ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުރޭޑިއަންޓް މޮޅުވުމާއިއެކު މާޒިޔާ އާއި ނިއުރޭޑިއަންޓް ފައިނަލަށް
ފޮޓޯ: އެފްއޭއެމް - އެފްބީ

މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުން ނިއުރޭޑިއަންޓް މޮޅުވުމާއިއެކު، މާޒިޔާ އާއި ނިއުރޭޑިއަންޓް ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯރޓްސް ކުލަބެވެ. ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައި ވާއިރު، އޮޑި ސްޕޯރޓްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މި މެޗަށް ނުކުތްއިރު މި މެޗު ކާމިޔާބުކޮށް، ކުރިޔަށް އެއް މެޗު އޮއްވައި ފައިނަލަށް ދިއުމުގެ ފުރުސަތު ނިއުރޭޑިއަންޓަށް އޮތީ ހުޅުވިފަ އެވެ. އަދި މި މެޗާއި ކުރިޔަށް އޮތް ބުރު މެޗު ކާމިޔާބުކޮށްގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮޑިއަށް ވެސް އޮތީ ހުޅުވިފަ އެވެ.

މެޗު ފެށިގޮތަށް އޮޑީގެ ފަހަތަށް ބާރު ބޮޑުކުރި ނިއުރޭޑިއަންޓުން ވަނީ ހަތަރުވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯސް (ޑޯރީ) އެވެ. ޑޯރީ މި ލަނޑު ޖަހާފައިވަނީ އޭނާ އާއި ޑަ ސިލްވަރ ގުޅިގެން އުފެއްދި ހަމަލާއެއްގައި އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިޔާ ތެރެއިން ވަދެ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓުންނެވެ. ނަތީޖާ ހަމަހަމަކުރުމަށް އޮޑިން މަސައްކަތް ކުރަމުން ދަނިކޮށް ނިއުރޭޑިއަންޓުން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑަކީ ނިއުރޭޑިއަންޓްގެ އަލްބަޓް ސުވެން އޮޑީގެ ގޯލު ކުރިމައްޗަށް މަތިމަތިން ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިވެސް ކިޔާލަން:  ގިނަ ފިއްތުންތައް ކުރިމަތިކޮށްފައި ވަނިކޮށް އެފްއޭއެމްގެ އިންތިޚާބު ބާއްވައިފި

ފުރަތަމަ ހާފުގެ ފަހުކޮޅު ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑަކީ އޮޑީގެ ހާފުގެ ތެރެއިން މެދުރޮނގު ކައިރިން ޑަ ސިލްވަރ ޖައްސާލި ބޯޅަ ހިފައިގެން ގޮސް އޮޑީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ ކީޕަރުގެ ބޯމަތިން ގޯލުގެ ދުރު ކަނަށް ވައްދާލައިގެން އީތަން އިބްރާހީމް ޒަކީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލަނޑު ޖަހާނެ ފުރުސަތު އޮޑިއަށް ވެސް ލިބުނު މި ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުމާއިއެކު ނިއުރޭޑިއަންޓުން ވަނީ އޮޑީގެ ފަހަތަށް ބާރުބޮޑުކުރަން ފަށާފަ އެވެ. ނާއިމް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯސް އޭނާގެ ހެޓްރިކް ފުރިހަމަކޮށް 4-0 އަށް ނަތީޖާ ބަދަލުކޮށްލި އެވެ.

މާޒިޔާ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮޑިއަށް މި މެޗުގައި އެ ކުޅުން ތަކުރާރުކުރެވޭ ގޮތެއް ނުވި އެވެ.

ލަނޑު ޖަހަން ލިބުނު ފުރުސަތުތަކެއްގެ ބޭނުން ނުކުރެވި ދިޔަ ފަހުން، ނިއު ރޭޑިއަންޓުން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަންގައި އެ ޓީމާއި ގުޅުނު އަމްދާން ޢަލީ އެވެ. ޑަ ސިލްވަރ ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި އަމްދާން މި ލަނޑު ޖެހީ ގޯލު ކުރިމަތީ ހުސްކޮށް ހުރެ އެވެ.

އޮޑިން މި މެޗުގައި ޖެހި ތިން ލަނޑު ވެސް ޖެހީ ހާފުގެ ފަހުކޮޅު އެވެ. 87 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އިބްރާހީމް ވަހީދު ހަސަން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު 90 ވަނަ މިނެޓުގައި މުޒުދާން ހަސަން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ. އޮޑިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ނިއުރޭޑިއަންޓްގެ ހާފުގެ މެދަކާއި ހިސާބުން އެ ޓީމުގެ ޑިފެންޑަރުންގެ ފަހަތަށް އޮޑީ ކުޅުންތެރިއަކު ޖައްސާލި ބޯޅަ ހިފައިގެން ގޮސް އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ސަހާއު އެވެ.

މިވެސް ކިޔާލަން:  ބައިނަލްއަޤްވާމީ ދެ ތިއޭޓަރ ފެސްޓިވަލްއެއްގައި ބައިވެރިވުމުގެ ފުރުޞަތު!

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް ފައިދާ ލަނޑުގެ ތަފާތުން ނިއުރޭޑިއަންޓް ވަނީ ލީގު ބުރުގެ އެއްވަނައަށް ޖެހިލާފަ އެވެ. އަދި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ނިއުރޭޑިއަންޓާއި މާޒިޔާ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި މުބާރާތުގެ ކުޅުން ދެން އޮންނަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top