މަޝްހޫރު އެކްޓަރު ދަނޫޝް އޭނާ ތަޢުލީމު ހާސިލުކުރި “ތައި ސަތުޔާ މެޓްރިކިއުލޭޝަން ސްކޫލް” އަށް ޒިޔާރަތްކޮށް، އަމިއްލަ ޚަރަދުގައި އެ ސްކޫލުގައި ބިނާކޮށްދިން އައު އެކަޑަމިކް ބްލޮކް އިފްތިތާޙްކޮށްދީފިއެވެ. މި ރަސްމިއްޔާތުގައި ދަނޫޝް ވަނީ މާދަރީ ބަސް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަރުގަދަ މެސެޖެއް ދީފައެވެ.
ތަމަޅަ ބަހުން ވާހަކަދައްކަމުން ދަނޫޝް ދަރިވަރުންނަށް ބާރުއެޅީ އެންމެ ފުރަތަމަ އަމިއްލަ މާދަރީ ބަސް ދަސްކުރުމަށެވެ. އަދި އަމިއްލަ ބަސް ނޭނގުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މާދަރީ ބަހާ ދުރުވުމަކީ ސަގާފީ އަމިއްލަވަންތަކަން ގެއްލިގެންދާނެ “ލަދުވެތި” ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ދަނޫޝް އިތުރަށް ހާމަކުރި ގޮތުގައި، ބެލްޖިއަމަށް ކުރި ދަތުރެއްގައި ކުރެވުނު ތަޖުރިބާއެއްގެ ސަބަބުން ބަހާމެދު އޭނާ ދެކޭގޮތް ބަދަލުވެ، އަމިއްލަ ބަހަށް އިތުރަށް ލޯބިޖެހި ބަހުގެ އަގު ވަޒަންކުރަން ދަސްވިއެވެ.
އިންޑިއާގައި ބަހާއި އަމިއްލަވަންތަކަމާ ގުޅޭގޮތުން ބަހުސްތައް ކުރެވެމުންދާ މި ދަނޑިވަޅުގައި، ދަނޫޝް ދެއްކި ވާހަކަތަކަށް ގިނަ ބައެއްގެ ތަޢުރީފު އަންނަނީ ލިބެމުންނެވެ. ވަކިން ޚާއްސަކޮށް، ސަގާފީ ތަރިކައާއި ގުޅުން ބަދަހިކުރުމަށް އޭނާ ގޮވާލި ގޮވާލުމަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.
