މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ މަޤުބޫލު އަދި އެންމެ ކުޅަދާނަ އެއް ބަތަލާ މަރިޔަމް އައްޒަ ޕްރޮޑިއުސްކޮށް ލީޑް ރޯލުން ފެނިގެންދާ ފިލްމު “ދެވި”ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. މިއީ ޕްރޮޑިއުސަރެއްގެ ގޮތުގައި އައްޒަ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މީސްމީޑިއާގައި މިއަދު މި ފިލްމުގެ ޓްރެއިލާ އާންމުކުރަމުން ބުނެފައިވަނީ “އަނދިރިކަމަށް ހެކިވޭ. ބިރުވެރިކަން އިޙުސާސްކުރޭ. ދެވީގެ ދުނިޔެއަށް ވަދޭ.” މިހެންނެވެ.
އައްޒަ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ބިރުވެރިކަމާއި ލޯބީގެ މަންޒަރުތަކެއް ފެނިގެންދެއެވެ. އައްޒަގެ ތަފާތު މޮޅު އެކްޓިންއެއް ފެނިގެންދާއިރު ޓްރެއިލާއިން ފެނިގެންދާ މައިގަނޑު ތަރިންގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. ޓްރެއިލާއިން ފެނިގެންދަނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ކަންތައްގަނޑަކުން ސަލާމަތްވުމަށް ކުރާ ކަންތައްތަކެކެވެ. މީގެ އިތުރުން ވަރަށް ލޯބީގެ މަންޒަރުތަކެއްވެސް ފެނިގެންދެއެވެ.
View this post on Instagram
“ދެވި” ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ތަރިންނަނީ މަރިޔަމް އައްޒަ، ޝަރަފް ޢަބްދުﷲ، ފިލްމަކުން އަލަށް ތައާރަފުވާ ހަމްދާން ސަލީމް، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) އެވެ.
ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާލް ޒަކީ އާ ގުޅިގެން ޔާރާ ޕްރޮޑަކްޝަންސް އިން ގެންނަ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ފިލްމީ ދާއިރާގެ އެކިއެކި ފަންނުތަކުގައި ނަން މަޝްހޫރު ޙުސައިން ހާޒިމް (ސޭންޑީ) އެވެ. މަރިޔަމް އައްޒަ ޕްރޮޑިއުސްކުރާ “ދެވި”ގެ ސްކްރިޕްޓް ލިޔެފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.
ވަރަށް ވަރުގަދަ އަދި ބިރުވެރި ނުވަތަ ސަސްޕެންސެއް އެކުލެވޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ. ފިލްމީ ދާއިރާގެ ގިނަ ބަޔަކު މިހާރުވެސް އަންނަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
މިއަދު ރިލީޒްކުރި ޓްރެއިލާއާއެކު ފިލްމުގެ އޮންލައިން ބުކިންއަށްވެސް ވަނީ ހުޅުވާލާފައެވެ. ޓިކެޓް ބުކް ކުރުމަށް 7424544 އަށް ގުޅުއްވުމަށް ފިލްމުގެ ޓީމުން މަޢުލޫމާތުދެއެވެ.
