ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޓުވާލޫ: ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ގައުމު!
ޓުވާލޫ އަކީ ރާއްޖެ ފަދަ ޖަޒީރާ ޤައުމެއް / ފޮޓޯ: އޭބީސީ ނެޓް

– މިއީ ދިވެހިރާއްޖޭގެ ބިންތިރި ޖަޒީރާ ރަށްތަށް ފަދަ ރަށްތަކެއް އޮންނަ ޤައުމެކެވެ. މިއަދު މި ޤައުމަށް މިވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރަށްތައް ގިރައި، ބިމުގެ އަޑިން ރަށުތެރެއަށް ލޮނުގަނޑު އެރުމުގެ ދުވަހީ ދިރިއުޅުމެއް ހިއްސާކުރަން ޖެހިފައެވެ. މިކަމަށް ގެނެވެން އޮތް އެންމެ ރަނގަޅު ހައްލެއްކަމަށް އެ ޤައުމުން ނިންމާފައިވަނީ އޮސްޓްރޭލިއާއަށް އެ ޤައުމުގެ ރައްޔިތުން ހިޖުރަކުރުމެވެ.

– މޫސުމީ ބަދަލުތަކުގެ ސަބަބުން ޓުވާލޫއިން އޮސްޓްރޭލިއާއަށް ހިޖުރަކުރާ ފުރަތަމަ ގްރޫޕް ތާރީޚީ އެއްބަސްވުމެއްގެ ދަށުން އެ ގައުމަށް ފޯރާފައިވަނީ މި އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާތެރޭގައެވެ.

– ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ޓުވާލޫގެ މުސްތަގުބަލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ، އަލަށް އެކުލަވާލި މޫސުމީ ހިޖުރައިގެ އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާގައި ވަޒަންވެރިވާން ފެށި ޓުވާލޫގެ ފުރަތަމަ ރައްޔިތުންނަށް އެ ގައުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޕެސިފިކް ކަނޑުގެ މި ކުޑަކުޑަ ޖަޒީރާ ގައުމުން ދަނީ، އުފުލެމުންދާ ކަނޑުގެ ލޮނުގަނޑުން ސަލާމަތްވުމަށްޓަކައި އާ ބިންތައް ހިއްކަމުންނެވެ. ނަމަވެސް، ޓުވާލޫގެ އާބާދީގެ ބޮޑުބައެއް އޮސްޓްރޭލިއާއަށް ހިޖުރަކުރުމަށް އެދެމުންދާއިރު، ބިރުވެރި ސުވާލެއް ކުރިމަތިވެއެވެ: ރައްޔިތުން ގައުމު ދޫކޮށް ދާންޖެހިއްޖެ ނަމަ، އެ ގައުމަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

މަތިން ބަލާއިރު، ޓުވާލޫ ފެންނަނީ ނާޒުކު ތަނެއްގެ ގޮތުގައެވެ. ނިމުމެއް ނެތް ކަނޑުގެ ތެރޭގައި އޮތް ހަނި ބިންކޮޅުތަކެކެވެ. ބައެއް ހިސާބުތަކުގައި ފަޅާއި ކަނޑާ ދެމެދު ހުންނަނީ އެންމެ މަދު މީޓަރުކޮޅެކެވެ. އަނެއްބައި ހިސާބުތަކުގައި ދެފަރާތުން ވެސް އޮންނަނީ ޕެސިފިކް ކަނޑެވެ. ކަނޑު ގަދަވާ ވަގުތުތަކުގައި، ލޮނުގަނޑު ބިންގަނޑުގެ ތެރެއިން އަރައި، ގައުމުގެ ހަމައެކަނި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމެނޭހެން މުހިންމު ވަސީލަތްތައް ފެންބޮޑުވެއެވެ. ލޮނުގަނޑު އަރަނީ ބިންގަނޑުގެ މަތިންނެއް ނޫނެވެ؛ ބިންގަނޑުގެ ތެރެއިން ފުރޭނިގެންނެވެ. ކުރިން ދުވަހަކުވެސް ފެންބޮޑުނުވާ ތަންތަން މިހާރު ދަނީ ގަވާއިދުން ކަނޑުގެ އަޑިއަށް ދަމުންނެވެ.

