ޕާކިސްތާނުގެ ޓީވީ ޑްރާމާތަކަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އާ ޑްރާމާ ސީރީޒް “ނަޝްތަރު” މި ހިނގާ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ރޭ (މާދަމާ ރޭ) ދައްކަން ފެށުމަށް ހަމަޖެހިއްޖެއެވެ. މިއީ ޕާކިސްތާނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދާނިޝް ތައިމޫރާއި އަންމޯލް ބަލޯޗް އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ދާނިޝް ތައިމޫރު، އަންމޯލް ބާލޮޗް އަދި ނައީމާ ބަޓްގެ އިތުރުން އުސްމާން ޕީރްޒާދާ، ހާރޫން ޝާހިދު އަދި ޔޫސުފް ބަޝީރު ޤުރައިޝީ ފަދަ ތަޖުރިބާކާރު އެތައް ތަރިންނެއް ފެނިގެންދާނެއެވެ.
“ނަޝްތަރު” އަކީ އިޖުތިމާއީ މައްސަލަތަކާއި، ލޯތްބާއި، އަދި ވަރުގަދަ ޖަޒުބާތުތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރުގަދަ ޑްރާމާއެކެވެ. މި ޑްރާމާގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ބާރުގަދަ އަދި ނުފޫޒުގަދަ ޝަޚްސިއްޔަތެއް ކަމަށްވާ ޝާހް ދާއޫދު އާއި އަމިއްލަ އިއްޒަތާއި އަބުރަށް ލޯބިކުރާ އަންހެން ކުއްޖެއް ކަމަށްވާ ބަރީރާ އިޢުޖާޒްގެ ދެމެދުގައި ހިނގާ ހަލަބޮލި އަދި ފޯރިގަދަ ގުޅުމުގެ މައްޗަށެވެ. މީގެ އިތުރުން، ތަމްސީލްގެ ނަމުގައި ފެނިގެންދާ ސިއްރުވެރި ކެރެކްޓަރާއެކު ވާހަކައިގެ ޝައުޤުވެރިކަން އިތުރަށް ބޮޑުވެގެންދެއެވެ.
މަހާ މަލިކްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށް، ސިރާޖުލް ހައްޤު ޑައިރެކްޓްކޮށްފައިވާ މި ޑްރާމާއަކީ މަޝްހޫރު ޕްރޮޑަކްޝަން ހައުސް “ސެވަންތު ސްކައި އެންޓަޓެއިންމަންޓް” ގެ ދަށުން ޢަބްދުﷲ ކަދްވާނީ އަދި އަސަދު ޤުރައިޝީ ޕްރޮޑިއުސްކޮށްފައިވާ އުފެއްދުމެކެވެ. މޮޅު ޑައިރެކްޝަނަކާއި ވަރުގަދަ ކާސްޓަކާއެކު ގެނެސްދޭ “ނިޝްތަރު” ވެގެންދާނީ ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާނެ ޑްރާމާއަކަށް ކަމަށް ބެލެވެއެވެ.
މި ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ ޖިއޯ އެންޓަޓެއިންމަންޓް ޗެނަލުންނެވެ. އެގޮތުން އޮގަސްޓް 21 (މާދަމާ ރޭ) އިން ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭގަނޑު 8:00 ގައި މި ޑްރާމާ އެ ޗެނަލުން ދުރަށް ފޮނުވާނެއެވެ. މީގެ އިތުރުން ޖިއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލްޖިއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ސްޓްރީމް ކުރާނެއެވެ.
