ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފޯރިގަދަ ކުޅުމެއް ފެނުނު މެޗު ކާމިޔާބުކޮށް އާރުސީސީ ފައިނަލަށް
ސެކްޓާ ލީގު - އެފްބީ

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އާރުސީސީ ހޯދައިފި އެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ހޯކްސް އާއި ވެލިގާ ބައްދަލުކުރިއިރު ދެވަނަ މެޗުގައި ބައްދަލުކުރީ އާރުސީސީ އާއި އެމްއައިބީ އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އާރުސީސީ އާއި އެމްއައިބީ އެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް ސިކްސްޓީންއަށް ދަތުރުކުރި އާރުސީސީން ރައުންޑް އޮފް ސިކްސްޓީންގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ކުއާޓާރ ފައިނަލް މެޗުން އެ ޓީމު މޮޅުވީ ޕެނަލްޓީ ޖަހައިގެން ނެވެ. އެމްއައިބީއަކީ ގުރޫޕް އޭގެ ދެވަނަ ޓީމެވެ. ރައުންޑް އޮފް ސިކްސްޓީންގައި އެ ޓީމުން ފަސޭހަ މޮޅެއް ހޯދިއިރު، ކުއާޓާރ ފައިނަލް މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެން ނެވެ.

ކުރިން ވެސް ބެލެވުނު ގޮތަށް މި މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މެޗަކަށެވެ. ގިނަ ލަނޑުތަކެއް ފެނުނު މި މެޗު ފެށުމާއިއެކު ލީޑު ނެގުމަށް ދެ ޓީމުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ލީޑު ނެގީ އާރުސީސީން ނެވެ. 13 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ޒިޔާން އެވެ. ޒިޔާން ޖަހައިދިން މި ލަނޑަށް މާ ގިނައިރެއް ނުވެ މުޙައްމަދު ނާއިސް ވަނީ އެމްއައިބީއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މިވެސް ކިޔާލަން:  އެޗްޑީސީ ބަލިކޮށް އެސްޓީއޯ ފައިނަލަށް

ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު މި މެޗުގެ 17 ވަނަ މިނިޓްގައި އެމްއައިބީން ވަނީ ފަހަތުން އަރައި ލީޑު ވެސް ނަގާފަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އާރުސީސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހްސަން ރަޝާދު އެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ވެހެމުންދިޔަ ބޯ ވާރޭގައި ކުޅެމުންދިޔަ މި މެޗުގައި ދެވަނަ ފަހަރަށް އާރުސީސީން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ޢަބްދުﷲ ޒިޔާން ކާމިޔާބުކޮށްދިން އޭނާގެ ދެވަނަ ލަނޑުން ނެވެ. އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އަމިއްލަ މަސައްކަތުން އެމްއައިބީއަށް ޢަލީ އަޖްމަލް ކާމިޔާބުކޮށްދިން ލަނޑާއިއެކު ތިންވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަވި އެވެ.

މެޗު ކާމިޔާބުކޮށް ފައިނަލަށް ދިއުމަށްޓަކައި ދެ ޓީމުން ވެސް މޮޅެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ މި މެޗުގައި ދެވަނަ ފަހަރަށް އެމްއައިބީން ލީޑު ނެގީ ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިޔާން އަޙްމަދު ރަޝީދު އެވެ. މެޗެއްގައި ބަލާލަން ބެލުންތެރިން އެންމެ ބޭނުންވާނެ ގިނަ ކަންތައްތަކެއް ފެނިގެން ދިޔަ މި މެޗުގައި އާރުސީސީގެ ޢަބްދުﷲ ޒިޔާން ފުރިހަމަކުރި ހެޓްރިކާއިއެކު ހާފުގެ ފަހުކޮޅު އަނެއްކާ ވެސް ނަތީޖާ ހަމަހަމަވި އެވެ.

ދެވަނަ ފަހަރަށް އެމްއައިބީއަށް ލީޑު ނަގައިދިން އިޔާން އަޙްމަދު ރަޝީދު ފުރިހަމަކުރި ހެޓްރިކާއިއެކު ތިންވަނަ ފަހަރަށް ވެސް ލީޑު ނަގައިދިނެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ނެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޢަބްދުﷲ ޒިޔާން ކާމިޔާބުކުރި ހަތަރުވަނަ ލަނޑާއިއެކު މެޗުގެ ނަތީޖާ 5-5 އިން ހަމަހަމަވެ މެޗުގެ ފޯރި އިތުރަށް ގަދަވި އެވެ. ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ދެ ޓީމުން ވެސް އިތުރު ކުރިއިރު، ޑިފެންސަށް ދިން ސަމާލުކަން ވެސް އިތުރުކުރި އެވެ.

މިވެސް ކިޔާލަން:  ޖަންނަތުގެ ރަނުގެ އަގަކީ ކިހާވަރެއްކަން އެނގޭތަ؟

ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ 5-5 އިން އެއްވަރުވެގެން ނެވެ.

ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް 4-3 އިން ކާމިޔާބުކޮށް، އާރުސީސީން ފައިނަލްގެ ދެވަނަ ޖާގަ ހޯދީ 9-8 އިން މެޗު ކާމިޔާބުކޮށްގެން ނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އާރުސީސީން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، އެއް ޕެނަލްޓީ އެމްއައިބީގެ ކީޕަރު ދިފާއުކުރި އެވެ. އެމްއައިބީން ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު، އެއް ޕެނަލްޓީ ދަނޑިމަތިން ބޭރަށް އަދި އެއް ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވެ ނާކާމިޔާބުވި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުސީސީ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރި ޢަބްދުﷲ ޒިޔާން އެވެ.

އާރުސީސީ އާއި ހޯކްސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top