ޓުވާލޫގެ ބިން އުސްކޮށް ހިއްކުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އޭބީސީ ނެޓް

މުޅި ގައުމަކަށް މިއަދު މިވަނީ، އަމިއްލަ ވަޒަނުގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހިފައެވެ. 2023 ވަނަ އަހަރު، އޮސްޓްރޭލިއާ އާއި ޓުވާލޫއާ ދެމެދު ތާރީޚީ ‘ފަލެޕިލީ ޔޫނިއަން’ މުއާހަދާގައި ސޮއިކުރެވުނެވެ. މިއީ މޫސުމީ ހިޖުރަކުރުމާއި އިގްތިސާދީ ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގައި ވެސް ހެދި ފުރަތަމަ އެއްބަސްވުމެވެ. މީގެ ދަށުން ޚާއްސަ ވިސާއެއްގެ ދަށުން ޓުވާލޫގެ ރައްޔިތުންނަށް އޮސްޓްރޭލިއާގައި ދާއިމީކޮށް ދިރިއުޅުމުގެ ފުރުސަތު ލިބެއެވެ. 2025 ވަނަ އަހަރު މި ފުރުސަތު ހުޅުވާލި ފުރަތަމަ އަހަރު ވެސް، އެ ގައުމުގެ އާބާދީގެ %65 އާއި %80 އާ ދެމެދުގެ މިންވަރަކަށް މީހުން ވިސާއަށް އެދުނެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: ޖޯޖިއޯ އަރްމާނީގެ އެމްޕޯރިއޯ އަރްމާނީ "ސްޓްރޯންގާ ވިތު ޔޫ ސްޕައިސަސް"

ނުރައްކާ ބޮޑުވި ނަމަވެސް، އަމިއްލަ ވަޒަން ދޫކޮށްލުމަކީ ޓުވާލޫގެ ގިނަ ރައްޔިތުންނަށް ފަސޭހަ ނިންމުމެއް ނޫނެވެ. ހަތަރު އަހަރުގެ ދަރިފުޅު އުނގަށް ލައިގެން އިނދެ ޓެވަޮގާލީ އެލިސާލާ ބުނީ، “އަހަރެން ދާކަށް ބޭނުމެއް ނޫން. ބޭނުމީ މިތަނުގައި މަޑުކުރަން،” ކަމަށެވެ. އޭނާ ކަންބޮޑުވަނީ ދަރިފުޅު ބޮޑުވާނީ އަމިއްލަ ސަގާފަތާއި އަމިއްލަ ވަޒަނާ ބީރައްޓެހި ކުއްޖެއްގެ ގޮތުގައި ކަމަށް ވެދާނެތީއެވެ. ނަމަވެސް، ދިރިއުޅުމުގެ ދަތިކަމާއި، ގެދޮރުގެ ދަތިކަމާއި، އަދި އަހަރަކަށްވުރެ އަހަރެއް ރަށްތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތުގެ ސަބަބުން ހިޖުރަކުރުން ނޫން ގޮތެއް ނެތްކަމަށް އޭނާއަށް ވެސް ގަބޫލުކުރެވެއެވެ.

