ދެހާސް ޑޮލަރެވެ. އެއީ އަހަރެން މަސްތަކަކުން ހޯދާ ވަރަށްވުރެ ގިނަ ފައިސާއެވެ. އަހަރެމެންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭވަރުގެ އަދަދެކެވެ. ފުންކޮށް ނޭވާއެއް ލެވޭވަރުގެ އުޖޫރައެކެވެ.
“އަހަރެން އެއްބަސް.” އަހަރެން ބުނީމެވެ. އެއާއެކު އަހަރެން ދިރިއުޅުމުގެ އިންފާރު ހުރަސްކޮށްފީމެވެ. އެއީ ދެން ދުވަހަކުވެސް އެނބުރި ރުޖޫޢަ ނުވެވޭނެ ފަދަ ހުރަހެކެވެ.
އަހަރެމެން ކައިވެނި ކުރި ދުވަހަކީ ކައިވެންޏެއް ފަދަ ދުވަހެއް ނޫނެވެ. އެއްވެސް ޒީނަތްތެރިކަމެއް ނެތެވެ. ހިނިތުންވުމެއް، އާއިލީ އުފާވެރިކަމެއް، ނުވަތަ އެފަދަ ވަގުތެއްގައި ހުންނަ ފަދަ އެއްވެސް އުންމީދެއް ނެތެވެ. އަހަރެމެންގެ ކައިވެނި ކުރެވުނީ މާފުށީ ޖަލުގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައެވެ. އަހަރެމެންގެ ދެމެދުގައި ހުރީ ބޯ ބިއްލޫރިގަނޑެކެވެ. އެ ބިއްލޫރިގަނޑުން އަހަރެމެންގެ ސޫރަ ފެންނަމުން ދިޔައީ، މިއީ ހަޤީޤީ ކަމެއް ނޫންކަން ހަނދާންކޮށްދޭ ފަދަ ގޮތަކަށެވެ.
އޭނާ ހުރީ އަނެއް ފަރާތުގައެވެ. ރިޔާޒް ޙަލީމެވެ. އޭނާ ހުރީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އޭނާގެ ކިބައިން މާޔޫސްކަމެއް، ރުޅިވެރިކަމެއް، ނުވަތަ ނިކަމެތިކަމެއް ނުފެނެއެވެ. އޭނާ ހުރީ ވަރަށް މަޑުމައިތިރިކޮށެވެ. އޭނާގެ ހިތުގައި ހިނގަނީ ކޮން އެއްޗެއްކަން ދެނެގަންނަން އުނދަގޫވާ ފަދަ ގޮތަކަށެވެ. ހީވަނީ އަހަރެމެންނަށް އަދި ނުވިސްނޭ ފުން ހަޤީޤަތެއް އޭނާ ޤަބޫލުކޮށްގެން ހުރިހެންނެވެ.
އަހަރެމެންގެ ހަތަރުކަޅި ބައްދަލުވުމުން އޭނާ އިސްޖަހައެއް ނުލިއެވެ. ހަމައެކަނި ބޯޖަހާލީއެވެ. އެއީ ގާތްކަމެއް ނޫނެވެ. އަދި ނުރުހުމެއްވެސް ނޫނެވެ. ހަމައެކަނި އަހަރެން ހުރިކަން ބަލައިގަތުމެވެ.
ކައިވެނީގެ ކަންތައްތައް ނިމުނީ ވަރަށް އަވަހަށެވެ. އިމާމް މީހާ ކިޔަވަންޖެހޭ އެއްޗެހި ކިޔަވަމުން ދިޔައިރު، ޖަލު އޮފިސަރަކު ކައިރީގައި ހުރެ ގަޑިއަށް ބަލަމުން ދިޔައެވެ. ހީވަނީ އަހަރެމެން މި ހޭދަކުރާ ވަގުތަކީވެސް ދަރަންޏަށް ހޯދާފައިވާ ވަގުތުކޮޅެއްހެންނެވެ.
އަހަރެން “އާނއެކޭ” ބުނީމެވެ. އޭނާވެސް “އާނއެކޭ” ބުންޏެވެ. ދިހަ މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އަހަރެން އޭނާގެ އަނބިމީހާއަށް ވެއްޖެއެވެ. ބީރައްޓެހި މީހެއްގެ އަނބިމީހާއެވެ. ކުށްވެރިއެއްގެ އަނބިމީހާއެވެ. ދިރިހުރުމަށްޓަކައި އަމިއްލަ އަޚުލާޤު ވިއްކާލި އަންހެނަކަށް އަހަރެން ވެއްޖެއެވެ.
