއަށް ބޮޑެވެ.

3-0 އިން ލިއޯ އެފްސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ ފިޒާން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top