ކޭޖީއެފް އިން ބޮޑު މަޤުބޫލުކަމެއް ހޯދި އެކްޓަރު ޔަޝްގެ އެންމެ ފަހުގެ ފިލްމު “ޓޮކްސިކް: އޭ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް” ގެ އިންތިޒާރުކުރެވެމުންދިޔަ ޓްރެއިލާ މިއަދު އާންމުކޮށްފިއެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުގައި، މިއީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކަކާއި، ތަފާތު މިޒާޖުގެ ކެރެކްޓާތަކެއް ފެނިގެންދާނެ ފިލްމެކެވެ.
މި ފިލްމުގައި ޔަޝް ފެނިގެންދާނީ ވަރަށް ވަރުގަދަ “ބްލޭޒިން އެވަޓާ” އެއްގައެވެ. އަދި މި ފިލްމުގައި އޭނާ ދެ ރޯލެއް ކުޅޭނެކަމުގެ އިޝާރާތެއް ޓްރެއިލާއިން ލިބެއެވެ. ޓްރެއިލާގައި ހިމެނޭ އަނިޔާވެރި މަންޒަރުތަކާއި ލޭ އޮހޮރުވުންތަކަށް ބަލާއިރު، މިއީ ބަލިކަށި ހިތެއްގެ ވެރިންނަށް ކެތްކުރަން އުނދަގޫވާނެ ވަރުގެ ފިލްމަކަށް ވެދާނެއެވެ.
ފިލްމުގެ މަންޒަރުތައް ވަރަށް ފުރިހަމައަށް ފެންނައިރު، ކިއާރާ އަދުވާނީ އަދި ހުމާ ޤުރޭޝީ ވެސް ފެނިގެންދަނީ ވަރަށް މުހިންމު ރޯލުތަކަކުންނެވެ. ނަމަވެސް، ފިލްމުގެ މައިގަނޑު ވާހަކަ އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.
ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޔަޝް ބުނެފައިވަނީ “ޓޮކްސިކް” އަކީ ހަމައެކަނި ގޭންގްސްޓާރ ފިލްމެއް ނޫން ކަމަށެވެ. “ބޭރު ފުށުން ބަލާއިރު މިއީ ގޭންގްސްޓާރ ފިލްމެއްހެން ހީވި ނަމަވެސް، މީގައި އިންސާނީ އިޙުސާސްތަކާއި، އަނދިރި ފަރާތްތަކުގެ އިތުރުން އަޚުލާޤީ ގޮތުން ނިންމަންޖެހޭ އުނދަގޫ ނިންމުންތަކެއް ހިމެނޭނެ.” ވެރައިޓީ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޔަޝް ބުންޏެވެ.
ޔަޝްގެ އިތުރުން ނަޔަންތާރާ، ރުކްމިނީ ވަސަންތު އަދި ތާރާ ސުތާރިއާ ފެނިގެންދާ މި ފިލްމަކީ ކޭވީއެން ޕްރޮޑަކްޝަނުން އުފައްދާފައިވާ ފިލްމެކެވެ. ޔަޝް މި ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގައި ބައިވެރިވެފައިވާއިރު، މިއީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ ބޮޑު އިސްކްރީނަށް އެނބުރި އަންނަ ފިލްމެވެ.
މި ފިލްމުގެ އެކްޝަން ކޮރިއޮގްރަފީ ހަދާފައިވަނީ މަޝްހޫރު “ޖޯން ވިކް” އަދި “ފާސްޓް އެންޑް ފިއުރިއަސް” ގެ އެކްޝަން ޑައިރެކްޓަރު ޖޭޖޭ ޕެރީއެވެ. އަދި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ކޭޖީއެފްގެ މިއުޒިކް ޑައިރެކްޓަރު ރަވީ ބަސްރޫރެވެ.