ޓުވާލޫގެ ރަށެއް ކަމަށްވާ ފުނާފުޓީއަށް ބޮޑުރާޅު އަރާފައި / ފޮޓޯ: އޭބީސީ ނެޓް

ޓުވާލޫއަކީ އޮސްޓްރޭލިއާ އާއި ހަވާއީއާ ދެމެދު އޮންނަ، ފަރުގެ ނުވަ ރަށުގެ މައްޗަށް އެކުލެވޭ، ދުނިޔޭގެ އެންމެ ތިރި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެ ގައުމުގެ އެންމެ އުސް ހިސާބުގައި ވެސް ހުންނަނީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ 4.5 މީޓަރު އުހުގައެވެ. ވޭތުވެދިޔަ 30 އަހަރު ތެރޭގައި ލޮނުގަނޑު 15 ސެންޓިމީޓަރު އުފުލިފައިވާއިރު، ސައިންސްވެރިން އިންޒާރު ދެނީ މި ގަރުނު ނިމޭއިރު މި މިންވަރު އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ޓުވާލޫއިން މިހާރު ދަނީ އެ ގައުމުގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަމުންނެވެ. އެއީ ފަޅު ތެރެއިން ވެލި ނަގައިގެން، އުސްކޮށް ބިން ހިއްކުމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން މިހާރު ވެސް ޓުވާލޫގެ ބިމުގެ އިންސައްތަ %10 އިތުރުވެފައިވެއެވެ. ޓުވާލޫގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު މައިނާ ތާލިއާ ވިދާޅުވާ ގޮތުގައި، ޓުވާލޫގެ ރައްޔިތުންނަށް ބިމަކީ ދިރިއުޅުމެވެ. ބިމާ އޮންނަ ގުޅުން ކެނޑިއްޖެ ނަމަ، އެ މީހުންގެ އަމިއްލަވަންތަކަން ގެއްލޭނެއެވެ.

މިވެސް ކިޔާލަން:  ފެނަށް ގިރޭ ޕްލާސްޓިކެއް އުފެއްދުން

އޮސްޓްރޭލިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޓުވާލޫއަށް ސަލާމަތީ ރައްކާތެރިކަމާއި އިގްސާދީ އެހީތެރިކަން ލިބިގެންދާނެއެވެ. ނަމަވެސް، ގައުމުގެ ޒުވާން މަސައްކަތްތެރި އާބާދީ ގައުމު ދޫކޮށް ދިއުމަކީ ކުރީގެ ބޮޑުވަޒީރު އެނެލޭ ސޮޕޮއާގާ ފަދަ ބޭފުޅުން ކަންބޮޑުވާ ކަމެކެވެ. އޭނާ ދެކޭގޮތުގައި އޮސްޓްރޭލިއާއިން ދޭ އެހީއަކީ އެ ގައުމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ޓުވާލޫއަށް ލިބޭ ގެއްލުމުގެ ބަދަލެއް ނޫނެވެ.

ވައިގެ ބަނދަރުގެ ރަންވޭ މަތީގައި ޒުވާނުންނާއި ކުޑަކުދިން ވޮލީ ކުޅެނީ / ފޮޓޯ: އޭބީސީ ނެޓް

މި ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް، ޓުވާލޫގެ ރައްޔިތުން ދަނީ އެމީހުންގެ ސަގާފަތާއި އާދަކާދަތައް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. ‘ފަޓެލޭ’ ފަދަ ސަގާފީ ނެށުންތަކުން ފެންނަނީ އެބައިމީހުންގެ މެދުގައި އޮތް އެކުވެރިކަމާއި ވަރުގަދަ ގުޅުމެވެ. އިރުއޮއްސޭ ވަގުތު ވައިގެ ބަނދަރުގެ ރަންވޭ މަތީގައި ކުޅޭ ކުދިންނާއި، މިސްކިތްތަކާއި ފައްޅިތަކުން އިވޭ އަޅުކަމުގެ އަޑުތަކަކީ އެ ގައުމުގެ ދިރިއުޅުމުގެ ރޫހެވެ. ޓުވާލޫއިން މިއަދު ކުރަމުންދާ މަސައްކަތަކީ ހަމައެކަނި ބިން ހިއްކުމެއް ނޫނެވެ؛ އެއީ އިންސާނުންނާއި، ބިމާއި، ވަޒަނާ ދެމެދު އޮތް ލޯތްބާއި ގުޅުން ދެމެހެއްޓުމުގެ މިންނެތް މަސައްކަތެކެވެ.

ޓުވާލޫގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން އޮސްޓްރޭލިޔާގެ ކްލައިމެޓް ޗޭންޖް ވިސާ ޕްރޮގްރާމަށް ކުރިމަތިލާފައިވޭ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޮސްޓްރޭލިޔާގައި ދިރިއުޅުމުގެ ފުރުސަތު ލިބޭ ޚާއްޞަ ވިސާއަށް ޓުވާލޫގެ 3,000 އަށްވުރެ ގިނަ ރައްޔިތުން މިދިޔަ އަހަރު ޖުލައިމަހުގެ 18 އާއި ހަމައަށް ކުރިމަތިލިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިއަށް އޮތް 80 އަހަރުގެ ތެރޭގައި ޓުވާލޫއަކީ އިންސާނުންނަށް ދިރިނޫޅެވޭނެ ތަނަކަށް ވެދާނެކަމުގެ ބިރު ސައިންސްވެރިން ވަނީ ފާޅުކޮށްފައެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 2025 ޖުލައި މަހުގެ 18 އެވެ.

މިވެސް ކިޔާލަން:  ކަނޑުފަރުގެ ދިރާސާގެ ފުރަތަމަ ބައި ނިންމާލައިފި

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ނެތިދިއުމުގެ ބިރު ހީވެފައިވާ ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ޓުވާލޫގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން، އޮސްޓްރޭލިޔާއިން ހުޅުވާލި ތާރީޚީ ކްލައިމެޓް ވިސާއަށް އެދި ހުށައެޅިއެވެ.

މޫސުމީ ހިޖުރަކުރުމާ ގުޅޭގޮތުން އޮސްޓްރޭލިޔާއިން ވެފައިވާ މި އެއްބަސްވުމަކީ “ދުނިޔޭގެ މިފަދަ ފުރަތަމަ އެއްބަސްވުން” ކަމަށް ކެންބެރާއިން ސިފަކުރެއެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ޓުވާލޫގެ 280 ރައްޔިތުންނަށް އޮސްޓްރޭލިޔާގެ ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބަލާފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، މި ވިސާގެ ފުރަތަމަ ބުރަށް މިހާތަނަށް 3,000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. މިއީ އެ ޤައުމުގެ މުޅި އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔެވެ.

ޓުވާލޫގެ މި ރަށަށް ލޮނު އަރާތީ ވެލިފުނި ޖަހާފައި / ފޮޓޯ: އޭބީސީ ނެޓް

ދުނިޔޭގައި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ސަރަހައްދުގައި އޮތް ޓުވާލޫގެ ނުވަ ރަށުގެ ތެރެއިން ދެ ރަށެއް މިހާރުވެސް ވަނީ ގާތްގަނޑަކަށް ކަނޑުގެ އަޑިއަށް ގޮސްފައެވެ. އޮސްޓްރޭލިޔާގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށާއި، ސަލާމަތާއި، އަދި ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް އޮސްޓްރޭލިޔާއިން ބަލައިގަނެއެވެ.

“ފަލެޕިލީ” އެއްބަސްވުމުގެ ދަށުން، ގުދުރަތީ ކާރިސާތަކާއި، ބަލިމަޑުކަމާއި، އަދި އަސްކަރީ ހަމަލާތަކުން ޓުވާލޫ ދިފާއުކޮށްދިނުމަށް އޮސްޓްރޭލިޔާއިން ވަނީ އިގުރާރުވެފައެވެ. ޓުވާލޫގެ ބޮޑުވަޒީރު ފެލެޓީ ޓެއޯ ވިދާޅުވި ގޮތުގައި، މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުގެ ބިން ނެތިދިޔަ ކަމުގައިވިޔަސް، ޓުވާލޫގެ ދައުލަތާއި މިނިވަންކަން ޤާނޫނީގޮތުން ބަލައިގަތުމަށް ޤައުމަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގެ ދަށުން، ޓުވާލޫއިން އެހެން ޤައުމަކާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރާނަމަ އޮސްޓްރޭލިޔާގެ ލަފާ ހޯދަންޖެހެއެވެ. މިއީ ޓުވާލޫގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް ބައެއް ފަރާތްތަކުން އޭރު ބުނެފައިވެއެވެ. ޓުވާލޫއަކީ އަދިވެސް ޗައިނާގެ ބަދަލުގައި ޓައިވާނާއެކު ސިޔާސީ ގުޅުން ބާއްވާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top