އެ ދުވަހު ޖަލުން ނުކުމެ، ފެރީގައި ރަށުން ފުރައިގެން ދިޔައިރު ލޮނުވައިގެ އަސަރު އަހަރެންގެ މޫނަށް އިޙުސާސް ކުރެވެމުން ދިޔައެވެ. އަހަރެން އަމިއްލަ ނަފުސަށް ތަކުރާރުކޮށް ބުނަމުން ދިޔައީމެވެ. މިއީ ހަޤީޤަތެއް ނޫނެވެ. މިއީ ހަމައެކަނި އެއްބަސްވުމެކެވެ. ކޮންޓްރެކްޓެކެވެ. އެއަށްވުރެ އިތުރު ކަމެއް ނޫނެވެ.
ނަމަވެސް، ވަރުބަލިކަމާއި މާޔޫސްކަމުގެ ފަށަލަތަކުގެ ދަށުން، އަހަރެންގެ ހިތުގެ ކަނެއްގައި ހިމޭން އަޑެއް އިވެމުން ދިޔައެވެ. އެއީ އަހަރެން އަޑުއަހަން ބޭނުންނުވި ހަޤީޤަތެކެވެ. ބައެއް ނިންމުންތަކަކީ، އެއީ ކިތަންމެ މަޖުބޫރުވެގެން ނިންމާ ނިންމުންތަކެއް ކަމުގައި ވިޔަސް، ހަމައެކަނި ނިންމުންތަކެއްގެ ގޮތުގައި ނުއޮންނާނެ ކަމެވެ. އެއީ ބޮޑު ވާހަކައެއްގެ ފެށުމެވެ. އަދި އެފަދަ ވާހަކަތަކަކީ ހުރިހާ ކަމެއް ބަދަލުކޮށްލުމުގެ ބާރު ލިބިގެންވާ އެއްޗެހި ކަމެވެ.
އަހަރެމެންގެ ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް އޭނާއާ ބައްދަލުކުރަން ދިޔަ ދުވަހު، ކަނޑު އޮތީ އާދަޔާ ޚިލާފަށް މަޑުމައިތިރިކޮށެވެ. ހީވަނީ ކަނޑުގެ ރާޅުތައް ވެސް އެ ދުވަހު އޭގެ ނުތަނަވަސްކަން ދޫކޮށްލަން ނިންމީހެންނެވެ. ފެރީގައި މާފުށްޓަށް ދިޔަ މަގުމަތީގައި، ނޫކުލައިގެ އެ ފުން ކަނޑުގެ އުދަރެހަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީ ބޭނުންވާ ވަރަށްވުރެ ގިނައިރުއެވެ. އަހަރެން މި ކުރަން އުޅޭ ކަމަކީ ހަމައެކަނި އެއްބަސްވުމެއްގެ ބައެއް ކަމާއި، މިއީ ވަގުތީ ކަމެއް ކަމަށާއި، މިއީ ހަމައެކަނި ބުއްދީގެ ނިންމުމެއް ކަމަށް އަމިއްލަ ނަފުސަށް ވިސްނައިދޭން އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. ނަމަވެސް، މިހާރު އެއިން އެއްވެސް ކަމަކީ އެހާ ފަސޭހަ ކަންތައްތަކެއް ނޫނެވެ.
މާފުށީ ޖަލަކީ އަހަރެން ހީކުރި ކަހަލަ ތަނެއް ނޫނެވެ. އެއީ ބޮޑު ކިއްލާއެއް ނުވަތަ އަނިޔާވެރިކަން ފެންނަން ހުރި ތަނެއް ނޫނެވެ. އެއީ ވަށައިގެން ފެންސު ޖަހާފައިވާ، ހިމޭން، ތިރި އިމާރާތެކެވެ. ބޭރުފުށުން ހުރިހާ ކަމެއް އާދައިގެ ގޮތަކަށް ފެނުނު ކަމުގައި ވިޔަސް، އެތެރެއަށް ފައި އެޅުމާއެކު ހިތަށް ބަރުވެ، ނޭވާލާން ދަތިވާ ފަދަ އިޙުސާސެއް ކުރެވެއެވެ.
ބައްދަލުކުރާ ކޮޓަރިއަށް އަހަރެން ގެންދިޔައިރު، އަހަރެންގެ އަތްތިލަ ވަނީ ފިނިވެފައެވެ. ކޮންމެ ފިޔަވަޅަކާއެކު ހިތުގެ ތެޅުން އަވަސްވަމުން ދިޔައީ ބިރުން ކަމެއް ނުވަތަ އެހެން ކަމަކުން ކަމެއް އަހަންނަކަށް ނޭނގެއެވެ.
އޭނާ އިނީ އެތާނގައެވެ. އިށީނދެގެންނެވެ. އިންތިޒާރުގައެވެ. އެއީ ރިޔާޒް ޙަލީމެވެ.
