ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ ކާމިޔާބު ފިލްމު “އާވާރާޕަން” ގެ ސީކުއަލް “އާވާރާޕަން 2” ގެ ފޯރިގަދަ ޓްރެއިލާ އާންމުކޮށްފިއެވެ. 2007 ވަނަ އަހަރު ނުކުތް ރޮމެންޓިކް އެކްޝަން ފިލްމުގެ މި ދެވަނަ ބައި ސިނަމާތަކަށް އަންނާނީ 14 އޯގަސްޓް 2026 ގައެވެ.
އާންމުކުރި 1 މިނެޓާއި 25 ސިކުންތުގެ މި ޓްރެއިލާއިން ފެންނަނީ އިމްރާން ހާޝްމީ ކުޅޭ “ޝިވަމް” ގެ ކެރެކްޓާ، އޭނާގެ ހިތާމަތަކާއި ތަދުތައް ބަދަލުކޮށްލައި، ވަރުގަދަ ރުޅިވެރިކަމަކާއެކު ދެވޭ ނުރައްކާތެރި ހަމަލާތަކެކެވެ. މިއީ ވަރަށް “ސްލިކް” އަދި ފޯރިގަދަ އެކްޝަން މުނިފޫހިފިލުވުމެއް ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމެއްކަން ޓްރެއިލާއިން ހާމަވެއެވެ.
ނިތިން ކައްކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ދިޝާ ޕަޓާނީ، ޝަބާނާ އަޒްމީ، ސުވިންދަރު ވިކީ، އަތުލް ކުމާރު އަދި ޕުރާން ގައްބީ ފަދަ ތަރިން ފެނިގެންދާނެއެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ބިލާލް ސިއްދީޤީއެވެ. މިއުޒިކް ތައްޔާރުކޮށްފައިވަނީ މިތޫން، އަމާލް މަލިކް، ޖީތު ގަންގޫލީ އަދި އަކިލް ސަޗްދޭވާއެވެ.
“އާވާރާޕަން 2” އަށް މިހާރު ވަނީ “UA +16” ސެޓްފިކެޓް ލިބިފައެވެ. މި ފިލްމުގެ ދިގުމިނަކީ 2 ގަޑިއިރާއި 20 މިނެޓެވެ. ފުރަތަމަ ފިލްމުގައި ފެނިގެންދިޔައީ ހޮންކޮންގްގެ ކުށްވެރި ގްރޫޕެއްގައި މަސައްކަތްކުރާ ޝިވަމް، އޭނާ ބަލަހައްޓަން ހަވާލުކުރި އަންހެން ކުއްޖަކު ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ.
މި ފިލްމުގެ އިތުރުން އިމްރާން ހާޝްމީ ދެން އެންމެ އަވަހަށް ފެންނާނީ އަދިވީ ސޭޝްއާއެކު “G2” ކިޔާ ސްޕައި ތުރިލާ އަކުންނާއި، “ރޫހް” ކިޔާ މިއުޒިކަލް ހޮރޯ ފިލްމަކުންނެވެ.
