ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސިއްރެއް އެހެން މީހެއް ގާތު ބުނުމަށްފަހު އެއީ ސިއްރެއް ނޫން
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އިންސާނާގެ ދިރިއުޅުމުގައި ތަފާތު އެކި ކަންކަމާ ދިމާވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އެހެން މީހުންނަށް އެނގެން ބޭނުންނުވާ، ހަމައެކަނި އަމިއްލަ ނަފުސަށް އެނގުން މުހިންމު ކަންކަމެވެ. މިފަދަ ކަންކަމަށް އަޅުގަނޑުމެން ކިޔައިއުޅެނީ “ސިއްރު” ތަކެވެ. ނަމަވެސް، ހަޤީޤަތަކީ އެއްވެސް މަޢުލޫމާތެއް އެހެން މީހަކާ ހިއްސާކޮށްފިނަމަ، އެއީ ދެން ސިއްރެއްގެ ގޮތުގައި ދެމިނުއޮންނާނެ ކަމެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ ހިތުގައިވާ އުދާސްތަކާއި ކަންބޮޑުވުންތައް އެހެން މީހަކާ ހިއްސާކުރަން ބޭނުންވާނެ މީހެކެވެ. ބައެއް ފަހަރު އިތުބާރު ކުރެވޭ އެކުވެރިއެއް ނުވަތަ ގާތް ތިމާގެ މީހެއް ގާތު “މިއީ ސިއްރެއް” ކަމަށް ބުނެ ވާހަކައެއް ދެއްކެއެވެ. ނަމަވެސް، ވިސްނާލަންޖެހޭ ނުކުތާއަކީ، އަމިއްލަ ސިއްރު އަމިއްލަ ދުލުން ބޭރުކޮށްލުމަށްފަހު، އެހެން މީހަކު އެ ސިއްރު ހިފަހައްޓާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެ ކަމެވެ. ސިއްރުގެ ތަޅުދަނޑި އެހެން މީހެއްގެ އަތަށް ދިނުމަށްފަހު، އެ ދޮރު ބަންދުވެފައި ހުންނާނެކަމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ.

އިސްލާމްދީނުގައި އަމާނާތްތެރިވުމަށާއި ސިއްރު ހިފެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މީހަކު ކުރާ އިތުބާރަކީ އަމާނާތެކެވެ. ނަމަވެސް އިންސާނީ ތަބީއަތަށް ބަލާއިރު، އެކަކު ގާތު ބުނާ ސިއްރު، އެމީހަކުވެސް އޭނާގެ އެންމެ އިތުބާރު ކުރެވޭ މީހާ ގާތު ބުނުމަކީ ވަރަށް ގާތް ކަމެކެވެ. މިގޮތަށް ގޮސް އެންމެ ފަހުން އެ ސިއްރު މުޅި މުޖުތަމައަށް ފެތުރިގެންދެއެވެ. “ފާރުގައިވެސް ކަންފަތް ހުރެއޭ” ބުނާ ބަހުގެ މާނައަކީ، ސިއްރުވެރި ގޮތެއްގައި ދެކެވޭ ވާހަކައެއްވެސް އެހެން ބަޔަކަށް އެނގުމުގެ ފުރުސަތު އޮންނަ ކަމެވެ.

މިވެސް ކިޔާލަން:  ޖިންސީގުޅުމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުޔެއް ލިބިދާނެ ހެއްޔެވެ؟

ސިއްރެއް ހާމަވުމުން ދެން ކުރިމަތިލާންޖެހޭނީ އޭގެ ހިތި ނަތީޖާއާއެވެ. އަބުރަށް ގެއްލުންވުމާއި، ގުޅުންތައް ކެނޑުމާއި، މުޖުތަމައުގެ ކުރިމަތީގައި ލަދުވެތިވާންޖެހޭ ފަދަ ހާލަތްތައް މެދުވެރިވެއެވެ. ގިނަ ފަހަރަށް މީހުން ސިއްރު ހާމަކުރަނީ އެހެން މީހުންގެ މައްޗަށް ބާރު ހޯދުމަށް ނުވަތަ މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ ގޮތުގައެވެ.

ކަންމިހެން ހުރުމާއެކު، ސިއްރެއް ހިފެހެއްޓޭނެ އެންމެ ރައްކާތެރި ތަނަކީ އަމިއްލަ ހިތެވެ. އަމިއްލަ ނަފުސަށް ނުހިފެހެއްޓުނު ސިއްރެއް، އެހެން މީހަކު ހިފަހައްޓާނެކަމަށް ޤަބޫލުކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ދުލުން ބޭރުވާ ކޮންމެ ބަހަކީ ތިމާގެ މިނިވަންކަމުން ބައެއް އުނިވެގެންދާ ކަމެއްކަން ދަނެގެން، ބަސްމަގު ހިފެހެއްޓުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭ މީހާގެ ސިފައެކެވެ. ސިއްރަކީ ހާމަކޮށްފިނަމަ އޭގެ ބާރު ކެނޑި، އާންމު މަޢުލޫމާތަކަށް ބަދަލުވާ އެއްޗެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top