އަހަރެން އެތެރެއަށް ވަނުމުން އޭނާ ބަލައިލިއެވެ. އެ ވަގުތު އޭނާގެ މޫނުމަތިން ފެނުނީ ހައިރާންކަމެއް ނޫނެވެ. އަދި ހިތްހަމަޖެހުމެއް ވެސް ނޫނެވެ. އެއީ ބަޔާންކުރަން ދަތި، ކެތްތެރިކަމުން ފުރިފައިވާ އަސަރެކެވެ.
“އައްސަލާމު ޢަލައިކުމް.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ވަޢަލައިކުމުއްސަލާމް.” އަހަރެން އޭނާގެ ކުރިމަތީގައި އިށީންނަމުން ޖަވާބު ދިނީމެވެ. އަހަރެމެންގެ ދެމެދުގައި ހުރި ހުރަހަކީ ހަމައެކަނި ޖިސްމާނީ ހުރަހެއް ނޫނެވެ.
އިރުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. އެއީ އުނދަގޫވާވަރުގެ ދިގު ހިމޭންކަމެކެވެ. އެ ހިމޭންކަމުން އަހަރެމެންނަކީ ބީރައްޓެހިންކަން ހަނދާންކޮށްދިނެވެ. އަހަރެމެން ގުޅިފައިވަނީ އަހަރެމެން ދެމީހުންކުރެ މީހަކު އަމިއްލަ އިޚްތިޔާރުގައި ނިންމި ނިންމުމަކުން ނޫނެވެ.
“ތިހާ އަވަހަށް އަންނާނެ ކަމަކަށް އުންމީދެއް ނުކުރަން.” އެންމެ ފަހުން އޭނާ ބުންޏެވެ. “މިއީ އެއްބަސްވުމުގެ ބައެއް.” އަހަރެން ޖަވާބު ދިނީމެވެ. ފަހަރުގައި އެ ޖަވާބު ދެވުނީ މާ އަވަހަށެވެ.
އަހަރެންގެ ރާގު ހުރި ގޮތުން އޭނާ ބޯ ކުޑަކޮށް އަރިކޮށްލާފައި، އަހަންނަށް ފުންކޮށް ބަލައިލިއެވެ. “މިތަނުގައި ހަޤީޤަތް ފޮރުވަން އުޅޭނެ ކަމެއް ނެތް.” އޭނާ އޯގާތެރިކަމާއެކު ބުންޏެވެ.
“އަހަރެން މި އުޅެނީ ހަޤީޤަތް ފޮރުވާކަށް ނޫން.” އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުން އޭނާގެ ދެލޮލަކުން ނުފެނެއެވެ. “ކޮންމެ މީހަކު ވެސް ފުރަތަމަ ކަންތައް ކުރާނީ ތިހެން.”
އެއަށް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އެހެންވެ އަހަރެން އިނީ ހިމޭނުންނެވެ. މޭޒުމަތީގައި އަތްތިލަ ބާރުކޮށްލައިގެން އިނދެ، އަހަރެން މިތަނަށް ވަދެގެން އައި އިރު ހުރި ސާބިތުކަމާއި، ވަކި ފަރާތަކަށް ނުޖެހޭ މިޒާޖު ހިފެހެއްޓޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެ ސާބިތުކަން މިހާރު ދަނީ ބަލިކަށިވަމުންނެވެ.
ސަބަބަކީ، އޭނާގެ ކިބައިން ފެންނަ ކަންތައްތަކާއި އަހަންނަށް އިވިފައިވާ ވާހަކަތަކާ ދިމާނުވާތީއެވެ. އޭނާއަކީ މަޑުމައިތިރި މީހެކެވެ. ކެތްތެރި މީހެކެވެ. އަދި.. އޯގާތެރި މީހެކެވެ.
ޒިޔާރަތްތައް ކުރިއަށް ދިޔައެވެ. މަހަކު ދެ ފަހަރު، އޭނާގެ މަންމަ އެދުނު ގޮތަށެވެ. ކޮންމެ ފަހަރަކު ވެސް އަހަރެން ފެރީގައި ދަނީ އަހަރެންގެ ދިރިއުޅުމުގެ ކުދިކުދި ވާހަކަތައް ހިފައިގެންނެވެ. އަޔާންގެ ކިޔެވުމުގެ ވާހަކައާއި، ކެފޭގެ ވާހަކަތަކެވެ. ފުރަތަމަ މި ވާހަކަތައް ދެއްކީ ހަމައެކަނި ދައްކަން ޖެހޭތީ ކަމަށް ހީކުރެވުނަސް، ރިޔާޒް އެ ވާހަކަތައް އަޑުއަހަނީ ވަރަށް ޝައުޤުވެރިކަމާއެކުގައެވެ.
