ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޕޮކަލިޕްސް ބަލިކޮށް ކަންމަތި އެފްސީ ތިން ތަރި ޖަހައިފި

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމް ކޮށްގެން ބާއްވާ، މިޔަޓް ފުޓްސަލް ފިއެސްޓާ 2026 ގެ ފައިނަލްގައި އެޕޮކަލިޕްސް ބަލިކޮށް ކަންމަތި އެފްސީން ތިން ތަރި ޖަހައިފިއެވެ. ތިން ތަރި ޖަހަން ކަންމަތި އެފްސީ ނުކުތް ފުރަތަމަ އަހަރު އެކަން ހުއްޓުވި، އެޕޮކަލިޕްސް ވަނީ މި އަހަރު ތިން ތަރިއަށް އުންމީދުކޮށްގެން ނުކުތް ދިއްފުށްޓަށް ވެސް ހުރަސްތަކެއް ކުރިމަތި ކުރުވާފައެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ އެޕޮކަލިޕްސްއަށް، އެ ޓީމުން ދެ ފަހަރަށް ހެދި ރެކޯޑް އެންމެ މުހިންމުވި ވަގުތު ހެޓްރިކަށް ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ.

ކ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ތުލުސްދޫގައި ބާއްވާ މި މުބާރާތަކީ ކ. އަތޮޅުގައި ބާއްވާ މިފަދަ އެންމެ ފޯރިގަދަ މުބާރާތެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކުރި އެޕޮކަލިޕްސް އާއި ވާދަވެރި ފޯރިގަދަ ސެމީ ފައިނަލް ދެވަނަ މެޗު ޕެނަލްޓީގައި ކުރި ހޯދައި ކާމިޔާބުކުރި ކަންމަތި އެފްސީ ވާދަކުރި ފައިނަލް މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ ފައިނަލް މެޗަކަށެވެ.

ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފުޓްސަލް ތަރިންނާއި، ޤައުމީ ފުޓްސަލް ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ދެ ޓީމުގައި ވެސް ހިމެނުނު، މި މެޗު ފެށުމާއިއެކު ފެނުނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ދެ ޓީމުން ބޭނުންވެފައިވާވަރެވެ. ފުރަތަމަ ސިކުންތާއިއެކު ހަމަލާތައް ފެށުނު މި މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ކަންމަތިންނެވެ. އެ ޓީމުގެ ކެޕްޓަން ޔާމީން އޭރިޔާ ބޭރުން ފޮނުވާލީ ބޯޅަ އެޕްކަލިފްސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިވެސް ކިޔާލަން:  "އައިއެކްސް މެރިން ހަންޏާސް ފުޓްސަލް ކަޕް" މާދަމާ ފަށަނީ!

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމުން ހޯދިއިރު، ހާފުގެ ކުރީކޮޅު އެޕޮކަލިޕްސްއިން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެއް ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައިރު، ހުސައިން ޝަރީފް ފޮނުވާލި ބާރު ބޯޅައެއް ކަންމަތި އެފްސީގެ ކީޕަރު ދިފާއުކުރިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން، ގާތްގާތުގައި ފޮނުވާލި ތިން ބޯޅައެއް ކީޕަރާއި ޑިފެންޑަރުން ސަލާމަތްކުރިއެވެ. ކަންމަތި އެފްސީން ފޮނުވާލި ބާރު ބޯޅަތަކެއް އެޕޮކަލިޕްސްގެ ކީޕަރު ދިފާއުކުރިއިރު، އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި އެޕޮކަލިޕްސްގެ ހުސައިން ޝަރީފް ވަނީ ފަހަތުގައި މަޑުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ބަލާހިތްވާފަދަ ފޯރިގަދަ ރީތި ކުޅުމެކެވެ. ލަނޑު ޖެހުމަށް އިސްކަންދިން ފަދައިން ޑިފެންސް ކުރުމަށް ވެސް ދެ ޓީމުން ދިޔައީ އިސްކަން ދެމުންނެވެ. ލަނޑެއް ޖެހުމަށް ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް ދެވަނަ ހާފުގެ ކުރީކޮޅު ކަންމަތި އެފްސީން ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގެ ހަތަރުވަނަ މިނިޓްގައި ކަންމަތި އެފްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އޭނާ މި ލަނޑު ޖެހީ ކަންމަތި އެފްސީގެ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އެޕޮކަލިޕްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިޔާ ކައިރިއަށް ޖެހިލައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

ކަންމަތި އެފްސީން ލީޑު ނެގިތާ އިރުކޮޅެއް ފަހުން ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ފުރުސަތެއް އެޕޮކަލިޕްސްއަށް ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ދެ ޓީމުގެ ފަރާތުން، ވަރުގަދަ އެޓޭކިން ގޭމެއް ފެނުނު މި މެޗުގައި ކަންމަތި އެފްސީން ފޮނުވާލި ގިނަ ހަމަލާތަކެއް މި ހާފުގައި ވެސް އެޕޮކަލިޕްސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިވެސް ކިޔާލަން:  މާޒިޔާ ބަލިކޮށް ތަޖިކިސްތާނުގެ ރެގާ އޭއެފްސީ ޗެލެންޖް ލީގަށް

އެޓޭކްތަކަށް ދިން ސަމާލުކަން، ޑިފެންސް ކުރުމުގައި ވެސް ގެންގުޅުނު ކަންމަތި އެފްސީން އެ ޓީމުގެ ހުވަފެން ހަޤީޤަތަކަށް ހެދި މި މެޗު ނިމުނީ، ދެ ޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

1-0 އިން މެޗު ކާމިޔާބުކޮށް، ކަންމަތި އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ބަލާލާއިރު، މުބާރާތުގެ ޗެމްޕިއަންކަން ޓީމަކީ ކަންމަތި އެފްސީއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ އެޕޮކަލިޕްސް އެވެ. މުބާރާތުގެ ބެސްޓް ސަޕޯޓިންގް ޓީމަކީ އެޕޮކަލިޕްސް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އެކްސް ބޯއީސްގެ ޝަނާން ރަޝާދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ކަންމަތި އެފްސީގެ ޢަބްދުﷲ ޝާފިއު (ޝާއްޕެ) ހޯދާފައިވާއިރު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ކަންމަތި އެފްސީގެ ހުސައިން ސުހައިލް (ޝޮކޭ) އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އެޕޮކަލިޕްސްގެ ހުސައިން ޝަރީފް (އޮންލީ)، ކަންމަތި އެފްސީގެ ހުސައިން ސުހައިލް (ޝޮކޭ)، އެޕޮކަލިޕްސްގެ ނައްފާޒް ސައުދު، ކަންމަތި އެފްސީގެ ޢަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އެޕޮކަލިޕްސްގެ އަޙްމަދު އަފްލާޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top