އޭނާ އަޑުއަހަނީ ހަމައެކަނި އަދަބުވެރިކަމަކަށް ނޫނެވެ. ނުވަތަ މަޖުބޫރުވެގެންނެއް ވެސް ނޫނެވެ. އޭނާގެ އެ ސަމާލުކަމުގެ ސަބަބުން، އެންމެ އާދައިގެ ކަންކަން ވެސް މުހިންމު ކަންތައްތަކަކަށް ވެގެންދެއެވެ. އޭނާ ހުރިހާ ކަމެއް ހަނދާން ބަހައްޓައެވެ. ކޮންމެ ތަފްސީލެއް ވެސްމެއެވެ.
“މި ހަފުތާގައި އަޔާންގެ އިމްތިހާނު އޮތް ވާހަކަ ބުނީމެއްނު.” އޭނާ އަހާނެއެވެ. “ކިހިނެއް ދިޔައީ؟” ނުވަތަ “މިދިޔަ ފަހަރު ބުނީމެއްނު ވަރަށް ވަރުބަލިވެފައޭ ހުރީ. މިހާރު ނިދި ހަމަކުރެވޭތަ؟”
ފުރަތަމަ އަހަރެން ޖަވާބު ދިނީ އިޙުތިރާމުގެ ގޮތުންނެވެ. އޭގެ ފަހުން އެއީ އާދައަކަށް ވިއެވެ. އަދި އެންމެ ފަހުން.. އެއީ އަހަރެން ބޭނުންވެގެން ކުރާ ކަމަކަށް ވިއެވެ.
ދެން ފެށުނީ ސިޓީތަކެވެ. ފެށުމުގައި އަހަރެން ސިޓީ ލިޔުނީ ބީރައްޓެއްސަކަށް ލިޔާ ފަދައިން ރަސްމީކޮށެވެ. ނަމަވެސް އޭނާގެ ސިޓީތައް ތަފާތެވެ. އެ ސިޓީތައް ހުންނަނީ ވަރަށް ރީތިކޮށް ފަށްޖަހާފައެވެ. ކުދި އަތުލިޔުމުން ފުރިފައެވެ. ސިޓީގެ އަރިމަތީގައި ކުދިކުދި ކުރެހުންތައް ހުރެއެވެ. ރާޅުތަކާއި، ދޯނިފަހަރާއި، ރުއްތަކެވެ. ބައެއް ފަހަރު އަހަރެން ކިޔައިދޭ ވާހަކަތަކަށް ބިނާކޮށް އޭނާ އަމިއްލައަށް ތަސައްވަރުކުރާ މީހުންގެ ސިފަތައް ވެސް ކުރަހާފައި ހުރެއެވެ.
“އަހަރެން ތި ކެފޭ ކުރަހަން މަސައްކަތް ކުރިން.” އެއްފަހަރު އޭނާ ލިޔެފައި އޮތެވެ. “އެއީ ހަމަ ހަޤީޤީ ސިފަ ކަމެއް ނޭނގެ. އެކަމަކު އުންމީދު ކުރަނީ މީގެ ސަބަބުން އައިޝާގެ މޫނުމައްޗަށް ހިނިތުންވުމެއް އަންނާނެ ކަމަށް.”
އަދި ހަމަ ހަޤީޤަތުގައި ވެސް އެކަން އެހެން ވިއެވެ. އަހަރެން ހީކުރި ވަރަށްވުރެ ބޮޑަށެވެ.
މަޑުމަޑުން، އަހަންނަށް ނޭނގި ނަމަވެސް، އަހަރެންގެ ސިޓީތަކަށް ބަދަލު އަންނަން ފެށިއެވެ. ސިޓީތައް ދިގުވާން ފެށިއެވެ. އިޚްލާޞްތެރިކަން އިތުރުވިއެވެ. އަހަރެން އެއްވެސް މީހެއްގެ ގާތުގައި، އަދި އަމިއްލަ ނަފުސާ ވެސް ހިއްސާނުކުރާ ވާހަކަތައް އޭނާއަށް ކިޔައިދޭން ފެށީމެވެ. ނިދި ނާންނަ ރޭރޭގެ ވާހަކައެވެ. އަޔާން ބޮޑުކުރުމުގައި ފޭލްވެދާނެތީ ކުރެވޭ ބިރުވެރި އިޙުސާސްތަކެވެ. އަދި އެކަނިވެރިކަމުގެ ވާހަކައެވެ.
އަހަރެން ސިޓީ ލިޔާ ކޮންމެ ފަހަރަކު، އޭނާ ޖަވާބު ދެނީ އަހަރެންގެ މައްސަލަތައް ހައްލުކޮށްދޭކަށް ނޫނެވެ. ނުވަތަ އަހަންނަށް ފާޑުކިޔާކަށް ވެސް ނޫނެވެ. އޭނާ ހަމައެކަނި.. އަހަރެން ބުނާ އެއްޗެއް ދެނެގަނެއެވެ.
(ނުނިމޭ)
